އާންމުކޮށް ކުރެވޭ ސުވާލުތަކާއި، އޭގެ ޖަވާބުތައް
ތިރީގައި މިވަނީ، މިހާތަނަށް ގިނަ ބޭފުޅުން
ކުރައްވާފައިވާ ސުވާލުތަކާއި، އޭގެ
ޖަވާބުތަކެވެ. މީގައި ނެތް ސުވާލެއް
ހުށަހެޅިއްޖެނަމަ، އޭގެ ޖަވާބު މި ޞަފުޙާއަށް
އިތުރުކުރެވޭނެއެވެ.
ސ. މި ވެށި ފެށެނީ ކޮން އިރަކުތޯއެވެ؟
ޖ. މި ވެށި ފެށެނީ އަހަކު ދެ ފަހަރު އެވެ.
ފުރަތަމަ ފަހަރު ފެށޭނީ ޖަނަވަރީގައެވެ.
ދެވަނަ ފަހަރު ފެށޭނީ ޖުލައިގައެވެ.
ސ.
މި ވެށީގައި ޢަރަބި ދަސްކުރުން އޮންނާނީ ކިހިނަކުންތޯއެވެ؟
ޖ.
މި ވެށީގައި ޢަރަބި ބަސް ދަސްކުރެއްވުން
ދޫކޮށްލެވިފައިވަނީ ތިޔަ ބޭފުޅުންނަށެވެ. ވަކި ގަޑިއެއްގައި
އުސްތާޛަކު ދަރިވަރުންނާ އޮންލައިންކޮށް
ބައްދަލުކޮށްގެން ކިޔަވައެއް ނުދޭނެއެވެ. ލިޔުމާއި،
ތަސްވީރާއި، އޯޑިއޯއާއި، ވީޑިއޯގެ ޒަރީއާއިން
ދެމުންގެންދާ ފިލާވަޅުތައް ދަސްކުރައްވަމުން
ގެންދެވުމަކީ، ބައިވެރިވެ ވަޑައިގަންނަވާ
ބޭފުޅުން އަމިއްލަފުޅަށް
ކުރައްވަން އޮތް ކަމެކެވެ.
ސ.
އަޅުގަނޑުގެ ދަރިފުޅަށް ސްކޫލުގައި ޢަރަބިބަސް
ކިޔަވައިދެއެވެ. އަޅުގަނޑުގެ ދަރިފުޅު މީގައި
ބައިވެރިކޮށްގެން އޭނާގެ ފެންވަރު
މަތިކުރެވިދާނެތޯއެވެ؟
ޖ. ސްކޫލް ކުއްޖަކު
މީގައި ބައިވެރިވުމަކީ، ގިނަ ޢަދަދެއްގެ
ޢަރަބި ލަފުޒުތަކާއި، އޭގެ ދިވެހި މާނަ
އޭނާއަށް ލިބިގެންދާނެ ކަމެކެވެ. އަދި
ޢަރަބިބަހުން ޢިބާރާތް އެކުލެވޭ ގޮތާއި، ކިޔާ
ގޮތް ވެސް މީގެ ތެރެއިން އޭނާއަށް
ޙާޞިލުކުރެވޭނެއެވެ. މީގައިވާ ޢަރަބި
ފިލާވަޅުތަކުގެ އޯޑިއޯ އަޑުއަހައި، ވީޑިއޯ
ބެލުމަކީ އިތުރަށް އޭނާގެ ފެންވަރު
މަތިވެގެންދާނެ ކަމެކެވެ.
ސ. މިހާރު
ކުރިއަށްދާ ޢަރަބި ފިލާވަޅުތަކުގައި
ބައިވެރިވެވޭނެތޯއެވެ؟
ޖ. އާދޭހެވެ.
ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު
އޮންނާނެއެވެ. ކޮންމެ އިރަކު ވެސް އެކަން
ކުރެއްވިދާނެއެވެ.
ސ. މިއަންނަ މަހު
ބައިވެރިވެވިދާނެތޯއެވެ؟
ޖ. އާދޭހެވެ.
މިއަންނަ މަހު ވެސް
ބައިވެރިވެވަޑައިގެންނެވިދާނެއެވެ. ނަމަވެސް
ޖޫންގެ ނިޔަލަށް އަހަރުގެ ފުރަތަމަ މުއްދަތު
ނިމޭނެއެވެ. ޑިސެންބަރުގެ ނިޔަލަށް ދެވަނަ
މުއްދަތު ނިމޭނެއެވެ.
ސ.
ފަހުން ބައިވެރިވީމާ އެއްވެސް ފިލާވަޅެއް
ގެއްލޭނެތޯއެވެ؟
ޖ. ފަހުން
ބައިވެރިވެވަޑައިގަތަސް އެއްވެސް ފިލާވަޅެއް
ނުގެއްލޭނެއެވެ. ފިލާވަޅުތަކުގެ ވެށީގައި
ހުރިހާ ފިލާވަޅެއް ހަމަޔަށް ހުންނާނެއެވެ.
ސ. ފަހުން ބައިވެރިވީމާ، ލިބޭ މުއްދަތު 6
މަސްދުވަހަށްވުރެ ކުރުވާނެތޯއެވެ؟
ޖ.
އަހަރުގެ ފުރަތަމަ މުއްދަތު ފެށެނީ
ޖަނަވަރީގައެވެ. ނިމެނީ ޖޫންގެ ނިޔަލަށެވެ.
އަހަރުގެ ދެވަނަ މުއްދަތު ފެށެނީ
ޖުލައިގައެވެ. ނިމެނީ ޑިސެންބަރުގެ
ނިޔަލަށެވެ.
ސ.
ބައިވެރިވުމަށް ޓަކައި ކުރަންޖެހޭ ކަމަކީ
ކޮބައިތޯއެވެ؟
ޖ.
ބައިވެ ވަޑައިގެންނެވުމަށް ޓަކައި، ތިރީގައިވާ
އެކައުންޓަށް -/180 ރ. (ސަތޭކަ އަށްޑިހަ ރުފިޔާ)
ޖަމާކޮށްލައްވާނީއެވެ. ދެން 9763216 ނަންބަރު
ފޯނަށް ރިސިޓް ވައިބަރކޮށްލައްވާނީއެވެ.
އޭރުން ވައިބަރ ކުރެއްވި ފޯނަށް ޔޫސަރނޭމާއި،
ޕާސްވޯޑް ފޮނުވައިދޭނެއެވެ. މި ވެށީގައިވާ
ބައިތަކަށް ވެދެވަޑައިގެންނެވޭނީ، ޔޫސަރނޭމާއި
ޕާސްވޯޑް ޖައްސަވައިގެންނެވެ. ފީ ދައްކަވާނީ
ފީ ދެއްކުމުގެ ޞަފުޙާ
ކިޔުއްވުމަށްފަހުގައެވެ. އަދި ތިޔަ ގެންގުޅުއްވާ ޑިވައިސް އިން މި ވެށްޓަށް
ވަދެވޭނަމައެވެ. ވަދެވޭތޯ ބެއްލެވުމަށް ޓަކައި
ފިއްތަވައިލައްވާނީ
މިތަނަށެވެ. ޔޫސަނޭމަކީ 1234 އެވެ.
ޕާސްވޯޑަކީ 2222 އެވެ.
BML
Abdul
Mueed Hassan
7701131167101
ސ.
-/180 ރުފިޔާ ދައްކަންޖެހެނީ ކޮންމެ
މަހަކުތޯއެވެ؟
ޖ. -/180 ރުފިޔާ އަކީ އަހަރު
ދުވަސް ބަހާލެވިފައިވާ ދެ މުއްދަތުންކުރެ އެއް
މުއްދަތުގެ ފީއެވެ. އެހެންކަމުން އެ ފީ
ދައްކަވާނީ މުއްދަތުގައި ބައިވެރިވެ
ވަޑައިގަންނަވާއިރުގައި އެކަންޏެވެ.
ސ. ފީ
ދެއްކުމަށްފަހު، ކިޔެވުން ކުރިއަށް ގެންދަން
ބޭނުން ނުވެއްޖެ ހިނދެއްގައި، ދައްކާފައިވާ ފީ އަނބުރާ
ލިބޭނެތޯއެވެ؟
ޖ. ފީ ދައްކަނީ، ޔޫސަރނޭމާއި
ޕާސްވޯޑް ގަތުމަށްޓަކައެވެ. ފީ ދައްކައި،
ފީ ދެއްކި ފަރާތަށް ޔޫސަރނޭމާއި ޕާސްވޯޑް
ލިބުމަށްފަހު، ފީ ގެ ގޮތުގައި ދެއްކި -/180 ރ.
(ސަތޭކަ އަށްޑިހަ ރުފިޔާ) އަނބުރާ އެ ފަރާތަކަށެއް
ނުލިބޭނެއެވެ. އެހެނީ، ފީ ގެ ގޮތުގައި ދެއްކި
އަގަކީ، ޔޫސަރނޭމާއި ޕާސްވޯޑް ގަތުމަށްޓަކައި
ދެއްކި އަގެކެވެ. އެ އަގުގެ ބަދަލު އެފަރާތަށް
ދިނުމުގެ ވިޔަފާރި މުޢާމަލާތު ވަނީ
ނިމިފައެވެ. އަދި އެ އިން މަންފާ ލިބިގަތުމަށް
ކަނޑައެޅިފައިވާ މުއްދަތުގައި އެ ކަން ކުރުމުގެ
މަގު، އެ ފަރާތަށް ވާނީ
ތަނަވަސްކޮށްދެވިފައެވެ.
ސ.
މުއްދަތު ގުނަން ފަށަނީ ބައިވެރިވާ ދުވަހުން
ފެށިގެންތޯއެވެ؟
ޖ. އަހަރުގެ ފުރަތަމަ
މުއްދަތު
ގުނަން ފަށާނީ ޖަނަވަރީ މަހުން ފެށިގެންނެވެ.
ދެވަނަ މުއްދަތު ގުނަން ފަށާނީ ޖުލައި މަހުން
ފެށިގެންނެވެ.
ސ.
ބަޙުރު ޢަރަބި ވެށި ހުޅުވިފައިވާނީ ކޮންއިރަކުތޯއެވެ؟
ޖ.
މި ވެށި ވާނީ އަބަދުވެސް ހުޅުވިފައެވެ.
ފީ ދައްކަވާފައިވާ ބޭފުޅަކު ބޭނުންފުޅު
އިރެއްގައި މި ވެށްޓަށް
ވެންނެވިދާނެއެވެ.
ސ. ޢަރަބިބަހުން
ހުންނަ ފިލާވަޅުތަކުގެ މާނަ ލިބޭނެތޯއެވެ؟
ޖ. ފަށައިގަންނަ ދަރިވަރުންނަށް
އަމާޒުކޮށްގެން ބެހެއްޓިފައިވާ ކޮންމެ
ފިލާވަޅެއްގައި ހިމެނޭ ހުރިހައި ޢަރަބި
ލަފުޒެއްގެ މާނަ، ވަކިވަކިން ލިޔެދެވިފައި
ވާނެއެވެ.
ސ.
މުއްދަތު ނިމުމުން ސެޓްފިކެޓެއް ދޭނެތޯއެވެ؟
ޖ. މުއްދަތު ނިމުމުން ސެޓްފިކެޓެއް
ނުދޭނެއެވެ.
ސ.
މިއީ އެމްކިއުއޭ އިން ޤަބޫލުކުރާ
ކޯހެއްތޯއެވެ؟
ޖ. މިއީ ޢަރަބިބަސް
ދަސްކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް
އަމާޒުކޮށްގެން ހުޅުވައިލެވިފައިވާ އޮންލައިން
ވެށްޓެކެވެ. މިއީ،
އެއްވެސް ފަރާތަކުން ދަރަޖަކޮށްފައިވާ
ވެށްޓެއް ނޫނެވެ.
ސ. އަޅުގަނޑު
ބޭނުންވަނީ ސެޓްފިކެޓެކެވެ. ސަބަބަކީ ޢަރަބި
ކިޔަވައިދޭ ޓީޗަރެއްގެ ވަޒީފާ ވެސް ލިބޭނީ
ސެޓްފިކެޓެއް އޮވެގެން ކަމަށްވާތީއެވެ.
އެހެންވީމާ، މި ކޯސް ފުރިހަމަކުރާ މީހަކަށް
ޢަރަބި ޓީޗަރެއްގެ ވަޒީފާ ލިބޭނެތޯއެވެ؟
ޖ.
މި ވެށިން ކޮށްދޭ ކަމަކީ، ޢަރަބިބަސް
ކިޔަވާވިދާޅުވުމަށް
ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް އެ
ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި ޢަރަބިބަސް
ކިޔަވާ ދަރިވަރުންނަށް އެހީތެރިވެދިނުމެވެ. މި
ޚިދުމަތް ހޯއްދަވާފައިވާ ބޭފުޅަކަށް
ޓީޗަރެއްގެ ވަޒީފާ ދިނުމާއި ނުދިނުމަކީ،
ވަޒީފާ ދޭ ފަރާތުން ކުރާނެ ކަމެކެވެ. އަދި
ޓީޗަރުކަން ކުރެއްވޭނެ ދަރަޖައަށް ޤާބިލުކަން
އިތުރުކުރެއްވުމަކީ، މި ޚިދުމަތް ހޯއްދަވާ
ފަރާތް ފިޔަވައި އެހެން މީހަކަށް ކުރެވޭނެ
ކަމެއް ނޫނެއް ނޫންތޯއެވެ؟
ސ.
އަޅުގަނޑު ކޮންމެވެސް ވަރަކަށް ޢަރަބިބަސް
ދަންނަމެވެ. ބަޙުރު ޢަރަބި ވެށީގައި ވާ ހުރިހައި އެއްޗެއް (ލިޔެކިއުމާއި،
އޯޑިއޯއާއި، ވީޑިއޯ) އަޅުގަނޑު ބަލާލަން
ލިބިދާނެތޯއެވެ؟
ޖ. ތިޔަ އެދިވަޑައިގަތް
ކަމަކީ، ފޯރުކޮށްދޭ ޚިދުމަތެއް ނޫނެވެ.
ސ. ބަޙުރު ޢަރަބި ވެށީގައިވާ ބައިތަކަކީ ޔުނިވަރސިޓީތަކުގައި
ހިންގާ ލެވެލްތައްތޯއެވެ؟
ޖ. މި ވެށީގައިވާ
ބައެއް ތަކެތި، ޔުނިވަރސިޓީތަކުގައި ހިންގާ
ލެވެލްތަކާ ތަފާތުވެދާނެއެވެ. އަދި ބައެއް
ތަކެތި އެއްގޮތްވުމަކީ ޖާއިޒު ކަމެކެވެ.
މައިޞަފުޙާ