Image one

އެކަން ޝަރަޙަކޮށްދެއްވަމުން ބައްޕަ ބުނުއްވިއެވެ.

"ދަރިފުޅާއެވެ! ދެ ތަށީގެ ތެރޭގައިވާ އުއްބައްތި ނިވުނީ، ދެ ތަށީގެ ތެރޭގައިވާ އޮކްސިޖަން ހުސްވުމުންނެވެ. އެހެނީ، އުއްބައްތީގެ ހުޅުކޮޅު ރޯވެފައި ހުރުމަށްޓަކައި އޮކްސިޖަން ބޭނުންވެއެވެ. ކުޑަ ބިއްލޫރިތަށީގެ ތެރޭގައިވާ އޮކްސިޖަންގެ މިންވަރު، ބޮޑު ބިއްލޫރިތަށީގެ ތެރޭގައިވާ އޮކްސިޖަންގެ މިންވަރަށްވުރެ މަދުވާނެއެވެ. އެހެންކަމުން، ކުޑަތަށީގެ ތެރޭގައިވާ އުއްބައްތި އަވަހަށް ނިވުނެވެ. އަދި ކުޑަތަށީގެ ތެރެއަށް ފެންގަނޑު އުފުލުނު ވަރަށްވުރެ ބޮޑަށް، ބޮޑު ތަށީގެ ތެރެއަށް ފެންގަނޑު އުފުލިގެންދިޔައީ، ބޮޑު ތަށީގެ ތެރެއިން ހުސްވި ޖާގައިގެ ބޮޑު ކަމުންނެވެ."

ހަފުތާ ބަންދުގައި، ދައްތަގެ ގެއަށް އާމިނާ ދިޔައެވެ. ޖައްވުގައިވާ ވަޔާބެހޭ ގޮތުން ބައްޕަ ދެއްވި މަޢުލޫމާތު، އެ ގޭ ކުދިންނަށް އޭނާ ކިޔާދިނެވެ. އަދި ބައްޕަ ހެއްދެވި އެކްސްޕެރިމެންޓްތައް އެ ގޭ ކުދިންނަށް ހަދައިދިނެވެ. ނުހަނު ޝައުޤުވެރިކަމާއެކު އެކުދިން އެއަށް ބަލަން ތިއްބެވެ. އެއިން އެ ކުދިންނަށް ވެސް ވަރަށް ގިނަ މަޢުލޫމާތު ލިބުނެވެ.