"އަޅުގަނޑު އެދުނީ ފަސް ރިޔާލަ އެވެ."


މިއީ އެހެން މީހަކު އަޅުގަނޑަށް ކިޔާދިން ވާހަކައެއް ނޫނެވެ. މިއީ، ސީދާ އަޅުގަނޑާ ދިމާވި ހާދިސާއެއްގެ ވާހަކަ އެވެ. މި ހާދިސާ ހިނގި ދުވަހަކީ، 22 ރަބީޢުލްއާޚިރް 1423 އެވެ. މިވާހަކައިން، ކޮންމެ ވެސް މީހެއްގެ ފިކުރު ފަހިވެ، އީމާންތެރިކަން އިތުރުވާނެ ކަމަށް އުންމީދުކުރަމެވެ.

އެއީ، މެންދުރު ނަމާދު ވަގުތެވެ. އަޅުގަނޑު ހުރީ މައްކާގެ ޙަރަމްފުޅުގަ އެވެ. ކުރީ ސަފުގައި ހުރި އަޚަކު އަޅުގަނޑު އެސަފަށް ދިއުމަށް އިޝާރާތްކުރެއްވި އެވެ. އެ ސަފުގައިވާ ހުސްތަނެއް ފުރާލުމަށްޓަކަ އެވެ. ނަމާދުކޮށް ނިމިގެން އަޅުގަނޑު ތަންކޮޅެއް ފަހަތަށް ޖެހިލީމެވެ. ހަމަޖެހިލައިގެން އިނދެ ޒިކުރު ތަސްބީޙަ ކިޔައި ދުޢާކުރުމަށްޓަކަ އެވެ. އަޅުގަނޑު އެތާނގައި އިންދާ، ދުޢާކުރަން އިން ފަޤީރަކު ދުށީމެވެ. އޭނާއަކީ ފަޤީރެއްކަން އެނގެނީ އޭނާގެ ހަށިގަނޑުގައިވާ ފޭރާމުގެ ބާކަމުންނެވެ. ނަމަވެސް ތަޤުވާވެރިކަމާއި ޚުޝޫޢަތްތެރިކަމުގެ ޢަލާމާތްތައް އޭނާގެ މޫނުން ފާޅުވެ އެވެ.

އޭރު އަޅުގަނޑުގެ ޖީބުގައި، އެއްރިޔާލައާއި ފަސްރިޔާލައާއި ދިހަރިޔާލައިގެ ނޫޓުތައް ވި އެވެ. އަޅުގަނޑުގެ ހިތަށް އެރި އެވެ. މި ތަޤުވާވެރިޔާއަށް ކޮންމެވެސް އެއްޗެއް ދީފައިނޫނީ ނުދާނަމެވެ. މިހެން ހިތައި، ޖީބުން ފަސް ރިޔާލަ ނަގައިގެން މުށުތެރެއަށް ލައިގެން ގޮސް އޭނާއާ ސަލާމްކުރާ ކަމަށް ހަދާފައި، ސަލާމްކުރި އިރު އެ ނޫޓް އޭނާގެ މުށުތެރެއަށް ލީމެވެ. ނަމަވެސް އޭނާ އެޔަކު ނުހިފި އެވެ. "ޖަޒާކަ ﷲ ޚައިރަން" އެވެ، ބުނެ އޭނާ އަޅުގަނޑުގެ އިޙުސާންތެރިކަމަށް ޝުކުރުވެރިވި އެވެ.

އަޅުގަނޑު އެހީމެވެ. "މި ފައިސާގައި ހަމަ ނުހިފާނަން ހެއްޔެވެ؟"
އޭނާ އަޅުގަނޑަށް އެއްވެސް ޖަވާބެއް ނުދިނެވެ. އަޅުގަނޑު އޭނާއަށް ދިނީ ކިހައިވަރެއް ކަމެއް އޭނާއަކަށް ނޭނގޭނެ އެވެ. ދެން އަޅުގަނޑު ތަންކޮޅެއް ދުރަށް ގޮސް ސުންނަތް ކުރަން ފަށައިފީމެވެ. އަޅުގަނޑު ނަމާދުކޮށް ނިމެންދެން އޭނާ އިންތިޒާރުކުރާކަން އަޅުގަނޑަށް އިޙުސާސްވި އެވެ.

އަޅުގަނޑު ސުންނަތްކޮށް ނިމުމުން އޭނާ އަޅުގަނޑުގެ ގާތަށް އައިސް ބުންޏެވެ. "ތިބާ ތިމަންނައަށް ދެއްވީ ކިހައިވަރެއްތޯ އެވެ؟"

އަޅުގަނޑު ބުނީމެވެ. "ތިބާއަށް ދިން އެއްޗެއްގައި ނުހިފީމެއް ނޫންހެއްޔެވެ؟ ތިމަންނާ ތިބާއަށް ދިނީ ސަތޭކަ ރިޔާލައިގެ ނޫޓެއް ކަމަށް ވިޔަސް ދެން ކުރާނެ ކަމެއް ނެތެވެ."

އަނެއްކާ ވެސް އޭނާ އެއްސެވެ. "ތިބާ ތިމަންނައަށް ދެއްވީ ކިހާވަރެއްތޯ އެވެ؟ މިހެން މިއަހަނީ މާތް ﷲ ގެ ވަޖުހުފުޅަށްޓަކަ އެވެ."

އަޅުގަނޑު ބުނީމެވެ. "ދެން އިތުރަށް ނާހާށެވެ! ދެން އިތުރަށް އެވާހަކަ ދައްކާކަށް ނެތީމެވެ."

އަޅުގަނޑު މިހެން ބުނުމުން އޭނާ ބުންޏެވެ. "މާތް ﷲ ގެ ޙަޟުރަތުގައި ތިމަންނާ ދެންނެވީ އެންމެ ފަސްރިޔާލަ ދެއްވުމަށެވެ. ތިބާ ތިމަންނައަށް ދެއްވީ ކިހާވަރެއްތޯ އެވެ؟"

ބޭއިޚުތިޔާރުގައި ޝަހާދަތް ކިޔާފައި އަޅުގަނޑަށް ބުނެވުނެވެ. "އަޅުގަނޑު ތިބާއަށް ދިނީ ހަމަ އެންމެ ފަސް ރިޔާލަ އެވެ. ތިބާ އެއަށްވުރެ އިތުރަށް ބޭނުންހެއްޔެވެ؟"

އޭނާ ބުންޏެވެ. "ނޫނެކެވެ."

އަޅުގަނޑު ބުނީމެވެ. "އެފައިސާގައި ނުހިފީ ކީއްވެ ހެއްޔެވެ؟"
އޭނާ ބުންޏެވެ. "ތިމަންނާ އޭރު އިނީ ފަސް ރިޔާލަ ދެއްވުން އެދި ދުޢާކުރުމަށެވެ. އެހައި އަވަހަށް ދުޢާ އިޖާބަކުރައްވާފާނެ ކަމަކަށް ހިޔެއް ނުކުރަމެވެ."

ދެން އަޅުގަނޑުގެ އަތުގައި ހުރި، ފަސް ރިޔާލައިގެ ހުރިހާ ނޫޓެއް އޭނާއަށް ދިނީމެވެ. ނަމަވެސް ފަސްރިޔާލައިގެ އެންމެ ނޫޓެއްގައި ނޫނީ އޭނާ ނުހިފި އެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކަންކަމަށް އެދި، މާތް ﷲ ގެ ޙަޟުރަތަށް ދަންނަވާށެވެ! އެކަލާނގެ މީހެއްގެ ދުޢާ އިޖާބަކުރައްވައިފިނަމަ، ހިންމަވައިދެއްވަ އެވެ. ނުވަތަ އެ ދުޢާގެ ދަރުމަ، އާޚިރަތް ދުވަހަށް ފަސްކުރައްވަ އެވެ.

އަޅުގަނޑީ
ތިޔަބޭފުޅުންގެ އަޚު،
ޚާލިދު ބިން މުޙައްމަދު ބިން ޢަލީ.


މަޞްދަރު: ޞައިދުލް ފަވާއިދި