މަސްރަޙުގެ ސީނު ޝީނަކަށް ބަދަލުކުރުމުގެ ނަތީޖާ


ބައެއް މީހުން ވާހަކަދައްކާއިރު، ބައެއް ލަފުޒުތައް ބަދަލުކޮށްގެން ވާހަކަދައްކަ އެވެ. މިކަމުގެ ސަބަބުން ބުނާ އެއްޗެއްގެ މާނަ ބަދަލުވެ، ޤަޞްދުކުރާ ވާހަކަ ނޫން އެހެން ވާހަކައެއް ބުނެވެ އެވެ. އެފަދަ ލަފުޒުތަކުގެ ތެރެއިން އެއް ލަފުޒަކީ "މަސްރަޙު" އެވެ. މި ލަފުޒުގެ ސީނު، ޝީނަކަށް ބަދަލުކޮށްގެން "މަޝްރަޙު" އެވެ، ކިޔައި ވާހަކަ ދެއްކީމާ މާނަ މުޅިން ބަދަލުވެ އެވެ. މިކަން އެނގޭނަމަ، މަސްރަޙުގެ ސީނު ޝީނަކަށް ބަދަލުކޮށްގެން ވާހަކަދައްކާ މީހުން އެކަން ނުކުރާނެ ކަމަށް ގަބޫލުކުރެވެ އެވެ.

މަސްރަޙު (مَسْرَحُ) އާއި މަޝްރަޙު (مَشْرَحُ) އަކީ ޢަރަބި ބަހުގެ ދެ ލަފުޒެވެ. "މަސްރަޙު" ގެ އާންމު މާނައަކީ، "ކަމެއް ހިނގާ ތަނެވެ." "މަޝްރަޙު" އަކީ މިހާރު އާންމު ލަފުޒެއް ނޫނެވެ. "ލިސާނުލްޢަރަބް" އެވެ، ކިޔާ ބަސްފޮތުގައި މަޝްރަޙުގެ މާނަ ބަޔާންކޮށްފައި ވެ އެވެ. އެ ފޮތް ބުނާ ގޮތުގައި، "މަޝްރަޙު" ގެ މާނައަކީ، "އަންހެނާގެ އެއްޗިއްސެވެ." މަޝްރަޙުގެ މާނައަކީ ކޮބައިކަން ބަޔާންކޮށްދެމުން އެފޮތުގައި ބުނެފައިވަނީ (والمَشْرَحُ متاع المرأَة) މިހެންނެވެ.

މިޒަމާނުގެ މަޝްހޫރު ބަސްފޮތެއް ކަމަށްވާ "ޤާމޫސުލްމަޢާނީ" ގައި "މަޝްރަޙު" (مَشْرَحُ) މި ލަފުޒެއް ނެތެވެ. އެ ފޮތުގައި ވަނީ "މަޝްރަޙާ" (مَشرَحة) އެވެ. މަޝްރަޙާގެ މައިގަނޑު ދެ މާނައެއް ވެ އެވެ. އެއިން އެއް މާނައަކީ، "އޮޕަރޭޝަން ކުރުމަށްޓަކައި ތައްޔާރުކުރެވޭ މޭޒު" (منضدة تهيَّأَ للتَّشريح) އެވެ. އަނެއް މާނައަކީ، "މަރުވެފައިވާ ހަށިތައް އޮޕަރޭޝަންކުރުމަށްޓަކައި ތައްޔާރުކުރެވޭ ބޮޑު ކޮޓަރި" (غرفة كبيرة تعدُّ لتشريح الأَجسام بعد موتها) އެވެ.

ނަންގަނެވިދިޔަ މާނަތަކަށް ބަލާއިރު، "މަސްރަޙު" ގެ ބަދަލުގައި "މަޝްރަޙު" ބޭނުންކޮށްގެން ނުވާނެކަން އެބައެނގެ އެވެ. މި ދެ ލަފުޒުން ދޭހަވަނީ މުޅިން ތަފާތު ދެ މާނައެކެވެ. މަސްރަޙަކީ ކަމެއް ހިނގާ ތަން ކަމަށްވެފައި، މަޝްރަޙަކީ އަންހެނާގެ އެއްޗެހި ކަމަށްވާތީ އެވެ. ތިރީގައި މިވަނީ، މި ދެ ލަފުޒު ބޭނުންކުރެވޭ ޢިބާރާތްތަކުގެ ބައެއް މިސާލާއި އޭގެ މާނަ އެވެ.

"ސިޔާސީ މަސްރަޙު" ގެ މާނައަކީ، "ސިޔާސީ ކަންތައްތައް ހިނގާ ތަނެވެ." ތަނަކީ މައިދާނެވެ.

"ސިޔާސީ މަޝްރަޙު" ގެ މާނައަކީ، "ސިޔާސީ އަންހެނާގެ އެއްޗިއްސެވެ."

އަންހެނާގެ އެއްޗެހީގެ ތެރޭގައި ތެލި، ތަށި، އުނދުޅި ފަދަ ބަދިގޭ ސާމާނާއި، އުޅާ، މުދި، ހާރު ފަދަ ގަހަނާ އާއި، އަންހެނުންނަށް ޚާއްސަ ފޭރާމުގެ ބާވަތްތައް ހިމެނެ އެވެ.

"އަޅުގަނޑު ސިޔާސީ މަސްރަޙަށް ނިކުތީ" އެވެ، ބުނުމުން ދޭހަވަނީ، "އަޅުގަނޑު ސިޔާސީ މައިދާނަށް ނިކުތީ" އެވެ.

"އަޅުގަނޑު ސިޔާސީ މަޝްރަޙަށް ނިކުތީ" އެވެ، ބުނުމުން ދޭހަވަނީ، "އަޅުގަނޑު ސިޔާސީ އަންހެނާގެ އެއްޗިއްސަށް ނިކުތީ" އެވެ.

"މަނިކުފާނު ސިޔާސީ މަސްރަޙުގައި ތިހުންނެވީ" އެވެ، ބުނުމުން މޭރުންވަނީ، "މަނިކުފާނު ސިޔާސީ މައިދާނުގައި ތިހުންނެވީ" އެވެ.

"މަނިކުފާނު ސިޔާސީ މަޝްރަޙުގައި ތިހުންނެވީ" އެވެ، ބުނުމުން މޭރުންވަނީ، "މަނިކުފާނު ސިޔާސީ އަންހެނާގެ އެއްޗެހީގެ ތެރޭގައި ތިހުންނެވީ" އެވެ.

މަސްރަޙުގެ ސީނު ޝީނަކަށް ބަދަލުކޮށް، މަޝްރަޙު އެވެ، ކިޔައި ވާހަކަދެއްކީމާ ނިކުންނަ ނަތީޖާ މި މިސާލުތަކުގައި މިވަނީ އެވެ. މި ނަތީޖާއަށް ވާޞިލުވުމަށްޓަކައި މެނުވީ، މަސްރަޙުގެ ސީނު ޝީނަކަށް ބަދަލުކުރުމުގެ ބޭނުމެއް އެބައޮތްތޯ އެވެ؟