ސުވާލާއި ޖަވާބު

މިއީ މަހަރާ ބެހޭ ގޮތުން ކިޔުންތެރިން ހުށަހަޅުއްވާ ސުވާލުތަކުގެ ޖަވާބު ޝާއިޢުކުރެވޭ ޞަފުޙާއެވެ.
ތިރީގައި މިވަނީ މިހާތަނަށް ހުށަހެޅިފައިވާ ބައެއް ސުވާލާއި އޭގެ ޖަވާބެވެ.

ސ 1: މަހަރު އީމަޖައްލާގެ ޕާސްވޯޑް ލިބޭނީ ކިހިނަކުންތޯއެވެ؟
ޖ 1: މަހަރު އީމަޖައްލާގެ ޕާސްވޯޑް ލިބޭނީ ހަދިޔާރެއްވުމުން ނުވަތަ އިޝްތިރާކު ދެއްކެވުމުންނެވެ. މިތަނަށް ކްލިކްކޮށްލެއްވުމުން އިޝްތިރާކާ ބެހޭ ޞަފުޙާއަށް ވާޞިލުކޮށްދޭނެއެވެ.

ސ 2: މަހަރު އީމަޖައްލާއަށް ހަދިޔާކުރުމުން ނުވަތަ އިޝްތިރާކު ދެއްކުމުން ލިބޭ ޔޫސަރނޭމާއި ޕާސްވޯޑް ބޭނުންކޮށްގެން ހުޅުވޭނީ އެ ދެއްކި ޢަދަދު އެކަނިތޯއެވެ؟
ޖ 2: އެ ދެއްކެވުމުން ލިބޭ ޔޫސަރނޭމާއި ޕާސްވޯޑް ޖަހައިގެން، އެ ދެއްކެވި ޢަދަދާއި އޭގެ ކުރީގެ ޢަދަދުތައް ހުޅުވޭނެއެވެ. އޭގެ ކުރީގެ ޢަދަދުތައް ފޯރުކޮށްދެނީ ހިލޭއެވެ.

ސ 3. ހަދިޔާކުރުމުން ނުވަތަ އިޝްތިރާކު ދެއްކުމުން ވަގުތުން ޕާސްވޯޑް ލިބޭނެތޯއެވެ؟
ޖ 3. އާންމު އުޞޫލަކީ އެ ދެއްކުމުން 5 މިނިޓާއި 10 މިނިޓާ ދެމެދުގެ އިރުކޮޅެއްގެ ތެރޭގައި ޕާސްވޯޑް ލިބުމެވެ. ނަމަވެސް ބައެއް ވަގުތުތަކުގައި އެއް ގަޑިއިރަށް ލަސްވެދާނެއެވެ. އަދި ރޭގަނޑު ދަންވަރު އެ ދެއްކެވުމުން ޕާސްވޯޑް ލިބުން އެއަށްވުރެ ލަސްވެދާނެއެވެ.

ސ 4. ހުރިހާ މޮބައިލް ފޯނަކުން މަހަރަށް ވަދެވޭނެތޯއެވެ؟
ޖ 4. ސެމްސަން މޮބައިލް ފޯނާއި، ޕީސީއާއި ލެޕްޓޮޕް ފަދަ ވަސީލަތްތަކުން ދަތިކަމަކާ ނުލައި މަހަރަށް ވަދެވެއެވެ. ނަމަވެސް ޗައިނާގައި އުފައްދާފައިވާ ބައެއް މޮބައިލް ފޯނުން މަހަރަށް ވަނުމުގައި ދަތިތަކެއް ކުރިމަތިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެ ކަން ކުރިމަތިވި ބައެއް ބޭފުޅުން އެ މައްސަލަ ޙައްލުކުރެއްވި ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. މަހަރަށް ހަދިޔާކުރެއްވުމުގެ ނުވަތަ އިޝްތިރާކު ދެއްކެވުމުގެ ކުރިން ތިބާގެ މޮބައިލް ފޯނުން ނުވަތަ ތިބާ ބޭނުންކުރައްވާ ޑިވައިސް އިން މަހަރަށް ވަދެވޭތޯ ބެއްލެވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެ ކަމަށްޓައި މިތަނަށް ފިއްތަވައިލައްވާށެވެ! ޔޫސަރނޭމަކީ 1234 އެވެ. ޕާސްވޯޑަކީ 2222 އެވެ. ހުޅުވޭނެ ޞަފުޙާގެ ނަމަކީ "މަހަރަށް ވަދެވޭތޯ ބަލާ ޞަފުޙާ" އެވެ. ބައެއް ރެޑްމީ (Redmi) ފޯނުން މި ޞަފުޙާ ހުޅުވުނަސް، އެ އިން މަހަރުގެ ޢަދަދުތައް ނުހުޅުވެއެވެ. މި ކަމާމެދު ސަމާލުވާން ޖެހެއެވެ. މި ކަން ތަޖުރިބާކުރައްވާފައިވާ ބައެއް ބޭފުޅުން މަޢުލޫމާތު ދެއްވާ ގޮތުގައި (Redmi) ގައި މަހަރު ހުޅުވެނީ (Google Chrome) އިންނެވެ.

ސ 5. ޞަފުޙާ ހުޅުވޭތޯ ބެލުމަށްފަހު ހަދިޔާކުރުމުން ނުވަތަ އިޝްތިރާކު ދެއްކުމުން، އެއަށްފަހު މުއްދަތު ހަމަވުމުގެ ކުރިން ނުވަދެވިއްޖެނަމަ ޙައްލަކީ ކޮބައިތޯއެވެ؟
ޖ 5. އިސްވެދިޔަ ސުވާލުގެ ޖަވާބުގައި ވާ ޞަފުޙާ ރަނގަޅަށް ހުޅުވޭނަމަ، މުއްދަތު ހަމަވުމުގެ ކުރިން ހުޅުވޭނެއެވެ. ނަމަވެސް މިއާ ޚިލާފު ޙާލަތު ވަރަށް މަދުން ކުރިމަތިވެފައި ވެއެވެ. އެ ޙާލަތުގައި ފޯނު ރިސްޓާޓް ކޮށްލުމުން ހުޅުވޭ ކަމަށް ކިޔުންތެރިންގެ ކިބައިން މަޢުލޫމާތު ލިބިފައި ވެއެވެ. އަދި ބައެއް ފަހަރު ފޯނަށް މައްސަލައެއް ކުރިމަތިވުމުން ވެސް ނުހުޅުވުމުގެ މައްސަލަ ކުރިމަތިވެފައި ވެއެވެ. މި ޙާލަތުގައި އެހެން ޑިވައިސްއަކުން (މިސާލަކަށް އެހެން ފޯނަކުން) ހުޅުވޭތޯ ބައްލަވައިލެއްވިދާނެއެވެ. އޭރުން ފޯނުގެ މައްސަލައެއްކަން ނުވަތަ ނޫންކަން އެނގިވަޑައިގަންނަވާނެއެވެ.

ސ 6: މަހަރު އީމަޖައްލާއަށް އެއްފަހަރު ހަދިޔާކުރީމާ ނުވަތަ އިޝްތިރާކު ދެއްކީމާ، އެ ދެއްކި މުއްދަތު ހަމަވުމަށް ފަހުގައި ވެސް އެ ޢަދަދުތަކަށް ވަދެވޭނެތޯއެވެ؟
ޖ 6: މަހަރު އީމަޖައްލާގެ ޢަދަދުތަކަށް ވަދެވޭނީ އެ ދެއްކި މުއްދަތަށެވެ. އެ ދެއްކި މުއްދަތު ހަމަވާއިރު ވާނީ އާ ޢަދަދެއް ނުކުމެފައެވެ. އެއަށްފަހު އާ ޢަދަދާއެކު އެހެން ޢަދަދުތަކަށް ވަދެވޭނީ އެ ދެއްކުމުންނެވެ.

ސ 7. ހަދިޔާކުރި ނުވަތަ އިޝްތިރާކު ދެއްކި މުއްދަތު ހަމަވުމަށްފަހު، އެ ޢަދަދުތަކަށް ނުވަދެވެނީ ކީއްވެތޯއެވެ؟
ޖ 7. މަހަރުގެ ޢަދަދުތައް އިންޓަރނެޓްގައި ބެހެއްޓެނީ އަގު ދައްކައިގެންނެވެ. އަގު ނުދައްކާ ހިލޭ ބެހެއްޓޭނަމަ، އެ ނުދައްކައި ވަދެވިދާނެއެވެ. މަހަރުގެ ޢަދަދުތައް ބެލެހެއްޓުމާއި މަރާމާތުކުރުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް ޓަކައި ވެސް ވަގުތުތައް ހޭދަވެއެވެ. އެހެންކަމުން، މުއްދަތު ހަމަވީމާ، ހިލޭ ވަދެވޭނެ އުޞޫލެއް މިހާތަނަށް ހަމަޖެއްސިފައެއް ނެތެވެ.

ސ 8: މަހަރުގެ ޢަދަދުތަކުގައިވާ ލިޔުންތައް ކޮޕީކޮށްގެން އެހެން ތަކެތީގައި ޝާއިޢުކުރުމަކީ ހުއްދަ ކަމެއްތޯއެވެ؟
ޖ 8: މަހަރުގެ އެއްވެސް ޢަދަދެއްގައިވާ އެއްވެސް ލިޔުމެއް ނުވަތަ އެއިން ބައެއް ނުވަތަ އޭގައިވާ އެއްޗެއް ކޮޕީކޮށްގެން އެހެން އެއްޗެއްގައި ޝާއިޢުކުރުމަކީ މަނާކަމެކެވެ. އަދި އެހެން މީހަކަށް ދިނުމަކީ ވެސް މަނާކަމެކެވެ.

ސ 9: މަހަރު މަޖައްލާގެ ޢަދަދެއް ނުވަތަ އެއިން ޢަދަދެއްގައިވާ ލިޔުމެއް، ޕީޑީއެފް ފޯމެޓަށް ލިބިދާނެތޯއެވެ؟
ޖ 9: މަހަރު މަޖައްލާގެ ޢަދަދުތަކާއި އެ ޢަދަދުތަކުގައިވާ ލިޔުންތައް ތައްޔާރުކުރެވެނީ، ޕީޑީއެފް ފޯމެޓަކަށެއް ނޫނެވެ. އަދި މަހަރުގައިވާ ލިޔުންތައް ނަކަލުކޮށްގެން ބެހުމަކީ މަޖައްލާގެ "ޙައްޤު" ގައި މަނާކޮށްފައިވާ ކަމެކެވެ. އެހެންކަމުން އެ ކަން ނުކުރެވޭނެއެވެ.

ސ 10: މަހަރު މަޖައްލާގެ ޔޫސަރނޭމާއި ޕާސްވޯޑް އެހެން މީހެއްގެ އަތުން ހޯދައިގެން، މަޖައްލާއަށް ވަނުމަކީ ހުއްދަ ކަމެއްތޯއެވެ؟
ޖ 10: މަހަރު މަޖައްލާގެ ޔޫސަރނޭމާއި ޕާސްވޯޑް ފޯރުކޮށްދެނީ ހަދިޔާކުރައްވާ ނުވަތަ އިޝްތިރާކު ދައްކަވާ ބޭފުޅަކަށެވެ. އެ ބޭފުޅަކު އެހެން ފަރާތަށް އެ ދެއްވުމަކީ މަނާކަމެކެވެ. އެ ބޭފުޅަކު އެ ކަން ކުރެއްވުމަކީ އެ ބޭފުޅެއްގެ ޔޫސަރނޭމާއި ޕާސްވޯޑް ކެންސަލްކުރެވިދާނެ ކަމެކެވެ. މަހަރު ބޭނުންކުރައްވަންވާނީ ޒިންމާދާރުކަމާ އެކުގައެވެ. އެހެނީ މި މަޖައްލާއަކީ އަށާރަ އަހަރުން މަތީގެ ބޭފުޅުންނަށް އަމާޒުކުރެވިފައިވާ އަދި ޒަވާޖީ ޙަޔާތަށް ޚާއްޞަ މަޖައްލާއެކެވެ.

ސ 11: މަހަރު މަޖައްލާއިން ވަނީ އަޅުގަނޑުގެ ފޯނު ނަންބަރު ބްލޮކްކޮށްފައެވެ. އެއީ ކީއްވެތޯއެވެ؟
ޖ 11: މަހަރު މަޖައްލާގެ ތާރީޚުގައި މި ހާތަނަށް ބްލޮކްކުރެވިފައި ވަނީ ދެ ފަރާތެއްގެ ފޯނު ނަންބަރެވެ. އެ ދެ ފަރާތުގެ ފޯނު ނަންބަރު ބްލޮކްކުރީ، އެ ދެ ފަރާތުން މަހަރު މަޖައްލާއަށް ގުޅައި، ބިރުދައްކައި، އައުގުރާނަ ގޮވާފައި ވާތީއެވެ.

ސ 12: މަހަރު މަޖައްލާއިން އަޅުގަނޑަށް ޚިދުމަތެއް ނުލިބުނެވެ. އެއީ ކީއްވެތޯއެވެ؟
ޖ 12: މަހަރު މަޖައްލާގެ ތާރީޚުގައި ޚިދުމަތް ފޯރުކޮށްދެވިފައި ނުވަނީ ދެތިން ފަރާތަކަށެވެ. އެ ފަރާތްތަކަށް ޚިދުމަތް ދެވިފައި ނުވަނީ، ފަހުން ކުރިމަތިވެދާނެ މައްސަލައަކުން ސަލާމަތްވުމަށް ޓަކައެވެ. ތިރީގައި މި ވަނީ ޚިދުމަތް ނުދެވިދާނެ ސަބަބުތަކެވެ.
ޔޫޒަރނޭމް ނުވަތަ ޕާސްވޯޑް ޖަހަން ނޭނގުން.
މަހަރުން ދޭ އިރުޝާދުތަކާ އެއްގޮތަށް މަހަރަށް ވަންނަން ނޭނގުން.
މަހަރު މަޖައްލާ ފޯރުކޮށްދޭ ގޮތް ނޫން އެހެން ގޮތަކަށް ހޯދަން އުޅުން.
އަޚުލާޤީ ގޮތުން ދަށު ދަރަޖައިގެ މުޢާމަލާތެއް ކުރުން.
ސާފުކޮށް އޮޅުންފިލުވައިދެވިފައި ވާ ކަންކަމާމެދު ޝައްކު އުފައްދައި، ބޭކާރު ސުވާލުތައް ކުރުން: މި ފަދަ ފަރާތްތަކަށް މަޖައްލާ ފޯރުކޮށް ނުދެވެނީ، ފާއިތުވެދިޔަ ތަނުގައި މި ފަދަ ފަރާތްތަކުން ކުރިމަތިކުރުވާ ތުރާތައް ގިނަކަމުންނެވެ.

ސ 13: މަހަރަށް ހަދިޔާކުރުމުން (ޑޮނޭޓްކުރުމުން) ލިބޭ މަޖައްލާއާއި، އިޝްތިރާކު (ފީ) ދެއްކުމުން ލިބޭ މަޖައްލާއާ ތަފާތުވާނެތޯއެވެ؟
ޖ 13: މަހަރަށް ހަދިޔާކުރެއްވުމުން (ޑޮނޭޓްކުރެއްވުމުން) ފޯރުކޮށްދެވޭ މަޖައްލާއާއި، އިޝްތިރާކު (ފީ) ދެއްކެވުމުން ފޯރުކޮށްދެވޭ މަޖައްލާއާ ތަފާތެއް ނުވާނެއެވެ. އެ ދެ ގޮތުން ވެސް ލިބިވަޑައިގަންނަވާނީ މަހަރު އީމަޖައްލާގެ އެއް އިޞްދާރެކެވެ.

ސ 14: މަހަރަށް ހަދިޔާކުރުމާއި އިޝްތިރާކު ދެއްކުމާ ދެ އިޚުތިޔާރު އޮންނަނީ ކީއްވެތޯއެވެ؟
ޖ 14: އެ ދެ އިޚުތިޔާރު ހަމަޖެއްސިފައި ވަނީ، ބައެއް ކިޔުންތެރިން އެ ގޮތް ބޭނުންފުޅުވާތީއެވެ. މަހަރަށް ހެޔޮ އެދިވަޑައިގަންނަވާ ބައެއް ބޭފުޅުން ބޭނުންފުޅުވަނީ، މަހަރާ އެކަށޭނަ ފީއެއް ދެއްކެވުމަށެވެ. މިހެންވެ، އެ ފަރާތްތަކުން ހުށަހެޅުއްވި ޢަދަދުތަކުގެ ތެރެއިން މަހަރުން އިޚުތިޔާރުކޮށްފައި ވަނީ ކުޑަ ޢަދަދެވެ. އެއީ 500 ރުފިޔާއެވެ.
ފީ ދައްކަވާ ބޭފުޅުން، މަހަރުގެ އެންމެ ފަހުގެ ޢަދަދަށް ދައްކަވާނެ ފީ އަކީ 500 ރުފިޔާއެވެ. ފީ ދެއްކެވުމަކީ، ފީ ދައްކަވާ ބޭފުޅުންގެ އަމިއްލަފުޅު އިޚުތިޔާރަށް ދޫކޮށްލެވިފައި ވާ ކަމެކެވެ.
މަހަރަށް ހަދިޔާކުރައްވާ ބޭފުޅުން ހަދިޔާކުރައްވާނީ، މަހަރުގެ އެންމެ ފަހުގެ ޢަދަދަށް 100 ރުފިޔާއެވެ. އެހެން ޢަދަދަކަށް ހަދިޔާކުރައްވާ ނަމަ، ހަދިޔާ ކުރެއްވޭނީ ކުރިއަށް އޮތް ދެ ޢަދަދަށެވެ. އެހެނީ، މަހަރުގެ ފާއިތުވެދިޔަ ޢަދަދުތަކަކީ ހިލޭ ފޯރުކޮށްދެވޭ އެއްޗެކެވެ.
ހިނގަމުންދާ ޢަދަދަށް ހަދިޔާކުރައްވާ އިރު، ކުރިއަށް އޮތް ދެ ޢަދަދަށް ހަދިޔާކުރެއްވިދާނެއެވެ. އޭރުން ޖުމުލަ ހަދިޔާކުރައްވާނީ 300 ރުފިޔާއެވެ. މިއީ ވެސް މަޖުބޫރު ކަމެއް ނޫނެވެ. މި ގޮތް ހަމަޖައްސައިދެވިފައި ވަނީ، މެދުނުކެނޑި މަޖައްލާ ލިބިވަޑައިގަތުމަށް ބައެއް ބޭފުޅުން ބޭނުންފުޅުވާތީއެވެ.

ސ 15: ފޯނުން ޔޫސަރނޭމާއި ޕާސްވޯޑް ޖެހުމުން ބައެއް ފަހަރު ނުވަދެވެނީ ކީއްވެގެންތޯއެވެ؟
ޖ 15: ފޯނުން ޔޫސަރނޭމާއި ޕާސްވޯޑް ޖެހުމުން ނުވަދެވޭ ޙާލަތްތަކެއް ފެނިފައި ވެއެވެ. އެއީ މަހަރުން ދީފައި ވާ ގޮތަށް ޔޫސަރނޭމާއި ޕާސްވޯޑް ނުޖެހޭތީއެވެ. އެ ކަން ގުޅިފައި ވަނީ، ފޯނުގެ ސެޓިންގްސް ހެދިފައި ވާ ގޮތާއެވެ. ބައެއް ފޯނުން ޔޫސަރނޭމާއި ޕާސްވޯޑް ޖަހާއިރު، ތިރިއަށް ރޮނގުބުރިއެއް އަރައެވެ. ބައެއް ފޯނުން ޔޫސަރނޭމް ނުވަތަ ޕާސްވޯޑަށް ކޮމާކޯޅިއެއް އިތުރުކުރެއެވެ. ބައެއް ބޭފުޅުން އިތުރު ސްޕޭސްއެއް ދެއްވައެވެ. މި ބާވަތުގެ އެއްވެސް ކަމެއް ހިނގައިފި ނަމަ މަހަރަށް ނުވަދެވޭނެއެވެ. އަދި (Incorrect password) މި މެސެޖް ދޭނެއެވެ.

ސ 16: މަހަރަށް ވަންނަ ލިންކަކީ ކޮބައިތޯއެވެ؟
ޖ 16: މަހަރަށް ވަންނަ ލިންކަކީ، މަހަރުން ޔޫޒަރނޭމާއި ޕާސްވޯޑް ފޮނުވައިދޭ މެސެޖްގެ، ޔޫޒަރނޭމާއި ޕާސްވޯޑްގެ ތިރީގައި ވާ ލިންކެވެ.

ފިހުރިސްތު