ރަންދާން: ކަޢުބަތުﷲ ގެފުޅު

މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ތާރީޚު: 5 ޖެނުއަރީ 2008

ގެފުޅަކީ، ނަމާދުގައި މުސްލިމުންގެ ޤިބުލައެވެ. މުސްލިމުން ޙައްޖަށް ގޮސް ގެފުޅުގެ ވަށައިގެން ޠަވާފުކުރެއެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި މުސްލިމަކު ހުއްޓަސް އޭނާގެ ހިތްވާނީ، ގެފުޅާ ގުޅި ލާމެހިފައެވެ. އޭނާގެ ހިތުގައި ގެފުޅަށް ވަރަށް ޚާއްޞަ މަޤާމަކާއި ޤަދަރެއް ދެވިފައިވާނެއެވެ. ކޮންމެވެސް ދުވަހަކުން މައްކާއަށް ގޮސް ގެފުޅުގެ ވަށައިގެން ޠަވާފުކޮށް، ޙައްޖުގެ އަޅުކަން އަދާކުރުމަކީ، ހަމަ ކޮންމެ މުސްލިމަކުމެ ނުހަނު ޝައުޤުވެރިކަމާއެކު ކުރާ އުންމީދެކެވެ.
ގެފުޅަށް، "އަލްބައިތުލް ޙަރާމް" ގެ ނަން ވެސް ދެވިފައި ވެއެވެ. މި ނަން ދެވިފައިވަނީ، ގެފުޅު ކައިރީގައި ހަނގުރާމަކުރުން މާތް ﷲ ޙަރާމްކުރައްވާފައިވާތީއެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، ބިންމަތީގައިވާ އެންމެ މާތް، އެންމެ މުޤައްދަސް ތަނަކީ، ގެފުޅެވެ.
އާދަމުގެފާނު އެޅުއްވި ބިންގަލުގެ މަތީގައި، ކަޢުބަތު ﷲ ގެފުޅު ބިނާކުރެއްވުމަށް، މާތް ﷲ، އިބްރާހީމުގެފާނަށް އެންގެވިއެވެ. އެހިނދު، އެ އަމުރުފުޅު ތަންފީޒުކުރެއްވުމަށް އިބްރާހީމުގެފާނު ފެށްޓެވިއެވެ. އެކަމުގައި އެކަލޭގެފާނާ އެހީތެރިވެވަޑައިގެންނެވުމަށް، އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. ދެން ނުހަނު ކިޔަމަންތެރިކަމާއެކު، އިސްމާޢީލުގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅަށް އެހީތެރިވެވަޑައިގެންނެވިއެވެ. އެގޮތުގެ މަތިން، އެ ދެ ބަފައިކަލުން، ގެފުޅު ބިނާކުރައްވައި، މާތް ﷲ ގެ ޙަޟުރަތަށް ހެޔޮ ދުޢާ ކުރެއްވިއެވެ. މި ވާހަކަ، ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައި ވެއެވެ.
(وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ)
އަލްބަޤަރާ: 127
މާނައީ، "އަދި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި ހިނދު، ހަނދުމަކުރައްވާށެވެ! (އެހިނދު ދުޢާކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލުކުރައްވައިފާންދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ގެފުޅު ބިނާކުރައްވައި ނިންމެވުމުން، މާތް ﷲ، އިބްރާހީމުގެފާނަށް އެންގެވީ، ގެފުޅަށް އައިސް ޙައްޖުވުމަށް މީސްތަކުންނަށް ގޮވާލެއްވުމަށެވެ. ދެން އެކަލޭގެފާނު އެ އަމުރުފުޅުވެސް ތަންފީޒުކުރެއްވިއެވެ. އެއަށްފަހު މިއަދާ ހަމައަށްވެސް ކޮންމެ އަހަރަކު ދުނިޔޭގެ ކަންކޮޅުތަކުން އެތައް ބަޔަކު ޙައްޖަށްދެއެވެ.

ގެފުޅުގެ ސިފަފުޅު

ގެފުޅަކީ، ކޮޑިއެއްގެ ބައްޓަމަށް ހެދިފައިވާ ބިނާއެކެވެ. (ކޮޑިއަކީ ކިއުބެވެ.) އެއީ މުޅިން ހަތަރެސްކަން ހަމަ ބިނާއެއް ނޫނެވެ. ގެފުޅުގެ ދޮރުކޮޅު ހުންނަ ބިތާއި އޭގެ އަނެއްފަރާތުގެ ބިތުގެ ދިގުމިނަކީ 12 މީޓަރެވެ. މީޒާބުކޮޅު ހުރި ބިތާއި އޭގެ އަނެއް ކޮޅުގައިވާ ބިތުގެ ދިގުމިނަކީ، 10 މީޓަރެވެ. ގެފުޅުގެ އުސްމިނަކީ، 15 މީޓަރެވެ. ސަލާމްލެއްވި އިސްލާޢީލުގެފާނުގެ ޒަމާނުގައި ގެފުޅުގެ އުސްމިނަކީ، 9 މުށެވެ. އޭރު ގެފުޅަކު ފުރާޅުކޮޅެއް ނެތެވެ. އޭރު ގެފުޅުގެ ދޮރުކޮޅުވެސް ވަނީ ބިމާ އެއްހިސާބެއްގައެވެ. ގެފުޅުގައި އެންމެ ފުރަތަމަ ފުރާޅުކޮޅެއް ލެއްވީ ތުއްބަޢު ރަސްގެފާނެވެ. އެއަށްފަހު، ޢަބްދުލްމުއްޠަލިބުގެފާނު، ގެފުޅުގެ ދޮރުކޮޅު ދަނގަޑުން ހެއްދެވިއެވެ. އަދި އެ ދޮރުކޮޅު ރަނުން ޒީނަތްތެރި ކުރެއްވިއެވެ. އެއީ ގެފުޅުގެ ދޮރުކޮޅު އެންމެ ފުރަތަމަ ރަނުން ޒީނަތްތެރިކުރެވުނު ފަހަރެވެ.
ގެފުޅުގައިވަނީ، އެންމެ ދޮރުކޮޅެކެވެ. ކޮންމެ އަހަރަކު ތިންފަހަރު އެ ދޮރުކޮޅު ހުޅުވެއެވެ. އެއީ ޒަމްޒަމްފެނުން ގެފުޅުތެރެ ދޮވެ ސާފުކުރުމަށްޓަކައެވެ.
ގެފުޅު ތެރޭގައި ތިން ތަނބުކޮޅާއި ސިޑިކޮޅެއް ވެއެވެ. އެ ތަނބުކޮޅުތައް ހަދާފައިވަނީ ހަރު ހިލައިންނެވެ. އޭގެ ވަޒީފާއަކީ، ފުރާޅުކޮޅު ހިފެހެއެއްޓުމެވެ. ސިޑިކޮޅުން އެރެނީ ފުރާޅުކޮޅުގެ މައްޗަށެވެ. ކޮންމެ އަހަރަކު އެއްފަހަރު ފުރާޅުކޮޅަށް އެރުން އޮވެއެވެ. އެއީ ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށްޓަކައެވެ.
ގެފުޅުގެ ވަށައިގެން ބިނާކުރެވިފައިވާ، ކުދި ބިނާތަކެއް މީލާދީން ނަވާރަ ވަނަ ޤަރުނުގައި ވެސް ފެންނާން ހުއްޓެވެ. މިހާރަކު އެ ބިނާތަކެއް ނެތެވެ.

ގެފުޅުގައިވާ މުހިންމު އުންސުރުތަކަކީ:
1. ޙަޖަރުލް އަސްވަދު: މި ހިލަކޮޅު އޮންނަނީ، ގެފުޅުގެ އިރު ދެކުނު ކަނުގައެވެ.
2. ގެފުޅުގެ ދޮރުކޮޅު: ދޮރުކޮޅު ވަނީ، ގެފުޅުގެ އިރުމަތީ ބިތުގަ އެވެ. ދޮރުކޮޅާއި ބިމާ ދެމެދުގައިވާ އުސްމިނަކީ، 2.13 މީޓަރެވެ.
3. މީޒާބުކޮޅު: އެއީ ދިޔަދޮވި ކޮޅެވެ. އެއަށް "މިޒުރާބުކޮޅު" ވެސް ކިޔެއެވެ. އޭގެ ވަޒީފާއަކީ، ފުރާޅުކޮޅަށް ވެހޭ ވާރޭފެން ބޭރުކުރުމެވެ. މީޒާބުކޮޅު ވަނީ، ގެފުޅުގެ އުތުރު ބިތުގައެވެ. ޚާލިޞް ރަނުން ހަދާފައިވާ މީޒާބުކޮޅުން ފެން ބޭރުވާނީ ޙިޖުރު އިސްމާޢީލުގެ ތެރެއަށެވެ.
4. ގެފުޅުގެ ބިންގާކޮޅު: ބިންގާކޮޅުން ބަޔެއް ބިންމަތިން ފެނެއެވެ.
5. ޙަޠީމުކޮޅު: އެތަނަށް ކިޔާ އަނެއް ނަމަކީ، "ޙިޖުރު އިސްމާޢީލު" އެވެ. އެ ތާނގައި ނަމާދުކުރުމަކީ، ގެފުޅުގެ ތެރޭގައި ނަމާދުކުރުމާ އެއްފަދަވެގެންވާ ކަމެއް ކަމަށް ރިވާވެފައިވެއެވެ.
6. މުލްތަޒަމުކޮޅު: އެއީ ގެފުޅުގެ ދޮރުކޮޅާއި، ޙަޖަރުލް އަސްވަދާ ދެމެދުގައިވާ ތަނެވެ.
7. އިބްރާހީމުގެފާނުގެ މަޤާމުފުޅު: އެ ތާނގައި ވަނީ، އިބްރާހީމުގެފާނު ގެފުޅު ބިނާކުރެއްވުމަށްޓަކައި އަރާވަޑައިގެން އޭގެ މަތީގައި ހުންނެވި ހިލަކޮޅެވެ.
8. އައްރުކުނުއް ޝަރުޤީ: މިއީ، ގެފުޅުގެ ދޮރުކޮޅު ކައިރީގައިވާ ރުކުނެވެ. ޒަމްޒަމް ވަޅުކޮޅު ހުންނަނީ ގާތްގަނޑަކަށް މި ރުކުނާ ދިމާވާ ގޮތަށެވެ. މި ރުކުނަށް އައްރުކުނުއް ޝަރުޤީ އެވެ ކިއުނީ، މި ރުކުން ގާތްގަނޑަކަށް އިރުމަތީފަރާތާ ދިމާވާތީއެވެ. (ޝަރުޤަކީ އިރުމައްޗެވެ.) މި ރުކުނަށް ކިޔޭ އަނެއް ނަމަކީ، ރުކުނުލް ޙަޖަރުލް އަސްވަދު އެވެ. އެއީ މިރުކުނުގައި ޙަޖަރުލް އަސްވަދު އޮންނާތީއެވެ. ގެފުޅު ވަށައިގެން ޠަވާފުކުރަން ފަށަނީ މި ރުކުނުންނެވެ.
9. އައްރުކުނުލް ޔަމާނީ: މި ރުކުން ވަނީ، ޣަރުބިއްޔަ ރުކުނާ ވިދިގެންނެވެ. މި ރުކުނަށް އައްރުކުނުލް ޖުނޫބީ އެވެ ވެސް ކިޔެއެވެ. އެއީ މި ރުކުން، ގާތްގަނޑަކަށް ދެކުނު ފަރާތާ ދިމާވާތީއެވެ. މި ރުކުނަށް އައްރުކުނުލް ޔަމާނީ އެވެ ކިއުނީ، ޔަމަނުކަރަޔާ ވީ ފަރާތުގައި ވާތީއެވެ.
10. އައްރުކުނުލް ޣަރްބީ: މި ރުކުން ވަނީ، ޝިމާލިއްޔަ ރުކުނާ ވިދިގެންނެވެ. މި ރުކުނަށް، އައްރުކުނުލް ޣަރްބީ އެވެ ކިއުނީ، ގާތްގަނޑަކަށް މަޣުރިބު ފަރާތާ ދިމާވާތީއެވެ. މި ރުކުނަށް، އައްރުކުނުއް ޝާމީ އެވެ ވެސް ކިޔެއެވެ. އެއީ މިރުކުން، ޝާމުކަރައާ ވީ ފަރާތުގައި ވާތީއެވެ. މި ރުކުން ވަނީ، ޙިޖުރު އިސްމާޢީލުގެ ހުޅަނގުފަރާތުގައެވެ.
11. އައްރުކުނުލް ޢިރާޤީ: ޠަވާފުކުރާ ޙަރަކާތުގެ ގޮތުން ބަލާއިރު، ޢިރާޤިއްޔަ ރުކުން ވަނީ، ޝަރުޤިއްޔަ ރުކުނަށްފަހުގައެވެ. މި ރުކުނަށް އައްރުކުނުއް ޝިމާލީ އެވެ ކިޔެއެވެ. އެއީ މި ރުކުން ގާތްގަނޑަކަށް އުތުރު ފަރާތާ ދިމާވާތީއެވެ. (ޝިމާލަކީ އުތުރެވެ.) މި ރުކުން ވާނީ ޙިޖުރު އިސްމާޢީލުގެ އިރުމަތިފަރާތުގައެވެ. މި ރުކުނަށް ޢިރާޤިއްޔަ ރުކުނެވެ ކިއުނީ، ޢިރާޤާވީ ފަރާތުގައި ވާތީއެވެ.
12. ގެފުޅުގެ އުރަކޮޅު.
13. ޙަޖަރުލް އަސްވަދާ ދިމާވާ ގޮތަށް ބިންމަތީގައި އަޅާފައިވާ ގާތަކެއް: އޭގެމަތިން ހިނގާފައި ދިއުމަށް މީހުން އެއްވެ ތޮއްޖެހޭތީ، މިހާރުވަނީ އެ ގާތަށް ނަގާފައެވެ.

ގެފުޅުގެ ހަތަރުކަނުންކުރެ ކޮންމެ ކަނަކަށް ނަންކިޔޭ ދެ ގޮތެއް ވެއެވެ. އެއްގޮތަކީ، އެ ކަނެއް ދިމާވާ ފަރާތަށް ނިސްބަތްކޮށްގެން ނަންކިޔުމެވެ. އަނެއް ގޮތަކީ، އެ ކަނުގެ ޚާއްޞިއްޔަތަށް ބަލައިގެން ނަންކިޔުމެވެ. މިހެންވެ، ގެފުޅުގެ ހަތަރު ކަނުންކުރެ ކޮންމެ ކަނަކަށްކިޔޭ އެއް ނަމަށްވުރެ ގިނަ ނަން ވެއެވެ.


ގެފުޅުގެ ނަންފުޅު

ޢަރަބި ބަހުން ގެފުޅަށް ކިޔަނީ އަލްކަޢުބާ (الكعبة) އެވެ. ޢަރަބި ބަހުން ކަޢުބާގެ މާނައަކީ ކޮޑި (ކިއުބް) އެވެ. ގެފުޅަށް މި ނަން ކިއުނީ، ކޮޑިއެއްގެ ސިފައިގައިވާތީ ކަމަށް ބުނެވެއެވެ. އަދި މި ނަން ކިޔުނީ ގެފުޅުގެ އުސްކަމުންނާއި، އެހެން ގެތަކަށްވުރެ މައްޗަށް ގެފުޅު އުފުލިފައިވާތީ ކަމަށް ވެސް ބުނެވެއެވެ. ގެފުޅަށް ކިޔޭ އެހެން ނަންތަކުގެ ތެރޭގައި، އަލްބައިތުލް ޢަތީޤް (البيت العتيق) އާއި، އަލްބައިތުލް ޙަރާމް (البيت الحرام) ހިމެނެއެވެ.
ގެފުޅަށް އަލްކަޢުބާ އެވެ، ކިޔުނީ ގާތްގަނޑަކަށް ހަތަރެސްކަނަށް ބިނާކުރެވި، ކޮޑިއެއްގެ ސިފައިގައި އުފުލިފައިވާތީ ކަމަށް ވެސް ބުނެވެ އެވެ. ހަތަރެސްކަންކޮށް ގެފުޅު ބިނާކުރެވިފައި ވަނީ، އުޑުގައިވާ އަލްބައިތުލް މަޢުމޫރާ އެއްގޮތަށް ކަމަށް ވެސް ރިވާވެފައި ވެއެވެ. އަދި ގެފުޅު ބިނާކުރެވިފައި ވަނީ، އިސްލާމްދީނުގެ އަސާސީ ހަތަރު ކަލިމައެއްގެ މައްޗަށް ތަރަހަކުރެވިގެން ކަމަށް ވެސް ބުނެވެއެވެ. އެ ހަތަރު ކަލިމައަކީ:

1. (سُبْحَانَ اللَّهِ)
2. (الْحَمْدُ لِلَّهِ)
3. (لَا إِلَهَ إِلَّا اللَّهُ)
4. (اللَّهُ أَكْبَرُ)

ކީރިތި ޤުރުއާނުގައި ގެފުޅުގެ ނަންފުޅު، އަލްކަޢުބާ (الكعبة) ވާރިދުފައިވަނީ ދެ ފަހަރުއެވެ. އެއީ:

1. ފުރަތަމަ ފަހަރު ވާރިދުވެފައިވަނީ، އަލްމާއިދާ ސޫރަތުގެ 95 ވަނަ އާޔަތުގައެވެ.
(يَا أَيُّهَا الَّذِينَ آمَنُواْ لاَ تَقْتُلُواْ الصَّيْدَ وَأَنتُمْ حُرُمٌ وَمَن قَتَلَهُ مِنكُم مُّتَعَمِّدًا فَجَزَاء مِّثْلُ مَا قَتَلَ مِنَ النَّعَمِ يَحْكُمُ بِهِ ذَوَا عَدْلٍ مِّنكُمْ هَدْيًا بَالِغَ الْكَعْبَةِ أَوْ كَفَّارَةٌ طَعَامُ مَسَاكِينَ أَو عَدْلُ ذَلِكَ صِيَامًا لِّيَذُوقَ وَبَالَ أَمْرِهِ عَفَا اللّهُ عَمَّا سَلَف وَمَنْ عَادَ فَيَنتَقِمُ اللّهُ مِنْهُ وَاللّهُ عَزِيزٌ ذُو انْتِقَامٍ)

2. ދެވަނަ ފަހަރު ވާރިދުވެފައިވަނީ، އަލްމާއިދާ ސޫރަތުގެ 97 ވަނަ އާޔަތުގައެވެ.
(جَعَلَ اللّهُ الْكَعْبَةَ الْبَيْتَ الْحَرَامَ قِيَامًا لِّلنَّاسِ وَالشَّهْرَ الْحَرَامَ وَالْهَدْيَ وَالْقَلاَئِدَ ذَلِكَ لِتَعْلَمُواْ أَنَّ اللّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ وَأَنَّ اللّهَ بِكُلِّ شَيْءٍ عَلِيمٌ)


ގެފުޅުގެ އެހެން ނަންފުޅުތައް

ކީރިތި ޤުރުއާނުގައި ގެފުޅުގެ ތަފާތު ނަންފުޅުތައް ވާރިދުވެފައި ވެއެވެ. އެ ނަންފުޅުތަކަކީ:

1. އަލްކަޢުބާ: މި ނަންފުޅު ވާރިދުވެފައިވަނީ، އަލްމާއިދާ ސޫރަތުގެ 95 ވަނަ އާޔަތުގައެވެ.
(يَا أَيُّهَا الَّذِينَ آمَنُواْ لاَ تَقْتُلُواْ الصَّيْدَ وَأَنتُمْ حُرُمٌ وَمَن قَتَلَهُ مِنكُم مُّتَعَمِّدًا فَجَزَاء مِّثْلُ مَا قَتَلَ مِنَ النَّعَمِ يَحْكُمُ بِهِ ذَوَا عَدْلٍ مِّنكُمْ هَدْيًا بَالِغَ الْكَعْبَةِ أَوْ كَفَّارَةٌ طَعَامُ مَسَاكِينَ أَو عَدْلُ ذَلِكَ صِيَامًا لِّيَذُوقَ وَبَالَ أَمْرِهِ عَفَا اللّهُ عَمَّا سَلَف وَمَنْ عَادَ فَيَنتَقِمُ اللّهُ مِنْهُ وَاللّهُ عَزِيزٌ ذُو انْتِقَامٍ)

2. އަލްބައިތު: މި ނަންފުޅު ވާރިދުވެފައިވަނީ، އަލްބަޤަރާ ސޫރަތުގެ 12 ވަނަ އާޔަތުގައެވެ.
(وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِّلنَّاسِ وَأَمْناً وَاتَّخِذُواْ مِن مَّقَامِ إِبْرَاهِيمَ مُصَلًّى وَعَهِدْنَا إِلَى إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ)

3. އަލްބައިތުލް ޢަތީޤް: މި ނަންފުޅު ވާރިދުވެފައިވަނީ، އަލްޙައްޖު ސޫރަތުގެ 29 ވަނަ އާޔަތުގައެވެ.
(ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ)

4. އަލްބައިތުލް ޙަރާމް: މި ނަންފުޅު ވާރިދުވެފައިވަނީ، އަލްމާއިދާ ސޫރަތުގެ 2 ވަނަ އާޔަތުގައެވެ.
(يَا أَيُّهَا الَّذِينَ آمَنُواْ لاَ تُحِلُّواْ شَعَآئِرَ اللّهِ وَلاَ الشَّهْرَ الْحَرَامَ وَلاَ الْهَدْيَ وَلاَ الْقَلآئِدَ وَلا آمِّينَ الْبَيْتَ الْحَرَامَ يَبْتَغُونَ فَضْلاً مِّن رَّبِّهِمْ وَرِضْوَانًا وَإِذَا حَلَلْتُمْ فَاصْطَادُواْ وَلاَ يَجْرِمَنَّكُمْ شَنَآنُ قَوْمٍ أَن صَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ أَن تَعْتَدُواْ وَتَعَاوَنُواْ عَلَى الْبرِّ وَالتَّقْوَى وَلاَ تَعَاوَنُواْ عَلَى الإِثْمِ وَالْعُدْوَانِ وَاتَّقُواْ اللّهَ إِنَّ اللّهَ شَدِيدُ الْعِقَابِ)

5. އަލްމަސްޖިދުލް ޙަރާމް: މި ނަންފުޅު ވާރިދުވެފައިވަނީ، އަލްމާއިދާ ސޫރަތުގެ 2 ވަނަ އާޔަތުގައެވެ.
(يَا أَيُّهَا الَّذِينَ آمَنُواْ لاَ تُحِلُّواْ شَعَآئِرَ اللّهِ وَلاَ الشَّهْرَ الْحَرَامَ وَلاَ الْهَدْيَ وَلاَ الْقَلآئِدَ وَلا آمِّينَ الْبَيْتَ الْحَرَامَ يَبْتَغُونَ فَضْلاً مِّن رَّبِّهِمْ وَرِضْوَانًا وَإِذَا حَلَلْتُمْ فَاصْطَادُواْ وَلاَ يَجْرِمَنَّكُمْ شَنَآنُ قَوْمٍ أَن صَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ أَن تَعْتَدُواْ وَتَعَاوَنُواْ عَلَى الْبرِّ وَالتَّقْوَى وَلاَ تَعَاوَنُواْ عَلَى الإِثْمِ وَالْعُدْوَانِ وَاتَّقُواْ اللّهَ إِنَّ اللّهَ شَدِيدُ الْعِقَابِ)

6. އަލްބައިތުލް މުޙައްރަމް: މި ނަންފުޅު ވާރިދުވެފައިވަނީ، އިބްރާހީމު ސޫރަތުގެ 37 ވަނަ އާޔަތުގައެވެ.
(رَبَّنَا إِنِّي أَسْكَنْتُ مِنْ ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِنْدَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُمْ مِنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ)

7. އައްވަލު ބައިތު: މި ނަންފުޅު ނަންގަނެވިފައިވަނީ، އާލުޢިމްރާން ސޫރަތުގެ 96 ވަނަ އާޔަތުގައެވެ.
(إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ)


ގެފުޅު ބިނާކުރެއްވިފައިވާ ތަން

ގެފުޅު ބިނާކުރެއްވިފައި ވަނީ، މައްކާގެ ޙަރަމްފުޅުގެ މެދުތެރޭގައެވެ. އެ ތަނަކީ ޖުމުލަކޮށް ބަލާއިރު ދުނިޔޭގެ ބައްރުގެ ހިކިފަސްތަނުގެ މެދެވެ. ގެފުޅުގެ ހަތަރު ފާރު ކުރިމަތިކުރެވިފައިވަނީ ދުނިޔޭގެ ކޮންޓިނެންޓްތަކަށާއި، ދުނިޔޭގެ ހަތަރު ބިތަށެވެ.


ގެފުޅު ބިނާކުރެއްވުން

އެންމެފުރަތަމަ ގެފުޅު ބިނާކުރެއްވީ މަލާއިކަތް ބޭކަލުންނެވެ. ތާރީޚީ ރިވާޔަތްތައް ބުނާ ގޮތުގައި، 12 ފަހަރު ގެފުޅު ބިނާކުރެއްވިފައި ވެއެވެ.

1. ފުރަތަމަ ފަހަރު ބިނާކުރެއްވީ، މަލާއިކަތް ބޭކަލުންނެވެ.
2. ދެވަނަ ފަހަރު ބިނާކުރެއްވީ، އާދަމުގެފާނެވެ.
3. ތިންވަނަ ފަހަރު ބިނާކުރެއްވީ، އާދަމުގެފާނުގެ ދަރިކަލުން ޝީތުގެފާނެވެ.
4. ހަތަރުވަނަ ފަހަރު ބިނާކުރެއްވީ، އިބްރާހީމުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނެވެ.
5. ފަސްވަނަ ފަހަރު ބިނާކުރީ، ޢަމާލިޤުންނެވެ.
6. ހަވަނަ ފަހަރު ބިނާކުރީ، ޖުރުހުމް ވަންހައިގެ މީހުންނެވެ.
7. ހަތްވަނަ ފަހަރު ބިނާކުރީ، ޤުޞައްޔު ބްނު ކިލާބެވެ.
8. އަށްވަނަ ފަހަރު ބިނާކުރީ، ޤުރައިޝު ވަންހައިގެ މީހުންނެވެ.
9. ނުވަވަނަ ފަހަރު ބިނާކުރެއްވީ، ހިޖުރައިން 65 ވަނަ އަހަރު، ޢަބްދު ﷲ ބްނު އައްޒުބައިރެވެ.
10. ދިހަވަނަ ފަހަރު ބިނާކުރެއްވީ، ހިޖުރައިން 74 ވަނަ އަހަރު، އަލްޙައްޖާޖު ބްނު ޔޫސުފެވެ.
11. އެގާރަވަނަ ފަހަރު ބިނާކުރެއްވީ، ހިޖުރައިން 1040 ވަނަ އަހަރު، މިޞްރުގެ ވާލީ މުޙައްމަދު ޢަލީ ބާޝާ އެވެ.
12. ބާރަވަނަ ފަހަރު ބިނާކުރެއްވީ ކިންގ ފަހުދު ބްނު ޢަބްދުލްޢަޒީޒެވެ. އެ މަނިކުފާނުގެ ޒަމާނުގައި ގެފުޅު ވަރަށް ބޮޑަށް މަރާމާތުކޮށް އާކުރެވުނެވެ.

މަލާއިކަތް ބޭކަލުންނާއި، އާދަމުގެފާނު، ގެފުޅު ބިނާކުރެއްވީ ވަކިވަކިން ނޫންކަމަށް ރިވާވެފައި ވެއެވެ. އެ ރިވާޔަތް ބުނާގޮތުގައި، ގެފުޅު ބިނާކުރެއްވީ އާދަމުގެފާނެވެ. އަދި މަލާއިކަތް ބޭކަލުން ކުރެއްވި ކަމަކީ، ހިލަތައް ގެނެސް ދެއްވުމުގައި އެ ކަލޭގެފާނަށް އެހީތެރިވެވަޑައިގެންނެވުމެވެ.


މަޞްދަރުތައް

1. އަލްކަޢުބަތުލް މުޝައްރަފާ (ފޮތެއް)
2. އިސްލާމްވެބް.ނެޓް
3. މާޖްދާ މަކްތޫބް
4. http://ejabat.google.com


ފިހުރިސްތު