ޤުއްބަތުއް ޞަޚްރާ

މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ތާރީޚު: 12 މާރިޗު 2008

ޤުއްބަތުއްޞަޚްރާ (قبة الصخرة) އަކީ ޤުދުސް (القدس) ގައިވާ ވަރަށް ރީތި ޢިމާރާތެކެވެ. އެތަން ބިނާކުރެވުނީ އުމަވީ ދައުލަތުގެ ދުވަސްވަރު ޢަބްދުލްމަލިކް ބްނު މަރްވާން (عبد الملك بن مروان) ގެ ޚަލީފާކަމުގައި އޭނާގެ އަމުރުފުޅަށެވެ. އޭނާ އިސްލާމީ ދައުލަތުގެ ޚަލީފާކަމާ ޙަވާލުވެވަޑައިގެންނެވީ މީލާދީ ސަނަތުން 685 ވަނަ އަހަރުގައެވެ. ޤުދުސަކީ އިސްލާމީ ތާރީޚުގައި ވަރަށް ބޮޑު އަހަންމިއްޔަތެއް ދެވިފައިވާ ރަށަކަށް ވާތީ، އެރަށާމެދު އޭނާ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވި އެވެ. އަޅުގަނޑުމެން އެންމެން ދަންނަ ފަދައިން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، މަލަކޫތީ ޢާލަމަށް ކުރެއްވި ދަތުރުފުޅު ވަނީ އެރަށާ ގުޅިފަ އެވެ. މުސްލިމުންގެ ފުރަތަމަ ޤިބުލައަކީ އެރަށެވެ. ޢުމަރުގެފާނުގެ ޚަލީފާކަމުގައި މުސްލިމުންގެ ބެލުމުގެ ދަށަށް އެރަށް ދިޔަ އެވެ.
ޤުދުސަކީ ސިޔާސީ ގޮތުން ވެސް އިސްލާމީ ތާރީޚާ ގުޅިފައިވާ ރަށެކެވެ. މީލާދީ ސަނަތުން 661 ވަނަ އަހަރު، މުޢާވިޔަތު ބްނު އަބީ ސުފްޔާން (معاوية بن أبي سفيان) އޭނާއަކީ މުސްލިމުންގެ ޚަލީފާކަމުގައި ހަމަޖައްސަވައި، އެކަން އިޢުލާންކުރެއްވީ އެރަށުގަ އެވެ. މިފަދަ މިފަދަ ސަބަބުތަކަށްޓަކައި މުސްލިމުންގެ އަދަބާއި ފަންނާއި ފިކުރުގައި ވަނީ ޤުދުސްގެ ނަން ބިންވަޅު ނެގިފަ އެވެ. އެރަށުގައިވާ މުޤައްދަސް ހިލަކޮޅުގެ މަތީގައި އިސްލާމީ އާކިޓެކްޗަރގެ ރަމްޒަކަށް ވެގެންދާނެ ޢިމާރާތެއް އާރާސްތު ކުރެއްވުމަށް ޢަބްދުލްމަލިކް ބްނު މަރްވާން (عبد الملك بن مروان) ޤަޞްދުކުރެއްވީ އެހެންވެގެން ކަމަށް ބުނެވެއެވެ.

އިސްލާމީ ތާރީޚުގެ ފޮތްފޮތުން އެނގޭ ގޮތުގައި، ޤުއްބަތުއްޞަޚްރާ (قبة الصخرة) އަކީ ޤުދުސްގައި މުސްލިމުން އާރާސްތުކުރި ހައިބަތުހުރި ފުރަތަމަ ބިނާ އެވެ. އެތަން ބިނާކުރުމުގެ މަސައްކަތް ޢަބްދުލްމަލިކް ބްނު މަރްވާން (عبد الملك بن مروان) ޙަވާލުކުރެއްވީ ދެ މުހަންދިސަކާއެވެ. އެކަކީ ރަޖާއު ބްނު ޙަޔާތު (رجاء بن حياة) އެވެ. އަނެކަކީ ޔަޒީދު ބްނު ސަލާމް (يزيد بن سلامة) އެވެ. އަދި އެތަން ބިނާކުރުމަށްޓަކައި ހިނގާނެ ޚަރަދުތަކަށްޓަކައި، ހަތްއަހަރު ވަންދެން މިޞްރުގެ ވާރު ޚާއްޞަކުރެއްވި އެވެ.
އެޢިމާރާތަށް ޤުއްބަތުއްޞަޚްރާ (قبة الصخرة) ނުވަތަ "ހިލަކޮޅުގެ ޤުއްބު" ގެ ނަންދެވުނީ، މުޤައްދަސް ހިލަކޮޅުގެ މަތީގައި އެތަން ބިނާކުރެވިފައި ވާތީ އެވެ. އާދޭހެވެ. އެތަން ބިނާކުރެވިފައި ވަނީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، މިޢުރާޖުގެ ދަތުރުފުޅު ފެށްޓެވި ހިލަކޮޅުގެ މަތީގަ އެވެ. އެ ހިލަކޮޅުގެ ދިގުމިނަކީ ގާތްގަނޑަކަށް 18 މީޓަރެވެ. ފުޅާ މިނަކީ ގާތްގަނޑަކަށް 13 މީޓަރެވެ. އެހެންކަމުން ޢިމާރާތުގެ ފްލޯ ޕްލޭން ފަރުމާކުރެވިފައިވަނީ އެ ހިލަކޮޅު، ޢިމާރާތުގެ ތެރޭގައި ހިމަނާލެވޭނެ ފަދަ ހަންދަސީ ރީތި ބައްޓަމަކަށެވެ. އެ ބައްޓަމަކީ ހުރިހައި ފަރާތެއް އެއްވަރު އަށްކަން ގޮޅިއެކެވެ. ޢިމާރާތުގެ ފްލޯ ޕްލޭން ދިރާސާކޮށް ބަލާއިރު، އެތަން ފަރުމާކޮށްފައިވަނީ ދީނީ އަޅުކަމެއް ކުރުމަށް ނުވަތަ ދުންޔަވީ މަސައްކަތެއް އެތަނުގެ އެތެރޭގައި ކުރުމަށް ނޫންކަމާއި، އެތަން ފަރުމާކޮށްފައިވަނީ ހަނދާނީ ބިނާއެއްގެ ގޮތުގައިކަން އެނގެ އެވެ. އެތަން ބިނާކުރުމުގެ މަސައްކަތް ކުރެވިފައިވަނީ ހަތަރު ފިޔަވައްސެއްގަ އެވެ.

ފުރަތަމަ ފިޔަވަހީގައި ކުރެވުނު ކަމަކީ، ހިލަކޮޅުގެ ވަށައިގެން ވަށްރޮނގެއް އެޅުމެވެ. އޭގެ ކުރުހުރަސް (Radius) ގެ ދިގުމިނަކީ 20.44 މީޓަރެވެ. ދެން އޭގެ މަތީގައި ހަތަރު ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކުގައި ހަތަރު މައި ތަނބު ޖެހުނެވެ. ދެން އެއިން ކޮންމެ ދެތަނބެއްގެ ދެމެދުގައި އިތުރު ސާނަވީ ތިން ތަނބު ޖެހުނެވެ. އެއަށްފަހު އެ ތަނބުތައް އެއް އުސްމިނަކުން ގުޅުވާލެވި އޭގެ މަތީގައި އަރޗް (Arch) ތަކެއް ބިނާކުރެވުނެވެ. އެ އާޗްތަކުގެ މަތީގައި ވަށައިގެން ފާރެއް ބިނާކޮށް އެފާރުގައި 16 ކުޑަދޮރު ކެޑުނެވެ. އަދި އޭގެ މަތީގައި ދެ ޤުއްބު ބިނާކުރެވުނެވެ. އެއް ޤުއްބަކީ ހިލަކޮޅުގެ މަތީގައި އެތެރޭން ބިނާކުރެވުނު ޤުއްބެވެ. އެ ޤުއްބު ފެންނާނީ އެތެރޭންނެވެ. އަނެއް ޤުއްބަކީ އެތެރޭގައިވާ ކުޑަ ޤުއްބުގެ މަތީގައި ބޭރުން ބިނާކުރެވުނު ބޮޑު ޤުއްބެވެ.
ދެވަނަ ފިޔަވަހީގައި ކުރެވުނު ކަމަކީ، އެތެރޭގައި ވަށްކޮށް ބިނާކުރެވުނު ބައިގެ ވަށައިގެން މައިތަނބުތަކެއް ޖެހުމެވެ. އެ މައިތަނބުތަކުގެ ޢަދަދަކީ 8 އެވެ. އެ ތަނބުތައް ޖަހާފައިވަނީ އަށްފަރާތް އެއްވަރު އަށްކަން ގޮޅިއެއްގެ ކަންކަނުގަ އެވެ. އަދި އެއިން ކޮންމެ ދެ ތަނބެއްގެ ދެމެދުގައި ސާނަވީ 2 ތަނބު ޖެހުނެވެ. އެ ތަބުތައް ޖެހުނީ ހިލަކޮޅުގެ ވަށައިގެން ބިނާކުރެވުނު ބަޔާއި ބޭރު ފާރާ ދެމެދުގައެވެ. އޭގެ ބޭނުމަކީ ފުރާޅުގެ ބުރަދަން އުފުލުމެވެ.

ތިންވަނަ ފިޔަވަހީގައި ބޭރު ފާރުތައް ރޭނުނެވެ. އެ ފާރުތަކުގެ ޢަދަދަކީ 8 އެވެ. އެފާރުތައް ލެވިފައިވަނީ ދެވަނަ މަރްޙަލާގައި ޖެހި އަސާސީ 8 ތަނބުގެ ބޭރުގަ އެވެ. އެއިން ކޮންމެ ފާރެއްގެ ދިގުމިނަކީ 20.6 މީޓަރެވެ. ބޯމިނަކީ 1.3 މީޓަރެވެ. އުސްމިނަކީ 9.5 މީޓަރެވެ. އެ ފާރުތަކުގެ ތެރެއިން، ދުނިޔޭގެ ހަތަރުބިތާ ދިމާވާ ކޮންމެ ފާރެއްގައި މައިދޮރެއް ވެ އެވެ. އަދި ކޮންމެ ފާރެއްގައި 5 ކުޑަދޮރު ވެ އެވެ. އެ ފާރުތަކުގައި ކެނޑިފައިވާ ކުޑަދޮރުތަކުގެ ޖުމުލަ ޢަދަދަކީ 40 އެވެ.
ހަތަރުވަނަ ފިޔަވަހީގައި ކުރެވުނު އެންމެ މުހިންމު ކަމަކީ ވަށައިގެން ލެވުނު ފާރުތަކާއި ޤުއްބާ ދެމެދުގައިވާ ތަން ހިޔާކުރުމެވެ. އެތަން ހިޔާކުރުމުގައި އަޞްލެއް ކަމަށް ބަލާފައިވަނީ ޢަރަބި ޞަޙަރާގައި ދިރިއުޅޭ ބަދަވީންގެ ފޭލިގެ ކަމަށް ބައެއް އާކިޓެކްޓުން ޤަބޫލުކުރެ އެވެ.
އެންމެ ފުރަތަމަ، އަށްކަނަށް ބިނާކުރެވުނު ތަނަކީ ޤުއްބަތުއްޞަޚްރާ ކަމަށް ބައެއް މީހުން ހީކުރެ އެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. މުހިންމު ޢިމާރާތްތައް އެގޮތަށް ބިނާކުރުމަކީ އިސްލާމީ ސަގާފަތަށްވުރެ ކުރިން ވެސް ޝާމުކަރައިގެ އަހުލުވެރިން ކޮށްއުޅުނު ކަމެކެވެ. ވުމާއެކު، ޤުއްބަތުއްޞަޚްރާގެ ބައްޓަމަކީ ދީނީ ގޮތުން އިޚުތިޔާރުކުރެވިފައިވާ ބައްޓަމަކަށްވުރެ ބޮޑަށް ޘަޤާފީ ގޮތުން އިޚުތިޔާރު ކުރެވިފައިވާ ބައްޓަމެއް ކަމަށް ބައެއް މީހުން ދެކެ އެވެ. ނަމަވެސް މިކަމާބެހޭގޮތުން، ޚިޔާލުފާޅުކުރާ ހުޅަނގާއި އިރުމަތީގެ ބައެއް އާކިޓެކްޓުން ދެކޭ ގޮތުގައި އެ ބައްޓަން ނަގާފައިވަނީ ކީރިތި ޤުރްއާނުންނެވެ. ޤިޔާމަތް ދުވަހު، މާތް ﷲ ގެ ޢަރުޝި އުފުއްލަވާނީ 8 މަލާއިކަތުންކަމަށް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާތީ، މުސްލިމުން އެގޮތް ކޮޕީކުރީކަމަށް އެމީހުން ދެކެ އެވެ. ޚިޔާލުފާޅުކުރުމުގެ މަސްރަޙުގައި ތިންވަނަ ރައުޔެއް ވެސް ވެ އެވެ. ތިންވަނަ ރައުޔުގެ އަހުލުވެރިންގެ ނަޒަރުގައި ޤުއްބަތުއްޞަޚްރާގެ ބައްޓަން އައިސްފައިވަނީ ދީނާއި ޘަޤާފަތަށްވުރެ ބޮޑަށް ޙާލަތުންނެވެ. ޙާލަތު ނިޔާކުރާގޮތުން އެ ހިލަކޮޅު ހިޔާކުރެވޭނީ އެފަދަ ބައްޓަމަކަށް ބިނާކުރެވޭ ޢިމާރާތަކުން ކަމަށްވާތީ، ޢިމާރާތް ފަރުމާކުރި މުހަންދިސުން އެބައްޓަން އިޚުތިޔާރުކުރީ އެވެ. އެންމެ ޞައްޙަ ރައުޔު ޙާޞިލުވަނީ މިތިން ރައުޔު އެއް ގިއުގަނޑެއްގެ ތެރެއަށް ލީމަ އެވެ. އެހެނީ، އާކިޓެކްޗަރގައި ޢިމާރާތެއް ފަރުމާކުރެވެނީ ދީނާއި ސަގާފަތާއި ޙާލަތަށް ބަލައިގެންނެވެ.
ކޮންމެއަކަސް، ޤުއްބަތުއްޞަޚްރާ ފަރުމާކުރުމުގައި ޢަރަބި އިސްލާމީ ސަގާފަތަށް އިސްކަން ދިނުމަށް ޢަބްދުލްމަލިކް ބްނު މަރްވާން (عبد الملك بن مروان) ބާރުއެޅުއްވިކަމަށް ޤަބޫލުކުރެވެ އެވެ. އެހެނީ، އޭނާގެ ވެރިކަމުގެ ދުވަސްވަރު، ދައުލަތުގެ ހުރިހައި ކަމެއްގައި ވެސް ޢަރަބި އިސްލާމީ ޝަޚުޞިއްޔަތު ވަނީ ކުރިޔަށް ނެރުއްވާފަ އެވެ. އެއީ ހަމައެކަނި އާކިޓެކްޗަރގެ މައިދާނުގައި އޭނާ ކުރެއްވި ކަމެއްނޫނެވެ. ޤައުމުގެ އިދާރީ އޮނިގަނޑު ޢަރަބި އިސްލާމީ އުޞޫލުތަކަށް ބައްޓަން ކުރެއްވި އެވެ. ލިޔެކިއުމުގައި ބޭނުންކުރާނެ ޢަރަބި އަކުރުގެ ވައްތަރު ވެސް ކަނޑައެޅުއްވި އެވެ. އަދި މުޅިން ޢަރަބި އަކުރުން ލިޔެފައިވާ ޢަރަބި އިސްލާމީ ފައިސާފޮތި ވެސް ޖެއްސެވި އެވެ.
ޢަބްދުލްމަލިކް ބްނު މަރްވާން (عبد الملك بن مروان) ބިނާކުރެއްވި ޤުއްބަތުއްޞަޚްރާ (قبة الصخرة) އަކީ ޤުދުސް (القدس) ގައިވާ އެންމެ ރީތި ތާރީޚީ ޢިމާރާތްކަމަށް އާކިޓެކްޓުން ޤަބޫލުކުރެއެވެ. އެ ބިނާގެ ފުރިހަމަކަން ބަޔާންކޮށްދެއްވަމުން ފަރަންސޭސިވިލާތުގެ މަޝްހޫރު މުއައްރިޚު، ގުސްތާފް ލުބޯން (Gustave Le Bon) ވިދާޅުވެފައިވެ އެވެ. "މީހެއްގެ ނަޒަރު ހުއްޓޭނެ އެންމެ ހައިބަވެތި ބިނާއަކީ، ޤުއްބަތުއް ޞަޚުރާ އެވެ. އެތާނގެ ޖާޒުބީ ރީތިކަމާއި ޖާދުވީ ފުރިހަމަކަން، އާދަމުގެ ދަރިންގެ ޚިޔާލަށް ވެސް ނުގެނެވޭނެ އެވެ."


ފިހުރިސްތު