މާމާ ދިނެ ކައުޓިކެބައުން ...

އެންމެ ފުރަތަމަ ސުރުޚީގައިވާ ލަފުޒުތަކުގެ މާނައަށް ބަލައިލާނަމެވެ.
މާމާ: މާމަ
ދިނެ: ދިން
ކައުޓިކެބައުން: ކާށިކިބައިން
"މާމާ ދިނެ ކައުޓިކެބައުން" މިއީ، ކުޑަކުދިން ކުޅޭ ކުޅިވަރަކަށް ކިޔާ ނަމެކެވެ. ނުވަތަ އެ ކުޅިވަރު ކުޅޭއިރު ކިޔާ ބަނދީގެ ފެށުމެވެ. މިހާރު މުޅި ބަނދި ހަނދާނެއް ނެތެވެ. އެ ބަނދީގައި ކިޔާ އެއްޗެއްގެ ދޭހަ ތިރީގައި މިވަނީއެވެ.
މާމަ ދިން ކާށިކިބައިންނެވެ.
މާފަ ދިން ހުނިގޮނޑިންނެވެ. (މާފައަކީ، މަންމަގެ ބައްޕައެވެ.)
މުންނަ ދިން ތެލިތެއްޔަށެވެ. (މުންނައަކީ، ބައްޕަގެ މަންމައެވެ.)
ކާފަދިން ތަވާތަވަޔަށެވެ.
އަހަރެމެން ހުނިގާނަމުއެވެ.
އެ ހުނިން ކިރުފެލަމުއެވެ.
އެ ކިރުން ތެޔޮ ހާނަމުއެވެ.
އެ ތެލުން ވިޔަފާރިކުރަމުއެވެ.
ހިލޭ އުފެއްދި ތެލުގެ ނަފާ ހާދަހާ ބޮޑެވެ!!!
*** *** ***

ބައެއް މުޖުތަމަޢުތަކުގައި ޢިމާރާތެއް ފަރުމާކުރުމަކީ ވެސް "މާމާ ދިނެ ކައުޓިކެބައުން" ގެ ބަންޖަށް ނިމިދާ ކަމެކެވެ.
އެކަކު ލައްވާ ކުރައްސަނީ، ތަޅުމުގެ ޗާޓެވެ.
އަނެކަކު ލައްވާ ކުރައްސަނީ އެލިވޭޝަނެވެ.
ދެން އެހެން މީހަކު ލައްވާ ހައްދަނީ ސްޓްރަކްޗަރއެވެ.
ހަމަ މި މޭރުމުން ބީއޯކިއު ވެސް ހަދައި ހުރިހައި ކަމެއް ނިންމާލެވެއެވެ.
އެއްވެސް މީހަކަށް އަގު ދިނުމެއް ނެތިމެއެވެ.
ފޮނި ވާހަކަތަކެއް ދައްކައިގެންނެވެ.
ނުވަތަ ތިމާގެ ނިކަމެތިކަމާއި ފަޤީރުކަމުގެ ހާސަރުތައް ކިޔައިދީގެންނެވެ.
ނުވަތަ ކޮންމެވެސް ބަހަނާތަކެއް ދައްކައިގެންނެވެ.
ނުވަތަ ފަހުން އަގު ދޭނެކަމަށް ބުނެ، މަކަރާއި ޙީލަތުންނެވެ.
ބައެއް ޢިމާރާތްތައް ބޭނުންކޮށްކޮށް ހަލާކުވާއިރު ވެސް ފަރުމާކުރުމުގެ އަގު އަދައެއްނުކުރެއެވެ!!!
*** *** ***

ބައެއް މުޖުތަމަޢުތަކުގައި ދަރިންނަށް ނަން ކިޔުމުގެ އާދަ ވެސް ބިނާވެފައިވަނީ، "މާމާ ދިނެ ކައުޓިކެބައުން" ގެ ފަލްސަފާގެ މައްޗަށެވެ.
ނަން ފާސްކޮށްދޭ މީހާއާ ހަމައަށް ފޮނުވައިލެވެނީ އަޑެކެވެ!!!
ބައެއް ފަހަރު އެއީ ޙިމާރެއްގެ އަޑު ނުވަތަ އެއަށްވުރެ ހުތުރުކަން ބޮޑު އަޑެކެވެ!!!
އެއީ، ނަން ފޮތްފޮތުން ބަރީވެގެންވާ ޙާލު، ނަމެއް ކަމަށް ކުރެވޭ ދަޢުވާއެކެވެ!
އެއީ، ނަމެއް ވެސް ނޫނެވެ. އެއީ، ކަމެއް ވެސް ނޫނެވެ. އެއީ، އަކުރެއް ވެސް ނޫނެވެ.
ނަމަވެސް އޭގައި ތިން ޝަރުޠެއް ފުރިހަމަވާންޖެހެއެވެ.
އެޔަށް މާނައެއް އޮންނަންޖެހެއެވެ.
އެއަށް ބަހެއް ވެސް އޮންނަން ޖެހެއެވެ.
އެއީ މުސްލިމުންނަށް ކިޔުން ހުއްދަ ނަމެއް ކަމުގައި ވެސް ވާންޖެހެއެވެ!
އެ ނަމަށް މާނައެއް ހޯދުމަށްޓަކައި، އުފުލަންޖެހޭ ތަކުލީފުތައް ވަރަށް ބޮޑެވެ.
ހޭދަކުރަންޖެހޭ ވަގުތުތައް ވަރަށް ގިނައެވެ.
ނަން ފޮނުވާ ފަރާތުން ބުނެއެވެ.
"ވުލް" ގެ މާނައަކީ ކޮބައިހެއްޔެވެ؟ "ވުލް" އަކީ ޢަރަބި ނަމެއް ހެއްޔެވެ؟ "ވުލް" އަކީ މުސްލިމުންނަށް ކިޔުން ހުއްދަ ނަމެއް ހެއްޔެވެ؟
ޖަވާބު މިއޮތީއެވެ.
"ވުލް" ގެ މާނައެއް ނެތެވެ. "ވުލް" އަކީ ޢަރަބި ނަމެއް ނޫނެވެ. "ވުލް" އަކީ މުސްލިމުންނަށް ކިޔުން ހުއްދަ ނަމެއްކަން ނުވަތަ ނޫންކަން އެނގިފައެއް ނެތެވެ.
ދެން ޖަދަލު ކުރެއެވެ!
"ވުލް" ގެ މާނައެއް އޮންނާނެއެވެ. "ވުލް" އަކީ ޤުރުއާނުގައި އޮތް ނަމެކެވެ. އެހެންވީމާ "ވުލް" ކިޔުން ހުއްދަވާނެއެވެ.
ޙައިރާންކަމާއެކު ސުވާލުކުރެވެއެވެ!
"ވުލް" އޮތީ ކީރިތި ޤުރުއާނުގެ ކޮން އާޔަތެއްގައި ހެއްޔެވެ؟
ވަގުތުން ޖަވާބު ލިބެއެވެ!
"ވުލް" އެ އޮތީ، ބަޤަރާ ސޫރަތުގެ 237 ވަނަ އާޔަތުގައެވެ!
"ވުލް" ކިޔުއްވުމުގެ ބަދަލުގައި "އުލް" ކިޔުއްވަންވީ ނޫންތޯއޭ ދަންނަވައި ޚިޔާލު އެރުވެއެވެ. ނަމަވެސް ޤަބޫލެއް ނުކުރައްވައެވެ. "އުލް" އަކީ މާނައެއް އޮތް ނަމެކެވެ. އެއީ، ޏަވިޔަނި އަތޮޅު ބަހުން އުލަށް ކިޔާ ނަމެވެ. އެ އަތޮޅުގެ ބަހުގައި، މިފަދަ ކިތަންމެ ނަމެއް ވެއެވެ. "ފުލް" އާއި "ދުލް" އާއި "ތުލް" އާއި "ގުލް" އެވެ. މާނައަށް ނުބަލައި ކިޔަންޏާ މިއިން ކޮންމެ ނަމެއްވެސް ކިޔިދާނެ ނޫންތޯއެވެ.
ނަމެއް ހޯދުމަށްޓަކައި އަދި އެ ނަމުގެ މާނަ ބެލުމަށްޓަކައި ހޭދަކުރަންޖެހޭ ވަގުތު ގިނައެވެ. ބައެއް ފަހަރު އެންމެ ކުއްޖަކަށް ކިޔާނެ ނަމެއް ހޯދުމަށްޓަކައި އަހަރުދުވަސް ހޭދަވެފައި ވެއެވެ. ނަމުގެ މާނަ ހޯދުމަށްޓަކައި ބައެއް ފަރާތްތަކުން ދިގުދިގު ނަން ލިސްޓުތައް ހުށަހަޅައެވެ. އެންމެ ބުއްދި ގަދަކޮށް މިކަން ކުރެވެނީ، "މާމާ ދިނެ ކައުޓިކެބައުން" ގެ ފަލްސަފާއިންނެވެ!!! މިއޮތީ އޭގެ މިސާލެކެވެ.
ސ: "ޝަނޫ" މި ނަމުގެ މާނައަކީ ކޮބައިހެއްޔެވެ؟
ޖ: "ޝަނޫ" އަކީ ހަވަރާބެހޭ ވަޒީރަށް ކިޔާ ނަމުގެ ފުރަތަމަ ދެ އަކުރެވެ.
ސ: އެއީ ކޮން ބަހެއްގެ ނަމެއް ހެއްޔެވެ؟
ޖ: އެއީ ދިވެހިބަހުގެ ނަމެކެވެ.
ސ: ހަވަރާބެހޭ ވަޒީރަށް ކިޔާ ނަމަކީ މުސްލިމުންނަށް ކިޔުން ހުއްދަ ނަމެއް ހެއްޔެވެ؟
ޖ: އާނއެކެވެ.
ނަން ފާސްކުރާ ފޯމު ފުރާލައިގެން އެބަ ކައިރިކޮށްލަމެވެ. ތިބޭޅާ ސޮއިކޮށްލެއްވީމާ އޯކޭވާނެ ނޫންތޯއެވެ؟!!!
*** *** ***

ހިލޭ ގެދޮރު ފަރުމާކުރުވާ ބީދައިން، ހިލޭ ނަން ފާސްކުރުވުމަށްފަހު ދެން އަންނަނީ، ހަތްދުވަހުގެ މުނާސަބަތެވެ. އެ މުނާސަބަތުގައި ބަކަރި ކަތިލެވެއެވެ. ބަކަރިއެއްގެ އަގު އެތައް ހާސްރުފިޔާއަކަށް އަރައެވެ. ނަން ކިޔުމަށްޓަކައި ބަކަރި ކަތިލެވޭ އާދައަށް ބަލާއިރު، އެއީ ބޮޑު އަގު ދީގެން ސުންނަތާ ޚިލާފަށް ކުރެވޭ ކަމެއްކަން މޭރުންވެއެވެ!
*** *** ***

ގޯތިގެދޮރަށް ނަން ކިޔުމަކީ ވެސް ނަމުގެ ބާބުގައި ހިމެނޭ ކަމެކެވެ. ގޯތިގެދޮރަށް ކިޔާނެ ނަންނަމުގެ ގޮތުގައި، "ހިތްހަލާކު" އާއި "ކުޅުދިޔާ" ވެސް ހުށަހެޅުނު ކަމުގައި ބުނެވެއެވެ. މިއަށްވުރެ ބޮޑު ކަމަކީ، ބޭރަށްހިންގުން ފަދަ ބަލިބަލީގެ ނަންނަމުންނާއި، ނިވާމަގުގައިވާ ގުނަވަންތަކުގެ ނަންނަމުން ވެސް ދަރިންނަށް ނަން ކިޔާފައިވާ ކަމެވެ!
*** *** ***

އަޚުންނާއި އުޚުތުންނޭވެ!
ކަންކަން ކުރެވިދާނެ ދެ ގޮތެއް ވެއެވެ.
އެއް ގޮތަކީ، "މާމާ ދިނެ ކައުޓިކެބައުން" ގެ ފަލްސަފާއިން ކަންކުރުމެވެ.
އަނެއް ގޮތަކީ، ކޮންމެ ކަމަކަށް ހަމަޖެހިފައިވާ އަގު އަދާކޮށްގެން އެ ކަމެއް ކުރުމެވެ.
މި ދެ ގޮތުން ކުރެ ގޮތެއް އިޚުތިޔާރުކުރުން ބިނާވެފައިވާނީ، ދިރިހުރި ޒަމީރާއި ތެދުވެރިކަމުގެ މައްޗަށެވެ.


ފިހުރިސްތު