ޖަޒީރާގެ ބުއްދިވެރިޔާ


ކަނޑުމެދުގައިވާ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖެއެއްގައި އާދަޔާ ޚިލާފު ބަޔަކު އުޅުނެވެ. އެމީހުންގެ ސަގާފަތުގައި ވަރަށް ގިނަ އާދަޔާ ޚިލާފު ކަންތައްތައް ވެއެވެ. އެމީހުންގެ އެންމެ ޢާއްމު ސިފައަކީ، މުޅަމަސް ކެއުމާއި، ވަގުތީ ފައިދާއަށް އިސްކަން ދިނުމެވެ. އެމީހުންގެ ރަސްގެފާނު ޢައްޔަންކުރަނީ ވެސް ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. ކޮންމެ އަހަރެއްގެ ފުރަތަމަ ދުވަހަކީ، އެމީހުން، އާ ރަސްކަލަކު ޢައްޔަންކުރާ ދުވަހެކެވެ.

ރަސްގެފާނުގެ ކިބައިގައި ހުންނަން ޖެހޭ މާގިނަ ޝަރުޠުތަކެއް އެމީހުންނަކު ކަނޑައެއްނާޅައެވެ. ކުލައަކަށް، ޖިންސަކަށް ނުބަލަ އެވެ. އެހެންކަމުން، ކަޅު މީހަކަށް ނުވަތަ ދޮން މީހަކަށް ރަސްކަން ކުރެވިދާނެ އެވެ. އަދި ފިރިހެނަކަށް ނުވަތަ އަންހެނަކަށް އެ މަޤާމު ލިބިދާނެ އެވެ. ރަސްގެފާނުގެ ޢުމުރު ވެސް ކަނޑައެއްނާޅަ އެވެ. ކުޑަކުއްޖަކަށް ނުވަތަ މުސްކުޅިއަކަށް ރަސްކަން ކުރެވިދާނެ އެވެ. ރަސްގެފާނުގެ ތަޢުލީމީ ފެންވަރާއި ހޭލުންތެރިކަމުގެ ދަރަޖައެއް ވެސް ނޯވެ އެވެ. އެހެންކަމުން، ކިޔަވައިގެން ހުރި މޮޅު މީހަކަށް ނުވަތަ ތަނެއްދޮރެއް ނުދަންނަ ޖާހިލަކަށް ރަސްކަމުގެ ތާޖާއި ތަޚުތު ލިބިދާނެއެވެ.

ނަމަވެސް އާދަޔާ ޚިލާފު އެހެން ޝަރުޠެއް ވެއެވެ. އެ ޝަރުޠަކީތޯއެވެ؟

ރަސްގެފާނަށް ރަސްކަން ކުރެއްވޭނީ އެއްއަހަރު ދުވަހުގެ މުއްދަތަށެވެ. އެއަށްފަހު އެމަނިކުފާނު ޢަޒުލުކޮށް، ހަންމުށިން ތަޅައި އަނިޔާކުރުމަށްފަހު، މީހުން ދިރިއުޅޭ ރަށްތަކާ ދުރުގައިވާ ފަޅުރަށަކަށް އަރުވާލެވެއެވެ. އެއަށްފަހު، އެ ރަށުގައި ދިރިއުޅުއްވަން ޖެހިވަޑައިގަންނަވާނީ، ނުހަނު ދަތި ޙާލުކޮޅެއްގައެވެ. އެ ރަށުގައި ބޯހިޔާވަހިކަމެއް ނުވެއެވެ. އަދި ފަސޭހައިން ކާއެތިކޮޅެއް، ބޯފެންފޮދެއް ލިބޭގެ މަގެއް ވެސް ނުވެއެވެ. މި ޝަރުޠު ޤަބޫލުކޮށްފި ކޮންމެ މީހަކަށް އެ ރާއްޖޭގެ ރަސްކަން ލިބިދާނެއެވެ.

ރަސްކަންކުރާ މީހެއްގެ ނިމުން އޮތްގޮތް ސާފުކޮށް އެންމެނަށް އެނގެއެވެ. ނަމަވެސް އެ ޖަޒީރާތަކުގެ އަހުލުވެރީންގެ ތެރެއިން ހަމަ ކޮންމެ މީހަކުމެ ރަސްކަން ބޭނުންވެގެން އުޅެއެވެ. ރަސްކަންކުރާ ކުރު މުއްދަތުގައި، އޭނާގެ އަހުލުންނާއި ވަހުލުންނަށް ހިސާބެއް ކިތާބެއް ނެތި ދައުލަތުގެ ޚަޒާނާތައް ހުޅުވާލުމުގެ މަޤުޞަދުގައެވެ. ޢާއްމުގޮތެއްގައި އެ ރާއްޖޭގެ ރަސްކަންކުރަނީ، ގަބުކަން ބޮޑު، ތަންދޮރު ނުދަންނަ ޖާހިލުންނެވެ.

އެގޮތަށް ކަންތައްތައް ހިނގަމުންދަނިކޮށް ބުއްދިވެރި މީހަކު އެ ރާއްޖޭގެ ރަސްކަމަށް ކުރިމަތިލިއެވެ. އޭނާއަށް ރަސްކަން ލިބުމާއެކު، ސިއްރިޔާތުގައި ޕްރޮޖެކްޓެއް ހިންގަންފެށިއެވެ. އެއީ، ރަސްރަސްކަލުން އަރުވާލަން ހަމަޖައްސާފައިވާ ޖަޒީރާ ތަރައްޤީކުރުމުގެ ޕްރޮޖެކްޓެވެ. އޭނާގެ ރަސްކަމުގެ މުއްދަތު ނިމުނުއިރު، އެ ރަށް ވަނީ، އެ ރާއްޖޭގެ ވެރިރަށަށްވުރެ މާބޮޑަށް ތަރައްޤީކޮށްފައެވެ.

ބުއްދިވެރި ރަސްގެފާނުގެ ރަސްކަމުގެ މުއްދަތު ނިމުމާއެކު، ރައްޔިތުން އެއްވެ، އާދަކާދައިގެ މަތީން އެމަނިކުފާނު ހައްޔަރުކުރިއެވެ. ދެން އެމަނިކުފާނުގެ ހަށިކޮޅުގައި ހަންމުށިން ތަޅައި އަނިޔާކޮށް، ދުރުގައިވާ ޖަޒީރާއަށް އަރުވާލިއެވެ. އެމަނިކުފާނު އެ ޖަޒީރާގައި ހުންނަވައިގެން ޢުމުރު ހޭދަކުރެއްވީ ނުހަނު އުފަލާއި އަރާމުގައެވެ.

ދެނެވަޑައިގަންނަވަމުތޯ އެވެ؟ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ، މި ވާހަކައިގައި ނަންގަނެވިފައިވާ ފަދަ ރަސްކަލެކެވެ. ދުންޔަވީ ޙަޔާތުގައި ހޭދަކުރާ މުއްދަތަކީ ރަސްކަމުގެ މުއްދަތެވެ. މި ޙަޔާތުގައި މަސައްކަތްކުރަންވީ އާޚިރަތް ބާއްޖަވެރިކުރުމަށެވެ. ދުރުގައިވާ ޖަޒީރާއަކީ އެއީއެވެ! ބުއްދިވެރި ރަސްގެފާނު ފަދައިން އަޅުގަނޑުމެން އާރާސްތުކުރަންވީ އާޚިރަތުގެ ޖަޒީރާއެވެ!

މަޞްދަރު: މުންތަދަޔާތުލް މަޙައްބާ