ޙަޔާތުގެ ދަތުރު
އެއް ދުވަހަކު ދަތުރެއް ކުރީމެވެ. ވަރަށް ބާރަށް
ދުވަމުންދިޔަ ރޭލެއްގައެވެ. އެތައް ކަމެއްގައި
މަޝްޣޫލުވެގެން އުޅުމަށްފަހު، ކައިރީގައި ތިބި މީހުންނަށް
ބަލައިލީމެވެ. އެހިނދު ކުޑަ ކުދިންތަކެއް ފެނުނެވެ. އެއީ
ކުރިން ފެނިފައި ނުވާ ކުޑަކުދިންތަކެކެވެ. އެއިން ކުއްޖަކު
ކުރެން އެހީމެވެ.
"އަހަރެންގެ ކަނާތްފަރާތުގައި އިން މުސާފިރު
ކޮބައިހެއްޔެވެ؟"
އެކުއްޖާ ބުންޏެވެ.
"އެއީ، ތިމަންނާގެ ބައްޕައެވެ. ތިބާ އަނެއް ފަރާތަށް
ބަލައިލި ހިނދު، އޭނާ ދަތުރު ނިންމާފައި ހިނގައްޖެއެވެ!"
އެކުއްޖާ އެހެން ބުނުމުން އަހަރެން ފެންކަޅިވިއެވެ. އަދި
އެހާ އަވަހަށް އޭނާ ދަތުރު ނިންމީތީ އަހަރެން ވަރަށް
ބޮޑަށް ޙައިރާންވިއެވެ!
ދެން ކައިރީގައި ހުރި، ފޮޅެމުންދާ ފިނިފެންމަލެއް ފަދަ
ކުޑަކުޑަ ލޯބިވެތި އަންހެން ކުއްޖެއްގެ ކައިރިން އެހީމެވެ.
އަހަރެންގެ ވާތްފަރާތުގައި އިން އަންހެންމީހާ
ކޮބައިހެއްޔެވެ؟
އެ އަންހެންކުއްޖާ ބުންޏެވެ.
"އެއީ، ތިމަންނާގެ މާމައެވެ. ބޭބެމެން މަޖާކުރައްވަން
ތިއްބަވަނިކޮށް، މާމަ ދަތުރު ނިންމާފައި ހިނގައްޖެއެވެ!"
އެ އަންހެންކުއްޖާ މިހެން ބުނުމުން، އަހަރެންނަށް
ރޮވެންފެށުނެވެ. ދެން އަހަރެން އެމީހަކާއެކު އަހަރެން
މަޖާކުރަންއުޅުނު އެކުވެރިޔާ ކޮބައިތޯ ބަލައިލީމެވެ. އޭރު
އޭނާ ވެސް ދަތުރު ނިންމާފައި ހިނގައްޖެކަން އެނގުނެވެ.
އެހިނދު، އަހަރެންނަށް ވަރަށް ބާރަށް ރޮއިގަނެވުނެވެ.
ކައިރީގައި ތިބި އެންމެން ދަތުރު ނިންމާފައި ދިޔައީތީއެވެ.
އަހަރެން އެކަނިވެރިވީތީއެވެ.
ދެން އަވަހަށް ރޭލު ހުއްޓާނެ ނަމައޭ ހިތަށްއެރިއެވެ.
ރޭލުން ފައިބައިގެންގޮސް އެމީހުން ދިޔައީ ކޮންތާކަށްތޯ
ބެލުމަށްޓަކައެވެ. އެމީހުންނާ ބައްދަލުކުރުމުގެ
ޝައުޤުގައެވެ. އެވަގުތު ޒުވާނަކު އައިސް ކައިރީގައި
ހުއްޓުނެވެ. އަހަރެން ވަނީ، ދަތުރު ނިންމައި ރޭލުން
ފައިބައިގެން ދާހިތުންކަން އޭނާއަށް މޭރުންވެފައިވާ
ކަހަލައެވެ. އޭނާ މަޑުމަޑުން ބުނެލިއެވެ.
"ބޭބޭއެވެ! ބޭބެގެ ޙަޔާތުގެ ދަތުރު ނިމޭ ހިސާބަށް
ވާޞިލުވެވެނީއެވެ! ރޭލުން ފައިބަންނަވަން އަވަހަށް
ތައްޔާރުވެލައްވާށެވެ!"
މަޞްދަރު: އަންފާސް.ނެޓް