ބުއްދިވެރި ގާޒީ
އެއް ސަހަރެއްގައި ނިކަން ހަމަހިމޭން އަވަށްގަނޑެއް
އޮތެވެ. އެ އަވަށްގަނޑުގެ މީހުން ދިރިއުޅެމުންގެންދިޔައީ
ނިކަން އެކުވެރިކަމާއެކު، ސުލްހަމަސަލަސްކަންމަތީގައެވެ.
ނަމަވެސް އެ އަވަށްގަނޑުގައި ނިކަން ދަހި ތާޖިރަކު
އުޅުނެވެ. އޭނާގެ ކަމަކީ، ހުއްދަ ގޮތްގޮތުންނާއި
ހުއްދަނޫން ގޮތްގޮތުން ފައިސާއާއި މުދާ ހޯދައި
ޖަމާކުރުމެވެ. އެހެންކަމުން އެ އަވަށްގަނޑުގައި ދިރިއުޅޭ
މީހުންނަކު އޭނާއަކާ މުޢާމަލާތެއް ނުކުރެއެވެ. އޭނާއާ
މުޢާމަލާތުކުރަނީ އޭނާއަކީ ކޮންކަހަލަ މީހެއްކަން ނުދަންނަ
ބީރައްޓެހިންނެވެ.
އެއްދުވަހަކު އެ އަވަށްގަނޑަށް
ދިޔަ ބީރައްޓެއްސަކު އެ އަވަށްގަނޑުގައި ދިރިއުޅެން
ޤަޞްދުކުރިއެވެ. އޭނާއަކީ ތަޖުރިބާކާރު ދަނޑުވެރިއެކެވެ.
އެހެންކަމުން އޭނާ ޤަޞްދުކުރީ، އެ އަވަށްގަނޑުގައި
ދަނޑުވެރިކަން ކުރުމަށެވެ. އެކަމަށް ބޭނުންވާނެ ތަކެތި
ހޯދުމުގެ ތެރޭގައި ފެންވަޅެއް ފެނުނެވެ. އެ ފެންވަޅުގެ
ވެރިއަކީ ކާކުތޯ ބަލައި، އެ ފެންވަޅު ގަތުމުގެ
މުހުތާދުގައި އެމީހާގެ ގާތަށް ދިޔައެވެ. އެމީހަކީ، އެ
އަވަށްގަނޑުގައި އުޅޭ ދަހި ތާޖިރެވެ. ފެންވަޅު ގަންނަން
ބޭނުންވާ ވާހަކަ ބުނުމުން، ކުޑަ އަގެއްގައި އެ ތާޖިރު، އެ
ދަނޑުވެރިޔާއަށް ފެންވަޅު ވިއްކާލިއެވެ. އެއަށްފަހު،
ދަނޑުވެރިޔާ، ދަނޑުހެއްދުމުގެ މަސައްކަތް ފެށުމަށްޓަކައި،
ފެންވަޅުން ފެން ނަގަންދިޔަ ދުވަހު، އެތާނގައި އެ ވަޅު
ވިއްކި ތާޖިރު ހުއްޓެވެ. ދަނޑުވެރިޔާ ވަޅުން ފެން ނަގަން
އުޅުމުން ތާޖިރު ބުންޏެވެ.
"ތިބާއަށް ތިމަންނާ
ވިއްކީ، ވަޅެވެ. ވަޅުގައިވާ ފެނެއް ނުވިއްކަމެވެ. ތިބާ މި
ވަޅުގައިވާ ފެން ބޭނުންކަމަށް ވަނީނަމަ، ވަޅުން ނަގާ
ފެނަށް އަގު ދައްކަންޖެހޭނެއެވެ."
ދަނޑުވެރިޔާ
ބުންޏެވެ.
"ހަމަހިލައި ތިޔަހެނެއް ނުވާނެއެވެ.
ތިމަންނާ މި ވަޅު ގަތީ، މި ވަޅުގައިވާ ފެނާ އެކުގައެވެ."
ދެން އެ ދެ މީހުންގެ ދެމެދުގައި ޒުވާބު އިތުރުވެ،
ދެމީހުންނަށް އެއްބަސްވެވޭނެ ގޮތެއް ނުފެނުމުން، މައްސަލަ
ޙައްލުކުރުމަށްޓަކައި ކޯޓަށް ދިޔައެވެ. ކޯޓުގައި
ޝަރީޢަތްކުރައްވަން އިންނެވި ގާޒީ، އެ ދެ މީހުންގެ ވާހަކަ
އަޑުއެއްސެވުމަށްފަހު، ނުހަނު ޙިކުމަތްތެރިކަމާއެކު ނިޔާ
ކަނޑައެޅުއްވިއެވެ.
"ދެންފަހެ، ތާޖިރާއި
ދަނޑުވެރިޔާ ހުށަހެޅި ހެއްކާއި ޤަރީނާތަކުގެ މައްޗަށް
ބަލާއިރު، ދަނޑުވެރިޔާއަށް ތާޖިރު ވިއްކާފައިވަނީ
ވަޅުކަމާއި، ވަޅުގައިވާ ފެން ނުވިއްކާ ކަމާއި، މިހާރު
ވަޅަކީ ދަނޑުވެރިޔާގެ ވަޅެއްކަން އެނގޭތީއާއި،
ދަނޑުވެރިޔާގެ ވަޅެއްގެ ތެރޭގައި އޭނާގެ ހުއްދައެއްނެތި
ތާޖިރުގެ ފެނެއް ނުބެހެއްޓޭނެތީ، މިއަދުން ފެށިގެން ތިން
ދުވަހުގެ ތެރޭގައި ވަޅުގައިވާ ތާޖިރުގެ ފެން ވަޅުން
ނަގައިގެން ގެންދިއުމަށާއި، އެއަށްފަހު ވަޅާބެހޭ އެއްވެސް
ކަމެއްގައި ތާޖިރުގެ އެއްވެސް ޙައްޤެއް ނެތް ކަމަށް
ނިޔާކަނޑައަޅައި ޙުކުމްކޮށްފީމެވެ."
ގާޒީގެ ޙުކުމް
އަޑުއިވުމުން، ތާޖިރު ރޭވި މަކަރުވެރި ރޭވުން
ނާކާމިޔާބުވެއްޖެކަން އޭނާއަށް ވިސްނުނެވެ. އަދި
ވަޅުގައިވާ ފެން ނަގައިގެން ގެންދިއުމަކީ އޭނާއާ
ނުކުޅަދާނަ ކަމެއްކަމުގައިވާތީ، އިސްދަށަށް ޖަހައިގެންހުރެ
ކޯޓުން ނިކުމެގެން ހިނގައްޖެއެވެ. ހެޔޮލަފާ ދަނޑުވެރިޔާ
ހިނިތުންވެފައިވާ ޙާލު ކޯޓުން ނިކުމެގެން ދިޔައީ، ވަޅާއި
ވަޅުގައިވާ ފެން އޭނާއަށް ލިބުނުކަމަށްޓަކައި، މާތް ﷲ ގެ
ޙަޟުރަތަށް ޙަމްދުކުރަމުންނެވެ.
ވާހަކައިގެ ޙިކުމަތް
1. ޙިކުމަތްތެރިކަމާއެކު މަކަރުވެރި ތާޖިރުންނާ މުޢާމަލާތުކުރުން.
2. މަކަރާއި ޙީލަތުން އަބަދު
ކަންކަން ކާމިޔާބުވެދާނެ ކަމަށް ހީކުރުމަކީ ކުށްހީއެއްކަން
އެނގުން.
3. ޢަދުލުވެރި ކޯޓެއްގެ މުހިންމުކަން.
4.
ގާޒީގެ ޙިކުމަތްތެރިކަން.
5. އާޚިރުގައި ކާމިޔާބު
ލިބޭނީ ޙައްޤުގައި ހުންނަ މީހާއަށްކަން އެނގުން.
މަޞްދަރު
https://vb.3dlat.com/showthread.php?t=292615