ޢާއިޝަތުގެފާނުގެ މުޢުތަބަރު ބަސްފުޅު
އުޟުޙިޔާ ކަތިލަން ބޭނުންވާ މީހާގެ ގައިން އިސްތަށްޓާއި
ނިޔަފަތި އުނިނުކުރުމަށް އޮންނަ، އުއްމުސަލަމާގެ
އަރިއަހުން ވާރިދުވެފައި ވާ ޙަދީޘް ބަސްފުޅަށް، ބައެއް
ޢިލްމުވެރިން ޢަމަލުނުކުރައްވަނީ، އެއަށްވުރެ މުޢުތަބަރު
ބަސްފުޅެއް ވާރިދުވެފައި ވާތީއެވެ. އެއީ ޢާއިޝަތުގެފާނުގެ ބަސްފުޅެކެވެ.
އެ ކަމަނާ އެ ބަސްފުޅު ވިދާޅުވީ، އިބްނު ޢައްބާސުގެފާނުގެ
ފަތުވާއަކަށް ރައްދުދެއްވަމުންނެވެ.
ޢަމްރަތު
ބިންތު ޢަބްދިއްރަޙްމާން ވިދާޅުވެފައި ވެއެވެ. ޒިޔާދު ބްނު
އަބީ ސުފްޔާން، ޢާއިޝަތުގެފާނަށް ސިޓީފުޅެއް ލިޔުއްވިއެވެ.
އެ ސިޓީފުޅުގައި ވެއެވެ.
"ކަޢުބަތުﷲ ގެފުޅަށް
ހަދުޔެއް (އެބަހީ: ޖަމަލެއް ނުވަތަ ގެރިއެއް ނުވަތަ
ބަކަރިއެއް) ހަދިޔާކޮށްފި މީހާ، ޙައްޖު މޫސުމުގައި އެ
ކަތިލަން ފޮނުވުމަށްފަހު، އޭނާ އިޙްރާމް ނުބަނދެ ހުރި
ކަމުގައި ވިޔަސް، އޭނާ ޙައްޖަށް ދިއުމަށް ނުފުރާ ކަމުގައި
ވިޔަސް، އޭނާގެ ރަށުގައި އޭނާ ހުރިކަމުގައި ވިޔަސް،
ޙައްޖުވެރިޔާގެ މައްޗަށް ޙަރާމްވެގެންވާ ކަންކަން، އޭނާގެ
މައްޗަށް ޙަރާމްވެގެންވެއެވެ. ... އޭނާ ފޮނުވި ހަދްޔު
ކަތިލައިފުމަށް ދާންދެން އޭނާ ހުންނަންވާނީ އެ
ގޮތުގައެވެ."
އިބްނު ޢައްބާސުގެފާނުގެ މި ފަތުވާ،
ޢާއިޝަތުގެފާނަށް އިވިވަޑައިގަތް ހިނދު، އެ ފަތުވާގައި
ވަނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ،
ޢަމަލުކުރެއްވި ގޮތް ނޫންކަން ބަޔާންކޮށްދެއްވަމުން
ވިދާޅުވިއެވެ.
(كانَ رَسولُ اللَّهِ صَلَّى اللهُ
عليه وسلَّمَ يُهْدِي مِنَ المَدِينَةِ، فأفْتِلُ
قَلَائِدَ هَدْيِهِ، ثُمَّ لا يَجْتَنِبُ شيئًا ممَّا
يَجْتَنِبُهُ المُحْرِمُ.)
މާނައީ "ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަ، މަދީނާއިން ހަދްޔު ފޮނުއްވަވައެވެ.
ފަހެ، އިތުރުއެކަލޭގެފާނު ފޮނުއްވަވާ ހަދްޔުގެ ކަރުގައި
އަޅާ ޤިލާދަތު ހައްދަވަނީ ތިމަންކަމަނާއެވެ. ދެންފަހެ، (އެ
ހަދްޔު ފޮނުއްވެވުމަށް ފަހު) އިޙްރާމް ބަނދެގެން ހުންނަ
މީހާ، އެ ކަންކަމުން ދުރުހެލިވެގެން ހުންނަ ކަންކަމުގެ
ތެރެއިން ކަމަކާ، އިތުރުއެކަލޭގެފާނު ދުރުހެލިވެ
ވަޑައެއްނުގަންނަވައެވެ."
މި ބަސްފުޅުން އެނގޭ
ގޮތުގައި، އުޟުޙިޔާ ކަތިލަން ބޭނުންވާ މީހާގެ ގައިން
އިސްތަށްޓާއި ނިޔަފަތި އުނިނުކުރުމަކީ ވާޖިބެއް ނޫނެވެ.
މަޞްދަރު
الموسوعة الحديثية
https://dorar.net/hadith/sharh/14014