ކީރިތި ޤުރުއާނުގެ އަލީގައި ވަގުތުގެ ތަޞައްވުރު


މި ސިލްސިލާގެ އިސްވެދިޔަ މަޒުމޫނުގައި އަލިއަޅުވާލާފައިވާނީ، ކީރިތި ޤުރުއާނުގެ އަލީގައި، އަލި ދަތުރުކުރާ ބާރުމިނުގެ މައްޗަށެވެ. އެކަމަށް އަލިއަޅުވާލާފައިވާނީ، އައްސަޖްދާ ސޫރަތުގެ 5 ވަނަ އާޔަތުގެ މަފުހޫމަކުންނެވެ. މި މަޒުމޫނުގައި އަލިއަޅުވައިލާނީ އެ އާޔަތުގެ އެހެން މަފުހޫމެއްގެ މައްޗަށެވެ. އެއީ، އެ އާޔަތުގައި ބަޔާންކުރައްވާފައިވަނީ، ވަގުތުގެ ތަޞައްވުރު ކަމަށް ބުނާ މަފުހޫމެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
(يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ) އައްސަޖްދާ: 5

މާނައީ، "އުޑުން ފެށިގެން ބިމާ ހަމަޔަށް ހުރިހާ ކަމެއް އެކަލާނގެ ތަދުބީރުކުރައްވަތެވެ. ދެން ތިޔަބައިމީހުން ގުނާގޮތުން އެއްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، އެ ހުރިހާ ކަމެއް އެކަލާނގެ ޙަޟުރަތަށް އަރައިގެންދެއެވެ."

މި އާޔަތުގައި ބަޔާންކުރައްވާފައިވާ ވަގުތުގެ ތަޞައްވުރު ދެނެގަތުމަށްޓަކައި ބައެއް މަޚުލޫޤުންނަށާއި، އެ މަޚުލޫޤުންގެ ފެނުމުގެ ތަޞައްވުރަށް ނަޒަރު ހިންގައިލަންޖެހެއެވެ. ދުނިޔޭގައިވާ އެންމެހައި މަޚުލޫޤުންނަށް ވަގުތު ތަޞައްވުރުކުރެވެނީ، އިންސާނުންނަށް ވަގުތު ތަޞައްވުރުކުރެވޭ ގޮތަކަށެއް ނޫނެވެ. އިންސާނުންނަށް ވަގުތު މޭރުންވަނީ، އިންސާނުންގެ ހަށިގަނޑުގައިވާ އެކަމާބެހޭ ގުނަވަންތަކުން ތަރުޖަމާކޮށްދޭ އިމުގެ ތެރޭގައެވެ. މެއްސާއި، ދޫންޏާއި، މީދަލާއި، އެތާއި، އިންސާނާގެ ފެނުމުގެ ތަޞައްވުރު އެއްގޮތެއް ނޫނެވެ.

މާތް ﷲ މެހީގެ ލޯ ހައްދަވާފައިވަނީ، އިންސާނުންގެ ލޮލާ ތަފާތު ގޮތަކަށެވެ. އިންސާނުންގެ ލޮލަށް ނުފެންނަ ވަރުގެ މާކުދިކުދި ހިނދުކޮޅުތައް މެހީގެ ލޮލަށް ފެނެއެވެ. އެހެންކަމުން މެއްސެއްގެ ކުރު ޙަޔާތުގައި އެސޮރު ދިރިއުޅެމުންދަނީ، އެސޮރަށް ދިގު ޒަމާނެއްގެ ތެރޭގައެވެ! އިންސާނުންގެ ލޮލަށް ފެންނަ ވަރަށްވުރެ މާދިގުކޮށް މެހީގެ ލޮލަށް ވަގުތު ތަޞައްވުރުކުރެވެއެވެ. އެހެންކަމުން އިންސާނުން ކުރާ ހަލުއި ޙަރަކާތްތައް ވެސް މެއްސަށް ފެންނަނީ ވަރަށް ލަސްލަހުން ކުރާ ޙަރަކާތްތަކެއްގެ ގޮތުގައެވެ.

ދޫންޏަށް ވެސް ވަގުތު ތަޞައްވުރުކުރެވެނީ، އިންސާނުންނަށް ތަޞައްވުރުކުރެވޭ ގޮތަކަށެއް ނޫނެވެ. ދޫނިސޫފާސޫފި އުދުހިއުޅޭ އުޅުމުގައި، ސީދާ އަމާޒަށް މިޞްރާބުހިފަންޖެހެއެވެ. މާތް ﷲ ވަނީ، އެސޮރުމެންނަށް އެކަން ކުރެވޭނެ ވަރަށް ވަގުތުގެ ތަޞައްވުރު އެސޮރުމެންނަށް ތަނަވަސްކޮށްދެއްވާފައެވެ. އިންސާނުންނަށް ވަގުތު މޭރުންވާ ވަރަށްވުރެ ދިހަގުނަ އިތުރަށް މެއްސަށް ވަގުތު މޭރުންވެއެވެ. ނަމަވެސް މެއްސަށް ވަގުތު ފެންނަވަރު، ގަސްމަތީފޮރިކެ ދޫންޏަށް ވަގުތު ފެންނަ ވަރަށްވުރެ މާލަހެވެ. އެހެންކަމުން، މެއްސެއް އުދުހެމުންދާއިރު އެ ދޫނި ނުހަނު ފަސޭހަކަމާއެކު އެ މެހި ކާލައެވެ! އެ ދޫނީގެ ކިބައިން ސަލާމަތްވާނެ ހިނދުކޮޅެއް އެ މެއްސަކަށެއް ނުލިބެއެވެ!

މެއްސެއްގެ ޢުމުރަކީ، އެންމެ ތިން ހަފުތާއެވެ. އެއާ ޚިލާފަށް ތުންދިގު މީދަލެއްގެ ޢުމުރަކީ އެއް އަހަރާއި ދެއަހަރު ބަޔާ ދެމެދުގެ މުއްދަތެކެވެ. ހަށިގަނޑު ބިޔަ އެތެއްގެ ޢުމުރު 60 އަހަރަށް ވާޞިލުވެއެވެ. ޚާލިޤުވަންތަ ރަސްކަލާނގެ ވަނީ، ކޮންމެ މަޚުލޫޤަކަށްމެ ޢުމުރެއް ލައްވާފައެވެ. ކޮންމެ އެއްޗެއްގެ ޢުމުރު ހުސްވެ، އަޖަލުޖެހުމުން އެ އެއްޗެއް މަރުވެދެއެވެ. ދިރޭތަކެތީގެ ޢުމުރާ، އޭގެ ހިތުގެ ވިންދާ ދެމެދުގައި ގުޅުމެއް ވެއެވެ. ހިތުގެ ވިންދު އަވަސް މަޚުލޫޤުންގެ ޢުމުރު ކުރެވެ. ހިތުގެ ވިންދު ލަސް މަޚުލޫޤުންގެ ޢުމުރު ދިގެވެ. އަދި އެއަށް ވަގުތު ތަޞައްވުރުކުރެވޭ މިންވަރާ، އޭގެ ހިތް ވިންދުޖަހާ މިންވަރާ ދެމެދުގައި ވެސް ގުޅުމެއް ވެއެވެ. ކޮންމެ މަޚުލޫޤަކަށްމެ ވަގުތު ދެނެގަނެވެނީ ވަކި މިންވަރަކަށެވެ.

މިސާލަކަށް އިންސާނުންނަށް ތަޞައްވުރުކުރެވެނީ، މެއްސަށް ތަޞައްވުރުކުރެވޭ ވަގުތުގެ ދިހަބައިކުޅަ އެއްބަޔެވެ. އެހެންކަމުން، ވަގުތުގެ ގޮތުން މެއްސަށް ތަޞައްވުރުކުރެވޭ އެއްދުވަސް، އިންސާނުންނަށް ތަޞައްވުރުކުރެވޭ ދިހަ ދުވަހާ އެއްވަރެވެ. މި ބީދައިން ބަލާއިރު، ތުންދިގުމީދަލަކަށް ތަޞައްވުރުކުރެވޭ އެއްދުވަސް، އެތަކައް ތަޞައްވުރުކުރެވޭ 24 ދުވަހާ އެއްވަރެވެ. އަދި އިންސާނަކަށް ތަޞައްވުރުކުރެވޭ އެއްދުވަސް، އެތަކައް ތަޞައްވުރުކުރެވޭ ތިންދުވަހާ އެއްވަރެވެ. މި ފަރަގުތައް އުފެދެނީ، މަޚުލޫޤުންގެ ފެނުމުގެ ޙިއްސަށް ވަގުތު ތަޞައްވުރުކުރެވޭ ސްޕީޑް ތަފާތުވުމުންނެވެ. ހަށިގަނޑު ބޮޑެތި މަޚުލޫޤުންނާ ޚިލާފަށް، ހަށިގަނޑު ކުދި މަޚުލޫޤުންގެ ޢުމުރު ކުރެވެ. އެހެނަސް އެސޮރުމެންނަށް ވަގުތު ތަޞައްވުރުކުރެވެނީ މާދިގުކޮށެވެ. އަދި އެސޮރުމެންގެ ޙަރަކާތްތައް އަވަހެވެ. އެސޮރުމެންގެ ޢުމުރު ނުހަނު ކުރުކަމަށް އިންސާނުންނަށް ފެނުނަސް، އެސޮރުމެންގެ ޢުމުރު، އެސޮރުމެންނަށް އިޙުސާސްކުރެވޭ މިންވަރު މާދިގެވެ.

އެކި ޒަމާންތަކުގައި އިންސާނުންނަށް ވަގުތު ތަޞައްވުރުކުރެވޭ މިންވަރު ތަފާތުކަން ވެސް ފާހަގަކުރެވެއެވެ. އެކަމުގެ އެއް ސަބަބަކީ، ސަލާމްލެއްވި އާދަމުގެފާނުގެ ޒަމާނުގައި އިންސާނުންގެ ހަށިތައް ބިޔަކަމެވެ. އޭރު އިންސާނުންގެ ހަށިތައް ބިޔަވެފައި، އިސްކޮޅު 27 މީޓަރަށްވުރެ ދިގެވެ. ޢުމުރު 1000 އަހަރަށް ވާޞިލުވެއެވެ. ނަމަވެސް މިހާރު އިންސާނުން ވަނީ ހަށިގަނޑުގެ ސައިޒު ކުޑަވެ، އިސްކޮޅުން ކުރުވެފައެވެ. އަދި ޢުމުރު ވާޞިލުވަނީ 70 ވަރަކަށް އަހަރަށެވެ. ނަމަވެސް މި 70 އަހަރަކީ، ވަގުތު ތަޞައްވުރުކުރެވޭ މިންގަނޑުން ބަލާއިރު 1000 އަހަރާ އެއްވަރު މުއްދަތެކެވެ! ސަލާމްލެއްވި އާދަމުގެފާނުގެ ޒަމާނުގައި އުޅުނު އިންސާނުންނަށް ވަގުތު ތަޞައްވުރުކުރެވިފައިވަނީ ލަސްލަހުން ކަމަށް ވާތީއެވެ. އަދި މިހާރު އިންސާނުންނަށް ވަގުތު ތަޞައްވުރުކުރެވޭ މިންވަރު އެއަށްވުރެ އަވަސްވެފައިވާތީއެވެ.

އަނެއް ސަބަބަކީ، އިންސާނީ ޙަޟާރަތަށް އައިސްފައިވާ ކުރިއެރުމާއި ތަރައްޤީއެވެ. މިހާރު ކަންކަން ހިނގަމުންދަނީ އިހުޒަމާނުގައި ކަންކަން ހިނގަމުންދިޔަ ވަރަށްވުރެ މާ ހަލުއިކޮށެވެ. އިހުޒަމާނުގައި އިންސާނަކަށް އެއްދުވަހުން ކުރެވޭ ކަންތައްތަކުގެ އެތައްއެތައް ގުނައެއް، މިޒަމާނުގައި އިންސާނަކު އެއްދުވަހުން އެބަކޮށްލައެވެ. މިސާލަކަށް ދެ ވިޔަފާރިވެރިއެއްގެ ބައްދަލުވުމަށް ބަލައިލަމާތޯއެވެ. އެއިން އެކަކީ މިޒަމާނުގެ މީހެކެވެ. އަނެކަކީ މީގެ 1000 އަހަރު ކުރީގެ މީހެކެވެ. އިހުޒަމާނުގެ މީހާގެ ގާތުގައި މިޒަމާނުގެ މީހާ ބުންޏެވެ. "ތިމަންގެ ގާތުގައި އެއްމެ ދުވަހެއް، ތިބާ ގުނައިއުޅުނު ފަދަ ސަތޭކަ ދުވަހާ އެއްވަރެވެ." މިހެން ބުނުމުގެ މަޤުޞަދަކީ، އިހުޒަމާނުގެ މީހާއަށް ސަތޭކަ ދުވަހުން ކުރެވޭ ކަންކަން، މިޒަމާނުގެ މީހާއަށް އެއްމެ ދުވަހެއްގެ ތެރޭގައި ކުރެވޭކަން އަންގައިދިނުމެވެ.

އިންސާނުންގެ ލޮލަށް ތަޞައްވުރުނުކުރެވޭ އެތައް ކަންތައްތަކެއް މިދުނިޔޭގައި ހިނގަމުންދާ ވަގުތުގެ ތެރޭގައި ވެއެވެ. އިންސާނުންނަށް ފެންނަނީ އެއިން ވަރަށް ކުޑަ މިންވަރެކެވެ. މިދުނިޔޭގައިވާ ޙަޤީޤީ ވަގުތުގެ ތެރޭގައި ހިނގާ ހުރިހައި ކަންކަމެއް އިންސާނުންނަށް ތަޞައްވުރުކުރެވޭނަމަ، އެ ކަންކަމުގެ މަޢުލޫމާތުތައް ވާނީ އިންސާނާގެ ޙިއްސުތަކުގެ ކުރިމަތީގައި ފުނިފުނިޖެހި އޮބިނޯންނަވަރުވެފައެވެ! އެކަންކަން އޮބެހެއްޓޭވަރުގެ ޤާބިލުކަން އިންސާނާގެ ޙިއްސުތަކަށް ލިބިއްޖެނަމަ، މިދުނިޔޭގައި ހިނގާ އެންމެ ދުވަހެއް، އިންސާނުންނަށް ތަޞައްވުރުކުރެވޭ 1000 އަހަރާ އެއްފަދަވެގެންދާނެއެވެ.

އާދޭހެވެ. މިމޭރުމުން ވިސްނައި ފިކުރުކުރާއިރު، ކަށަކުޅަދުންވަންތަ މާތް ﷲ ގެ ޙަޟުރަތުގައި ވަގުތު ވާނީ، އިންސާނުންނަށް ވަގުތު ތަޞައްވުރުކުރެވޭ ވަރަށްވުރެ މާ ފުރިހަމައަށް ކަމުގައި ޤަބޫލުކުރެވެއެވެ. ޙަޤީޤީ ވަގުތާއި، ޙަޤީޤީ ވަގުތުގެ ދިގުމިނާއި، ޙަޤީޤީ ވަގުތުގައި ހިނގާ އެންމެހައި ކަންކަމެއް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. އައްސަޖްދާ ސޫރަތުގެ 5 ވަނަ އާޔަތުން ދޭހަވާ މަފުހޫމުތަކުގެ ތެރެއިން މި މަޒުމޫނުގައި ގެނެސްދިނުމަށް ޤަޞްދުކުރީ މި މަފުހޫމެވެ.

ކީރިތި ޤުރުއާނުގެ އެންމެ އާޔަތެއްގައި އިންސާނުންނަށް އެތައް މަފުހޫމުތަކެއް ލައްވާފައިވާކަމީ ވެސް އެ މާތް ފޮތުގައިވާ މޫރިތި އާޔަތްތަކުގެ އިޢުޖާޒުގެ ބޮޑުކަން ބަޔާންކޮށްދޭ ކަމެކެވެ. އެއާއެކު، އެއްވެސް ޙާލެއްގައި އެފޮތަށް ބާޠިލުކަމެއް އައުމެއް ނެތެވެ. ފުއްޞިލަތު ސޫރަތުގެ 42 ވަނަ އާޔަތުގައި އަންގަވާފައިވާ ފަދައިންނެވެ.

(لَّا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ)

މާނައީ، "އެ ފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެ ފަހަތުންވެސް އެފޮތަކަށް ބާޠިލުކަމެއް ނާންނާނެތެވެ. (އެއީ) ޙަމްދު ލިބިވޮޑިގެންވާ، ޙަކީމުވަންތަރަސްކަލާނގެ ޙަޟުރަތުން ބާވައިލެއްވި ފޮތެކެވެ."