އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

އިސްލާމީ ތަރީގެ ކޮންމެ ފިޔައަކަށް ޢަދަދެއް މަގުން ބަހާލައިފިނަމަ، ބަޙުރުގެ މި ޢަދަދު ވާނީ، އެ ތަރީގެ އަށްވަނަ ފިޔައިގެ ޙިއްޞާ ކަމަށެވެ. މި ޢަދަދާއެކު، ބަޙުރުގެ ޢުމުރުން ހަތަރުވަނަ އަހަރުގެ ފަހު މޫސުމް ފެށުނީއެވެ. ކީރިތިވަންތަ މާތް ﷲ ގެ ވާގިފުޅާއެކު، މި މޫސުމުގައި ދެކެން ބޭނުންވަނީ، މި މަޖައްލާގެ 9 ވަނަ ޢަދަދުގެ މަލަމަތި ބިނާވަމުންދާ މަންޒަރެވެ. 2 ޖުލައި 2013 ގައި އެ ޢަދަދު ވުޖޫދަށް ގެނެވޭތޯއެވެ.

ބަޙުރަކީ، ކަޅުފޮއި ރެއަކު ދިއްލުނު ދަންމަރެއް ނޫނެވެ. އެހެނަސް، މިއީ އުންމީދެއްގެ ތެރެއިން ކުޑަކުޑަ ދޯއްޖެކެވެ. ބަޙުރަކީ، އުންމަތެއްގެ މިޞްރާބު ސީދާކޮށްލެވޭނެ ހުންގާނެއް ނޫނެވެ. އެހެނަސް، މިއީ މިޞްރާބެއްގެ ތެރެއިން އަމާޒެކެވެ. ބަޙުރަކީ، ކޯރެއް ކިރަށް ބަދަލުކޮށްލެވޭނެ އާރެއް ނޫނެވެ. އެހެނަސް، މިއީ ދިރުމެއްގެ ތެރެއިން ކުޑަކުޑަ ދިރެކެވެ. މި އުންމީދީ ދޯދި، މީގެ އަމާޒުގައި ކުރިއަށް ދާއިރު، މީގައި ދިރުމެއް ހުރެއްޖެނަމަ މަޤުޞަދު ޙާޞިލުވީއެވެ. އެއީ، ޤަޞްދުކުރެވުނު ފަރުދީ ޒިންމާގެ އެންމެ ކުޑަ މިންވަރެވެ.

ބަދަލުވަމުންދާ ދުނިޔޭގައި، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިނައެވެ. އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ހެދިބޮޑުވަމުން އަންނަ ޖީލުގެ ކިބައިން މަކާރިމުލްއަޚުލާޤު ނެތެމުންދާކަމެވެ. ތަޢުލީމާއި ތަރުބިއްޔަތުން މިކަމަށް ފަރުވާކުރެވެން ނެތްނަމަ، ޤާނޫނާއި ޤަވާޢިދުން ނުވަތަ އެހެން ބާރަކުން ވިޔަސް ފަރުވާކުރަން އެބަޖެހެއެވެ. ބަވަނަވަމުންދާ ދުނިޔޭގައި، ދިވެހިރާއްޖެއަކީ، މަގުއޮޅިފައިވާ ސާއިޙެއް ކަމުގައި ވާކަށް ޤަބޫލެއް ނުކުރެވެއެވެ. ފުރެއްދެ ސަގާފަތުގެ ކުނިގޮނޑަކަށް، މިރާއްޖެ ހެދުމާއި ނުހެދުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގައެވެ.

މިރާއްޖޭގެ ދިވެހިވަންތަ އިސްލާމީ ޝަޚުޞިއްޔަތު ނެގެހެއްޓުމާއި، ދެމެހެއްޓުމަކީ، ޤައުމީ ވާޖިބެކެވެ. ކާބަފައިންގެ ކިބައިން ވާރުތަވި މި ދިވެހި އިސްލާމީ ރާއްޖޭގެ ޝަޚުޞިއްޔަތު، މާދަމާގެ ޖީލުތަކަށް ވާޞިލުކޮށްދިނުމަކީ، ޤައުމީ އަމާނާތެކެވެ. ދާޚިލީ ކޯޅުންތަކެއްގެ ތެރެއިން ޤައުމީ މަޞްލަޙަތަށް ދުރުމިއެއް ނޭޅޭނެއެވެ. ފަރުދީ ބޭނުމަކަށްޓަކައި ކުރަހާ ފުރެއްދެ ޗާޓަކުން ޤައުމީ މަންޒިލްމަޤުޞޫދަށް ވާޞިލެއް ނުވެވޭނެއެވެ. ނަޞްރާއި ނަސީބު ވަނީ، ސީދާވެގެންވާ ތެދުމަގުގައެވެ.

އިސްލާމީ ތަރީގެ ފިޔަތަކަށް ޙިއްޞާ ފުރިހަމަކޮށްދޭ ބަޙުރުގެ މި ޢަދަދުގެ އަމާޒަކީ ވެސް ތެދުމަގެވެ. ސީދާކޮށްނާއި ނުސީދާކޮށް މި އަމާޒަށް މަސައްކަތްކޮށްފައިވާނެއެވެ. ލާބައާއި މަންފާ ހުރި ފުރޭފުތަކެއް ގެނެސްދިނުމުގެ ގިއުގަނޑުގެ ތެރޭގައެވެ. ހިންމަވައިދެއްވުންއެދި ދުޢާކުރަނީ ކީރިތިވަންތަ މާތް ﷲ ގެ ޙަޟުރަތަށެވެ. އެކަލާނގެ މި ދުޢާ އިޖާބަކުރައްވާށިއެވެ! އާމީން!