ހިނީގެ އެކުވެރިކަމާއި އެހީތެރިކަން
އެކުވެރިކަމަށާއި އަނެކުންނަށް އެހީތެރިވުމަށް އެންމެ
ލޯބިކުރާ އެއް މަޚުލޫޤަކީ ހިންޏެވެ. ނަމަވެސް ހިނި
އެކަންކުރަނީ ކީއްވެތޯ އެވެ؟
މި ލިޔުމާއެކުގައިވާ
ފޮޓޯގައި މިވަނީ، އެއް ހިނި، އަނެއް ހިންޏާ ގުޅިގެން
ހަދާފައިވާ ފާލަމެކެވެ. މި ފާލަން ހަދާފައިވަނީ، އެހެން
ހިނިތަކެއް، އެއްތަނުން އަނެއް ތަނަށް ދިއުމަށްޓަކައެވެ.
މިއީ ވަގުތީ ފާލަމެކެވެ. މި ފާލަން ހެދި ހިނިތައް މިވަނީ،
އެހެން ހިނިތަކަކަށްޓަކައި، އޭގެ އަމިއްލަ ނަފުސުތަކުން
ވަރަށް ބޮޑު ޤުރުބާނީއެއް ވެފައެވެ.
މިފަދަ މަންޒަރުތަކަކީ، މާތް ﷲ ހައްދަވާފައިވާ
މަޚުލޫޤުންނާމެދު ވިސްނައި ފިކުރުކުރުމަށް ގޮވާލާ އެއްޗެއް
ކަމުގައި ނުވޭތޯއެވެ؟ ސައިންސްގެ ހޯދުންތަކުން އެނގިފައިވާ
ގޮތުގައި އެންމެ ބޮޑަށް ހިތްހަމަޖެހުން ލިއްބައިދޭ
އެއްކަމަކީ، އަނެކުންނަށް އެހީތެރިވުމެވެ. މިހެންވެ
ސައިންޓިސްޓުން ވިދާޅުވެއެވެ. މުއްސަނދިވުމާއި
މަޝްހޫރުވުމާއި މަތީ މަޤާމެއް ލިބުންފަދަ ކަންތައްތަކަކީ،
ހިތްހަމަޖެހުން ލިއްބައިދޭނެ ކަންތައްތަކެއް ނޫނެވެ.
ކިއެއްތޯއެވެ. ޙަޤީޤީ ހިތްހަމަޖެހުން ލިބޭނީ،
އެހީތެރިކަމަށާއި އަޅާލުމަށް ބޭނުންވެފައިވާ މީހުންނާ
އަޅާލައި އެމީހުންނަށް އެހީތެރިވެ އުޅޭނަމައެވެ.
ސުބްޙާނަ ﷲ އެވެ! ހިނިތަކަށް މި ޙަޤީޤަތް އެނގިފައިވަނީ
ބާވައެވެ! އަޅުގަނޑުމެން އިންސާނުންގެ ތެރެއިން ގިނަބަޔަކު
މިވަނީ މި ޙަޤީޤަތާމެދު ޣާފިލުވެ ފަރުވާކުޑަކޮށްފައެވެ.
މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
(وَتَعَاوَنُواْ عَلَى الْبِرِّ وَالتَّقْوَى وَلاَ
تَعَاوَنُواْ عَلَى الإِثْمِ وَالْعُدْوَانِ وَاتَّقُواْ
اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ)
އަލްމާއިދާ:
2
މާނައީ، "އަދި ހެޔޮކަންތައް ކުޅައުމާއި،
ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު
އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދިދ ފާފަވެރިވުމާއި
ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު
އަނެކަކަށް އެހީވެ، ވާގިވެރިނުވާށެވެ! އަދި ތިޔަބައިމީހުން
ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ ޢުޤޫބާތް
ގަދަފަދަވެގެންވާ ރަސްކަލާނގެ އެވެ."