އާންމުކޮށް ކުރެވޭ ސުވާލުތަކާއި، އޭގެ ޖަވާބުތައް

ތިރީގައި މިވަނީ، މިހާތަނަށް ގިނަ ބޭފުޅުން ކުރައްވާފައިވާ ސުވާލުތަކާއި، އޭގެ ޖަވާބުތަކެވެ. މީގައި ނެތް ސުވާލެއް ހުށަހެޅިއްޖެނަމަ، އޭގެ ޖަވާބު މި ޞަފުޙާއަށް އިތުރުކުރެވޭނެއެވެ.

ސ. މި ވެށި ފެށެނީ ކޮން އިރަކުތޯއެވެ؟
ޖ. މި ވެށި ފެށެނީ އަހަކު ދެ ފަހަރު އެވެ. ފުރަތަމަ ފަހަރު ފެށޭނީ ޖަނަވަރީގައެވެ. ދެވަނަ ފަހަރު ފެށޭނީ ޖުލައިގައެވެ.

ސ. މި ވެށީގައި ޢަރަބި ދަސްކުރުން އޮންނާނީ ކިހިނަކުންތޯއެވެ؟
ޖ. މި ވެށީގައި ޢަރަބި ބަސް ދަސްކުރެއްވުން ދޫކޮށްލެވިފައިވަނީ ތިޔަ ބޭފުޅުންނަށެވެ. ވަކި ގަޑިއެއްގައި އުސްތާޛަކު ދަރިވަރުންނާ އޮންލައިންކޮށް ބައްދަލުކޮށްގެން ކިޔަވައެއް ނުދޭނެއެވެ. ލިޔުމާއި، ތަސްވީރާއި، އޯޑިއޯއާއި، ވީޑިއޯގެ ޒަރީއާއިން ދެމުންގެންދާ ފިލާވަޅުތައް ދަސްކުރައްވަމުން ގެންދެވުމަކީ، ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުން އަމިއްލަފުޅަށް ކުރައްވަން އޮތް ކަމެކެވެ.

ސ. އަޅުގަނޑުގެ ދަރިފުޅަށް ސްކޫލުގައި ޢަރަބިބަސް ކިޔަވައިދެއެވެ. އަޅުގަނޑުގެ ދަރިފުޅު މީގައި ބައިވެރިކޮށްގެން އޭނާގެ ފެންވަރު މަތިކުރެވިދާނެތޯއެވެ؟
ޖ. ސްކޫލް ކުއްޖަކު މީގައި ބައިވެރިވުމަކީ، ގިނަ ޢަދަދެއްގެ ޢަރަބި ލަފުޒުތަކާއި، އޭގެ ދިވެހި މާނަ އޭނާއަށް ލިބިގެންދާނެ ކަމެކެވެ. އަދި ޢަރަބިބަހުން ޢިބާރާތް އެކުލެވޭ ގޮތާއި، ކިޔާ ގޮތް ވެސް މީގެ ތެރެއިން އޭނާއަށް ޙާޞިލުކުރެވޭނެއެވެ. މީގައިވާ ޢަރަބި ފިލާވަޅުތަކުގެ އޯޑިއޯ އަޑުއަހައި، ވީޑިއޯ ބެލުމަކީ އިތުރަށް އޭނާގެ ފެންވަރު މަތިވެގެންދާނެ ކަމެކެވެ.

ސ. މިހާރު ކުރިއަށްދާ ޢަރަބި ފިލާވަޅުތަކުގައި ބައިވެރިވެވޭނެތޯއެވެ؟
ޖ. އާދޭހެވެ. ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު އޮންނާނެއެވެ. ކޮންމެ އިރަކު ވެސް އެކަން ކުރެއްވިދާނެއެވެ.

ސ. މިއަންނަ މަހު ބައިވެރިވެވިދާނެތޯއެވެ؟
ޖ. އާދޭހެވެ. މިއަންނަ މަހު ވެސް ބައިވެރިވެވަޑައިގެންނެވިދާނެއެވެ. ނަމަވެސް ޖޫންގެ ނިޔަލަށް އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ މުއްދަތު ނިމޭނެއެވެ. ޑިސެންބަރުގެ ނިޔަލަށް ދެވަނަ 6 މަސްދުވަހުގެ މުއްދަތު ނިމޭނެއެވެ.

ސ. ފަހުން ބައިވެރިވީމާ އެއްވެސް ފިލާވަޅެއް ގެއްލޭނެތޯއެވެ؟
ޖ. ފަހުން ބައިވެރިވެވަޑައިގަތަސް އެއްވެސް ފިލާވަޅެއް ނުގެއްލޭނެއެވެ. ފިލާވަޅުތަކުގެ ވެށީގައި ހުރިހާ ފިލާވަޅެއް ހަމަޔަށް ހުންނާނެއެވެ.

ސ. ފަހުން ބައިވެރިވީމާ، ލިބޭ މުއްދަތު 6 މަސްދުވަހަށްވުރެ ކުރުވާނެތޯއެވެ؟
ޖ. އަހަރުގެ ފުރަތަމަ މުއްދަތު ފެށެނީ ޖަނަވަރީގައެވެ. ނިމެނީ ޖޫންގެ ނިޔަލަށެވެ. އަހަރުގެ ދެވަނަ މުއްދަތު ފެށެނީ ޖުލައިގައެވެ. ނިމެނީ ޑިސެންބަރުގެ ނިޔަލަށެވެ.

ސ. ބައިވެރިވުމަށް ޓަކައި ކުރަންޖެހޭ ކަމަކީ ކޮބައިތޯއެވެ؟
ޖ. ބައިވެ ވަޑައިގެންނެވުމަށް ޓަކައި، ފީ ދައްކަވާނީއެވެ. ފީ ދެއްކުމުގެ ޞަފުޙާ މިތަނުން ހުޅުވޭނެއެވެ.

ސ. ކޮންމެ މަހަކު ފީ ދައްކަން ޖެހޭނެތޯއެވެ؟
ޖ. ކޮންމެ މަހަކު ފީ ދައްކަވާކަށެއް ނުޖެހޭނެއެވެ. ފީ ދެއްކެވި މުއްދަތު ނިމެންދެން މި ވެށްޓަށް ވެދެވަޑައިގެންނެވޭނެއެވެ.

ސ. ފީ ދެއްކުމަށްފަހު، ކިޔެވުން ކުރިއަށް ގެންދަން ބޭނުން ނުވެއްޖެ ހިނދެއްގައި، ދައްކާފައިވާ ފީ އަނބުރާ ލިބޭނެތޯއެވެ؟
ޖ. ފީ ދައްކަނީ، ޔޫސަރނޭމާއި ޕާސްވޯޑް ގަތުމަށްޓަކައެވެ. ފީ ދައްކައި، ފީ ދެއްކި ފަރާތަށް ޔޫސަރނޭމާއި ޕާސްވޯޑް ލިބުމަށްފަހު، ފީ ގެ ގޮތުގައި ދެއްކެވި ފައިސާ އަނބުރާ އެ ފަރާތަށް ރައްދެއް ނުކުރެވޭނެއެވެ. އެހެނީ، ފީ ގެ ގޮތުގައި ދެއްކި އަގަކީ، ޔޫސަރނޭމާއި ޕާސްވޯޑް ގަތުމަށްޓަކައި ދެއްކި އަގެކެވެ. އެ އަގުގެ ބަދަލު އެފަރާތަށް ދިނުމުގެ ވިޔަފާރި މުޢާމަލާތު ވަނީ ނިމިފައެވެ. އަދި އެ އިން މަންފާ ލިބިގަތުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އެ ކަން ކުރުމުގެ މަގު، އެ ފަރާތަށް ވާނީ ތަނަވަސްކޮށްދެވިފައެވެ.

ސ. މުއްދަތު ގުނަން ފަށަނީ ބައިވެރިވާ ދުވަހުން ފެށިގެންތޯއެވެ؟
ޖ. އަހަރުގެ ފުރަތަމަ މުއްދަތު ގުނަން ފަށާނީ ޖަނަވަރީ މަހުން ފެށިގެންނެވެ. ދެވަނަ މުއްދަތު ގުނަން ފަށާނީ ޖުލައި މަހުން ފެށިގެންނެވެ.

ސ. ބަޙުރު ޢަރަބި ވެށި ހުޅުވިފައިވާނީ ކޮންއިރަކުތޯއެވެ؟
ޖ. މި ވެށި ވާނީ އަބަދުވެސް ހުޅުވިފައެވެ. ފީ ދައްކަވާފައިވާ ބޭފުޅަކު ބޭނުންފުޅު އިރެއްގައި މި ވެށްޓަށް ވެންނެވިދާނެއެވެ.

ސ. ޢަރަބިބަހުން ހުންނަ ފިލާވަޅުތަކުގެ މާނަ ލިބޭނެތޯއެވެ؟
ޖ. ފަށައިގަންނަ ދަރިވަރުންނަށް އަމާޒުކޮށްގެން ބެހެއްޓިފައިވާ ކޮންމެ ފިލާވަޅެއްގައި ހިމެނޭ ހުރިހައި ޢަރަބި ލަފުޒެއްގެ މާނަ، ވަކިވަކިން ލިޔެދެވިފައި ވާނެއެވެ.

ސ. މުއްދަތު ނިމުމުން ސެޓްފިކެޓެއް ދޭނެތޯއެވެ؟
ޖ. މުއްދަތު ނިމުމުން ސެޓްފިކެޓެއް ނުދޭނެއެވެ.

ސ. މިއީ އެމްކިއުއޭ އިން ޤަބޫލުކުރާ ވެށްޓެއްތޯއެވެ؟
ޖ. މިއީ ޢަރަބިބަސް ދަސްކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އަމާޒުކޮށްގެން ހުޅުވައިލެވިފައިވާ އޮންލައިން ވެށްޓެކެވެ. މިއީ، އެމްކިއުއޭ އާ ގުޅުންހުރި ވެށްޓެއް ނޫނެވެ.

ސ. އަޅުގަނޑު ބޭނުންވަނީ ސެޓްފިކެޓެކެވެ. ސަބަބަކީ ޢަރަބި ކިޔަވައިދޭ ޓީޗަރެއްގެ ވަޒީފާ ވެސް ލިބޭނީ ސެޓްފިކެޓެއް އޮވެގެން ކަމަށްވާތީއެވެ. އެހެންވީމާ، މި ވެށި ފުރިހަމަކުރާ މީހަކަށް ޢަރަބި ޓީޗަރެއްގެ ވަޒީފާ ލިބޭނެތޯއެވެ؟
ޖ. މި ވެށިން ކޮށްދޭ ކަމަކީ، ޢަރަބިބަސް ދަސްކުރެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް އެ ކަން ފަހިކޮށްދިނުމެވެ. އަދި ޢަރަބިބަސް ކިޔަވާ ދަރިވަރުންނަށް އެހީތެރިވެދިނުމެވެ. މި ޚިދުމަތް ހޯއްދަވާފައިވާ ބޭފުޅަކަށް ޓީޗަރެއްގެ ވަޒީފާ ދިނުމާއި ނުދިނުމަކީ، ވަޒީފާ ދޭ ފަރާތުން ކުރާނެ ކަމެކެވެ. އެއީ މި ވެށިން ކޮށްދެވޭނެ ކަމެއް ނޫނެވެ.

ސ. އަޅުގަނޑު ކޮންމެވެސް ވަރަކަށް ޢަރަބިބަސް ދަންނަމެވެ. ބަޙުރު ޢަރަބި ވެށީގައި ވާ ހުރިހައި އެއްޗެއް (ލިޔެކިއުމާއި، އޯޑިއޯއާއި، ވީޑިއޯ) އަޅުގަނޑު ބަލާލަން ލިބިދާނެތޯއެވެ؟
ޖ. ތިޔަ އެދިވަޑައިގަތް ކަމަކީ، ފޯރުކޮށްދޭ ޚިދުމަތެއް ނޫނެވެ.

ސ. ބަޙުރު ޢަރަބި ވެށީގައިވާ ބައިތަކަކީ ޔުނިވަރސިޓީތަކުގައި ހިންގާ ލެވެލްތައްތޯއެވެ؟
ޖ. މި ވެށީގައިވާ ބައެއް ތަކެތި، ޔުނިވަރސިޓީތަކުގައި ހިންގާ ލެވެލްތަކާ ތަފާތުވެދާނެއެވެ. އަދި ބައެއް ތަކެތި އެއްގޮތްވުމަކީ ވެދާނެ ކަމެކެވެ.


މައިޞަފުޙާ