އުޟުޙިޔާ ކަތިލާ މީހާގެ އިސްތަށްޓާއި ނިޔަފަތީގެ ޙުކުމް
ސުވާލު
އުޟުޙިޔާ ކަތިލަން ބޭނުންވާ މީހާ، އުޟުޙިޔާ ކަތިލުމުގެ ކުރިން، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި، ބޯކޮށުމާއި ނިޔަފަތި ކެނޑުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު
الحمد لله، والصلاة والسلام على رسول الله، وعلى آله
وصحبه، أما بعد:
އުއްމުލްމުއުމިނީން އުއްމު
ސަލަމާގެ އަރިއަހުން ނަޤުލުވެގެން، ޞަޙީހު މުސްލިމުގައި
ވާރިދުވެފައި ވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ.
(إِذَا دَخَلَتْ العَشْرُ، وَأَرَادَ أَحَدكُمْ أَنْ
يُضَحِّي، فَلَا يَمَسَّ مِنْ شَعْرِهِ وَبَشَرِهِ
شَيْئًا)
މާނައީ "(ޛުލްޙިއްޖާ މަހުގެ ފުރަތަމަ) ދިހަ
ދުވަސް ފެށިއްޖެއްޔާ، އަދި ތިޔަބައިމީހުންގެ ތެރެއިން
މީހަކު އުޟުޙިޔާ ކަތިލަން ބޭނުންވާނަމަ، ފަހެ، އޭނާގެ
އިސްތަށިންނާއި އޭނާގެ ގައިން އެއްޗެއް
އުނިނުކުރާހުށިކަމެވެ."
"އަލްޙާވީ" އެވެ، ކިޔާ
ފޮތުގައި، އަލްމާޥަރްދީ ވިދާޅުވެފައި ވެއެވެ.
ނަންގަނެވިދިޔަ ޙަދީޘް ބަސްފުޅަށް ޢަމަލުކުރުމުގައި
ފިޤުހުވެރިންގެ ތިން މަޛުހަބެއް ވެއެވެ.
ފުރަތަމަ މަޛުހަބު
މިއީ ޝާފިޢީ މަޛުހަބެވެ. މި މަޛުހަބުގައި ވަނީ، އުޟުޙިޔާ ކަތިލަން ބޭނުންވާ މީހާ (ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި) ބޯކޮށުމާއި އޭނާގެ ގައިން އެއްޗެއް އުނިކުރުމުން އެއްކިބާވެގަތުމަކީ މުސްތަޙައްބު ކަމެއް ކަމަށާއި، އެއީ ވާޖިބުވެގެންވާ ކަމެއް ނޫން ކަމަށެވެ. ސުންނަތްވެގެންވަނީ، އުޟުޙިޔާ ކަތިލަން ބޭނުންވާ މީހާ، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި، އޭނާގެ ބޮލުގެ އިސްތަށިންނާއި އޭނާގެ ގައިގެ ހަމުން އެއްޗެއް އުނިނުކުރުމެވެ. ފަހެ، އޭނާ އެއިން އެއްޗެއް އުނިކުރުމަކީ، މަކްރޫހަ ކަމެކެވެ. އޭނާ އެއިން އެއްޗެއް އުނިކުރުމަކީ، އޭނާގެ މައްޗަށް ޙަރާމް ކަމެއް ނޫނެވެ. މިއީ (މަދީނާގެ ތާބިޢީ ބޭކަލުންގެ ޢިލްމުވެރިންގެ ތެރެއިން) ސަޢީދު ބްނުލްމުސައްޔިބުގެ ބަސްފުޅެވެ.
ދެވަނަ މަޛުހަބު
މިއީ އަލްއިމާމު އަޙްމަދު ބްނު ޙަންބަލް އާއި އިސްޙާޤު ބްނު ރާހަވައިހި ގެ މަޛުހަބެވެ. އެ ދެ ބޭކަލުން ވިދާޅުވެފައި ވަނީ، އުޟުޙިޔާ ކަތިލަން ބޭނުންވާ މީހާ (ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި) ބޯކޮށުމާއި އޭނާގެ ގައިން އެއްޗެއް އުނިކުރުމުން އެއްކިބާވެގަތުމަކީ ވާޖިބުވެގެންވާ ކަމެއް ކަމަށެވެ. އޭނާގެ އިސްތަށިންނާއި އޭނާގެ ގައިގެ ހަމުން އެއްޗެއް އުނިކުރުމަކީ އޭނާގެ މައްޗަށް ޙަރާމްވެގެންވާ ކަމެއް ކަމަށެވެ. އެއީ ޙަދީޘް ބަސްފުޅުގައި ވާ ބަސްފުޅުގެ ބޭރުފުށުގެ މާނައިން އެ ކަން އެނގޭތީއެވެ. އަދި އެއީ އިޙްރާމް ބަނދެގެން ހުންނަ މީހާއާ އެއްގޮތްވުން ވެސް އެ ކަމުގައި ވާތީއެވެ.
ތިންވަނަ މަޛުހަބު
މިއީ އަލްއިމާމު އަބޫ ޙަނީފާ އާއި އަލްއިމާމު މާލިކުގެ
މަޛުހަބެވެ. އެ ދެ ބޭކަލުން ވިދާޅުވެފައި ވަނީ، އުޟުޙިޔާ
ކަތިލަން ބޭނުންވާ މީހާ (ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ
ދުވަހުގެ ތެރޭގައި) ބޯކޮށުމާއި އޭނާގެ ގައިން އެއްޗެއް
އުނިކުރުމުން އެއްކިބާވެގަތުމަކީ، ސުންނަތްވެގެންވާ ކަމެއް
ނޫން ކަމަށެވެ. އަދި އޭނާގެ ބޯކޮށުމާއި އޭނާގެ ގައިން
އެއްޗެއް އުނިކުރުމުމަކީ މަކްރޫހަ ކަމެއް ނޫން ކަމަށެވެ.
އެހެނީ، އިޙްރާމް ބަނދެގެން ހުންނަ މީހާގެ މައްޗަށް
ޙަރާމްވެގެންވާ ކަންކަން، އުޟުޙިޔާ ކަތިލަން ބޭނުންވާ
މީހާގެ މައްޗަށް ޙަރާމްވެގެނެއް ނުވެއެވެ.
<>
އުޟުޙިޔާ ކަތިލަން ބޭނުންވާ މީހާ، އުޟުޙިޔާ
ކަތިލައިފުމަށް ދާންދެން، އޭނާގެ ބޯކޮށުމާއި އޭނާގެ ގައިން
އެއްޗެއް އުނިކުރުމަކީ، މަކްރޫހަ ކަމެއް ކަމުގައި ބުނާ
ޤައުލަށް ބުރަވިޔަސް، އޭނާ އެއިން ކަމަކަށް މުހުތާދުވެދާ
ހިނދު، އޭނާ އެއިން ކަމެއް ކުރުމަކީ މަކްރޫހަކަމެއް
ނޫނެވެ. އެހެނީ، މަކްރޫހަ ކަމެއް ކުރުމަށް މުހުތާދުވުމަކީ،
އުޞޫލީ ޢިލްމުވެރިންގެ އަރިއަހުގައި، މަކްރޫހަކަން
ފިލައިގެންދާ ކަމެކެވެ.
والله أعلم.
މަޞްދަރު
حكم حلق المضحي شعره في العشر الأول من ذي الحجة
https://www.islamweb.net/ar/fatwa/129770