ހިނީގެ ހަށިގަނޑުގެ ބޭރުފުށުގައިވާ ތޮށިގަނޑު


މި ޒަމާނުގެ ޢިލްމީ ހޯދުންތަކުން އެނގިފައިވާ ގޮތުގައި، ހިނީގެ ހަށިގަނޑުގެ ބޭރުފުށުގައިވަނީ ހަރު ތޮށިގަނޑެކެވެ. މި ޙަޤީޤަތް ވަނީ، ސައިންސްގެ ހޯދުންތަކުން ކަޝްފުވުމުގެ މާކުރިން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

(وَحُشِرَ لِسُلَيْمَانَ جُنُودُهُ مِنَ الْجِنِّ وَالْإِنسِ وَالطَّيْرِ فَهُمْ يُوزَعُونَ)
އައްނަމްލު: 17

މާނައީ، "އަދި ޖިންނީންނާއި، އިންސީންނާއި، ދޫނިސޫފާސޫފީގެ ތެރެއިން ސުލައިމާނުގެފާނަށް އެކަލޭގެފާނުގެ ލަޝްކަރު އެއްކުރެއްވުނެވެ. ފަހެ، އެ ލަޝްކަރު އެތުރިގެންވެއެވެ."

(حَتَّىٰ إِذَا أَتَوْا عَلَىٰ وَادِ النَّمْلِ قَالَتْ نَمْلَةٌ يَا أَيُّهَا النَّمْلُ ادْخُلُوا مَسَاكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَانُ وَجُنُودُهُ وَهُمْ لَا يَشْعُرُونَ) އައްނަމްލު: 18

މާނައީ، "(ދެން ލަޝްކަރާއިގެން) ހިނީގެ ވާދީއަށް ވަޑައިގެންފުމަށް ދާންދެނެވެ. އެހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، ސުލައިމާނުގެފާނާއި، އެކަލޭގެފާނުގެ ލަޝްކަރު ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ."

(فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ) އައްނަމްލު: 19

މާނައީ، "ފަހެ (ސުލައިމާނުގެފާނު) އެ ހިނި ބުނި ވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢުމަތަށް ޝުކުރުކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙު ޢަމަލުކުރުމަށް މިއަޅާއަށް އިލްހާމުކުރައްވާނދޭވެ! އަދި އިބްރަސްކަލާނގެ ރަޙްމަތްފުޅުން، އިބަރަސްކަލާނގެ ޞާލިޙު އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!"

ސުލައިމާނުގެފާނުގެ ލަޝްކަރުގެ ބިޔަކަމާއި ހައިބަތު ބޮޑުކަން، އައްނަމްލު ސޫރަތުގެ 17 ވަނަ އާޔަތުން އެބަ އެނގެއެވެ. އެހެނީ، އެކަލޭގެފާނުގެ ލަޝްކަރުގައި ޖިންނީންނާއި، އިންސީންނާއި، ދޫނިސޫފާސޫފީގެ ފައުޖުތައް ހިމެނޭ ކަން އެ އާޔަތުން އެނގެއެވެ. އަދި އެކަލޭގެފާނުގެ ލަޝްކަރު ވަނީ ތަރުތީބުން ތަންޒީމުކުރެވިފައިކަން ވެސް އެނގެއެވެ.

އައްނަމްލު ސޫރަތުގެ 18 ވަނަ އާޔަތުން އެނގޭ ގޮތުގައި، ސުލައިމާނުގެފާނުގެ ލަޝްކަރު ހިނީގެ ވާދީއާ ކައިރިވަމުންދިޔައިރު، އެ ލަޝްކަރުގެ ނުރައްކާ އެ ވާދީއަށް ކުރިމަތިވެއްޖެކަން އަންހެން ހިންޏަކަށް އެނގުނެވެ. އެ ހިނި، ހިނީގެ ޤައުމާ މުޚާޠަބުކޮށްފައިވަނީ، އިސް ފަރާތަކުން ކުރާ އަމުރެއްގެ ޞީޣާގައެވެ. އެ ޞީޣާއިން ހިނިތައް އެސޮރުމެންގެ ގެތަކަށް ވަދެ ރައްކާތެރިވެގެން ތިބެންޖެހެނީ ކީއްވެގެންކަން ވެސް ބަޔާންކޮށްދިނުމާއެކުގައެވެ. އެއީ، ސުލައިމާނުގެފާނުގެ ލަޝްކަރު ދަތުރުކޮށްފައިދާއިރު، އެ ވާދީގައި ހިނިތަކެއް ވާކަން ނޭނގޭ ޙާލު، އެ ހިނިތަކުގެ ގަޔަށް ފައިންއެރި، އެ ހިނިތައް ފުނޑުފުނޑުވެދާނެތީއެވެ.

އެ އާޔަތުގައިވާ (يَحْطِمَنَّكُمْ) ގެ މާނަ ކަމަށް ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގައިވަނީ، "ފިސްފިސް" އެވެ. ނަމަވެސް "ފިސްފިސް" އަށްވުރެ ބޮޑަށް އެ ކަލިމައިން ދޭހަވަނީ "ފުނޑުފުނޑު" ގެ މާނައެވެ. އަދި މިޒަމާނުގެ ޢިލްމީ ހޯދުންތައް ވެސް ބުރަވަނީ، މި ތަރުޖަމާއަށެވެ. އެހެނީ، ހިނީގެ ހަށިގަނޑުގެ ބޭރުފުށުގައި ވަނީ ހަމެއް ނޫނެވެ. އެކަމަކު ވަރުގަދަ ތޮށިގަނޑެކެވެ. އެ ތޮށިގަނޑު ފިތިއްޖެނަމަ، ފުނޑުފުނޑުވާނެއެވެ.

ދިވެހިބަހުގެ ބަސްފޮތުން އެނގޭ ގޮތުގައި، "ފުނޑުފުނޑު" ގެ މާނައަކީ، ހަރުއެއްޗެއް ހަލާކުވެގެންގޮސް ވާ ކުދިކުދިވުމެވެ. އަދި "ފިސް" އަކީ، ފިތިގެންގޮސް ވާ ހަލާކާއި، މާބޮޑަށް ފިތޭ ފިތުމެވެ.

ނަންގަނެވިދިޔަ އާޔަތުގައިވާ ވާހަކަ، ހިނި ބުނުމުން ސުލައިމާނުގެފާނު ހިނިތުންވެވަޑައިގަތީ، އުފާފުޅުކުރައްވާ ޙާލުކޮޅުގައިކަން، އައްނަމްލު ސޫރަތުގެ 19 ވަނަ އާޔަތުން އެނގެއެވެ. މިކަން އެނގެނީ އާޔަތުގައިވާ (ضَاحِكًا) އިންނެވެ. ޢަރަބިބަހުގެ ބަހަވީ ނަޒަރުން ބަލާއިރު، "ޟަޙިކުގެ ތަބައްސުމަކީ" އުފާވެރިކަމުގެ ހިނިތުންވުމެވެ. އާޔަތުގައި ބަޔާންކުރައްވާފައިވަނީ، މި ބާވަތުގެ ހިނިތުންވުމަކުން އެކަލޭގެފާނު ހިނިތުންވެވަޑައިގެންނެވި ކަމަށެވެ. (فَتَبَسَّمَ ضَاحِكًا) ގެ މާނަ ކަމަށް، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގައިވަނީ ސުލައިމާނުގެފާނު "ހިނިފުޅުވެޑުވިއެވެ." މިއީ، ޞައްޙަ މާނައެއް ކަމަކަށެއް ނުބެލެވެއެވެ.

ސުލައިމާނުގެފާނު އުފާފުޅުކުރައްވައި ހިނިތުންވެވަޑައިގަތީ، އެކަލޭގެފާނާއި، އެކަލޭގެފާނުގެ ލަޝްކަރުގެ ޢަދުވެރިކަމުގެ ބޮޑުކަން، ހިނި ބަޔާންކުރީތީއެވެ. އެހެނީ، ހިނި ބުނީ (وَهُم لَا يَشعُرُونَ) މިހެންނެވެ. މާނައީ، "އެއުރެންނަށް ނޭނގޭ ޙާލުގައެވެ." މިއިން ދޭހަވަނީ، ސުލައިމާނުގެފާނުގެ ލަޝްކަރު، ޤަޞްދުގައި ހިންޏެއްގެ ގަޔަށް ފައިން އަރައި ފުނޑުފުނޑު ކޮށްނުލާނެކަމެވެ. އެއީ، ކިހާބޮޑު ޢަދުލުވެރިކަމެއްތޯއެވެ؟ އެއީ، ކިތަންމެ ކުޑަކުޑަ މަޚުލޫޤަކަށް ވެސް ސުލައިމާނުގެފާނު އަނިޔާވެރިވެވަޑައެއް ނުގެންނެވުމުގެ ޢަދުލުވެރިކަމެވެ. އަދި އެކަލޭގެފާނުގެ ލަޝްކަރުން ވެސް އެފަދަ ޢަމަލެއް ހިންގުމަށް އެކަލޭގެފާނު ހުއްދަ ނުދެއްވުމުގެ ޢަދުލުވެރިކަމެވެ. އެލަޝްކަރުގެ އަހުލުވެރިންނަށް ނޭނގޭ ޙާލު ހިނިތައް ފުނޑުފުނޑުވުމަކީ، އަންހެން ހިނި، ނުހަނު ކަންބޮޑުވި ކަމެކެވެ. އެކަލޭގެފާނުގެ މަތިވެރި ޢަދުލުވެރިކަމަށް އިޢުތިރާފުވާ ޙާލުގައެވެ. މާތް ﷲ، ކީރިތި ޤުރުއާނުގައި މި ވާހަކަ ބަޔާންކުރައްވާފައިވަނީ، ހިނީގެ ހަށިގަނޑުގެ ބޭރުފުށުގައި ހަރު ތޮށިގަނޑެއް ވާކަން ކަށަވަރުވާނެ ކަލިމަފުޅަކާއެކުގައެވެ.