އުޟުޙިޔާ ކަތިލުމުގެ ކުރިން ނިޔަފަތި ކެނޑުމުގެ ޙުކުމް
ސުވާލު
އުޟުޙިޔާ ކަތިލުމުގެ ނިޔަތުގައި، އަޅުގަނޑާއި އަޅުގަނޑުގެ އަޚުންނާއި އުޚުތުން، ފައިސާ ޖަމާކުރީމުއެވެ. ދެން އަޅުގަނޑު ޙައިޟުން ޠާހިރުވުމުން، އިސްތަށި ބާލައި ނިޔަފަތި ކެނޑީމެވެ. އަޅުގަނޑު ޤަޞްދުކޮށްފައި ވަނީ (އެބަހީ: ނިޔަތްގަނެފައި ވަނީ) މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށެވެ. ފަހެ، އަޅުގަނޑު އިސްތަށި ބާލައި ނިޔަފަތި ކެނޑީތީ، އަޅުގަނޑު އަދާކުރަންޖެހޭ ކައްފާރާއެއް ވޭތޯއެވެ؟
ޖަވާބު
الحمد لله، والصلاة والسلام على رسول الله، وعلى آله
وصحبه، أما بعد:
އުޟުޙިޔާ ކަތިލަން ބޭނުންވާ މީހާ،
ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މުއްދަތުގެ
ތެރޭގައި، އޭނާގެ ގައިން އިސްތަށި ބޭލުމާއި ނިޔަފަތި
ކެނޑުމުން އެއްކިބާވެގަތުމަކީ، އިސްލާމީ ޝަރުޢުގައި އޮތް
ކަމެކެވެ. ނަމަވެސް، އެ ކަމާމެދު ޢިލްމުވެރިން
ބުރަވެވަޑައިގަންނަވާ މަޛުހަބުތަކެއް ވެއެވެ. (އެބަހީ:
އެކި މަޛުހަބުގައި އެ ކަމާމެދު އޮތް ޙުކުމް ތަފާތެވެ.)
ދަންނައެ! ޙައްޖުގެ އަޅުކަން އަދާކުރުމަށް
ނިޔަތްގަންނަ މީހާ، އިޙްރާމް ބަނުމުން ޙަރާމްވެގެންވާ ކަންކަމުން ދުރުހެލިވުމަކީ، އޭނާ
އިޙްރާމް ބަނުމުގެ ކުރިން އޭނާގެ މައްޗަށް ލާޒިމުވެގެންވާ
ކަންކަމެއް ނޫނެވެ. ތިބާގެ ހަށިގަނޑުން އިސްތަށި ބާލައި
ނިޔަފަތި ކެނޑީ ޛުލްޙިއްޖާ މަސް ފެށުނު ފަހުން ކަމުގައި
ވާނަމަ، އަދި ތިބާއަށް އެ ކަން ކުރެވުނީ ހަނދާން ނެތުމުގެ
ސަބަބުން (ނުވަތަ ނޭނގުމުގެ ސަބަބުން) ކަމުގައި ވާނަމަ، އެ
ކަމާމެދު ދީނީ ގޮތުން ތިބާ ކުރަންޖެހޭ އެއްވެސް ކަމެއް
ނެތެވެ. މި ކަމުގެ ދަލީލަކީ (رَبَّنَا لَا تُؤَاخِذْنَآ
إِن نَّسِينَآ أَوْ أَخْطَأْنَا) (1) މި އާޔަތެވެ.
(މާނައީ "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން
ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަޞްދެއްނެތި އަޅަމެންނަށް
ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް
ނުދެއްވާނދޭވެ!")
ދެންފަހެ، ޛުލްޙިއްޖާ މަސް ފެށުނު
ފަހުން، އުޟުޙިޔާ ކަތިލުމުގެ ކުރިން، ޤަޞްދުގައި އިސްތަށި
ބާލައިފި މީހާގެ މައްޗަށް އޮތީ ކޮން ކަމެއްތޯއެވެ؟
ޛުލްޙިއްޖާ މަސް ފެށުނު ފަހުން، އުޟުޙިޔާ ކަތިލުމުގެ
ކުރިން އިސްތަށި އުނިކުރުމާއި ނިޔަފަތި ކެނޑުމަކީ ޙަރާމް
ކަމެއް ކަމަށް އޮތް މަޛުހަބުގައި ވަނީ، އޭނާގެ މައްޗަށް
އޮތީ ތައުބާވުމާއި އިސްތިޣުފާރުކުރުން ކަމަށެވެ.
(އިސްތިޣުފާރުކުރުމަކީ، ފާފަ ފުއްސެވުމަށް އެދި
ދުޢާކުރުމެވެ.) މި މަޛުހަބުގައި ވެސް، ކައްފާރާއެއް ނުވަތަ
ފިދުޔައެއް ދިނުމަކީ، އޭނާގެ މައްޗަށް އޮތް ކަމެއް ނޫނެވެ.
والله أعلم.
(1) އަލްބަޤަރާ: 286
މަޞްދަރު
حكم من أراد الأضحية وأخذ من شعره وظفره بعد دخول ذي الحجة
https://www.islamweb.net/ar/fatwa/143047