ކަހުފުބާގައިގެ މީހުން ނިދާފައި ތިބި މުއްދަތު


ކަހުފުބާގައިގެ މީހުން ހޮހަޅައިގައި ނިދާފައި ތިބި މުއްދަތު، އަލްކަހުފު ސޫރަތުގެ 25 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވެއެވެ. އެ ސޫރަތުގައި އެމީހުންގެ ވާހަކަ ފަށްޓަވާފައިވަނީ، 9 ވަނަ އާޔަތުންނެވެ. އެ އާޔަތުގެ ފުރަތަމަ ކަލިމައިން ފެށިގެން، 25 ވަނަ އާޔަތުގައި މުއްދަތު ބަޔާންކުރައްވަން ފެށްޓެވި ކަލިމައާ ހަމައަށް އޮތީ 309 ކަލިމައެވެ. އެއީ އެމީހުން ހޮހަޅައިގައި ނިދާފައި ތިބި އަހަރުތަކުގެ ޢަދަދެވެ. ތިރީގައި މިވަނީ އެ އާޔަތެވެ.

(وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا) އަލްކަހުފު: 25

މާނައީ، "އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ."

މި އާޔަތުގައި ބަޔާންކުރައްވާފައިވާ ތިން ސަތޭކަ އަހަރަކީ، މީލާދީ ކަލަންޑަރުގެ އަހަރުން ގުނާއިރު، އެމީހުން ހޮހަޅައިގައި ނިދާފައި ތިބި މުއްދަތެވެ. އެއަށް އިތުރުވާ ނުވަ އަހަރަކީ، ހިޖުރީ ކަލަންޑަރުގެ އަހަރުން ގުނާއިރު، އިތުރުވާ ނުވަ އަހަރެވެ. އާދޭހެވެ. އެމީހުން ހޮހަޅައިގައި ނިދާފައި ތިބި މުއްދަތަކީ، ހިޖުރީ ކަލަންޑަރުގެ އަހަރުން ގުނާއިރު، 309 އަހަރެވެ. މިކަން މިމަގަށް ބަޔާންކުރައްވާފައިވާ ކަމީ ކީރިތި ޤުރުއާނުގެ ޢިލްމީ އިޢުޖާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކީރިތި ޤުރުއާނުގެ މިފަދަ އިޢުޖާޒުތައް ފަނޑުކޮށްލުމަށްޓަކައި، ޣައިރު މުސްލިމުން އެތައް ވާހަކައެއް ދައްކައެވެ. އެއިން އެއް އެއް ވާހަކައަކީ، ނަންގަނެވިދިޔަ އާޔަތުގައި ބަހަވީ ކުށެއް ވާކަމަށް ބުނެ ދައްކަމުންދާ ވާހަކައެވެ. އެމީހުން ބުނަނީ، އެ އާޔަތުގައިވާ (سِنِينَ) އަކީ ކުށެއް ކަމަށާއި، އޭގެ ބަދަލުގައި އޮންނަންވީ ރަނގަޅު ކަލިމައަކީ (سَنَة) ކަމަށެވެ. އެހެނީ، ސަތޭކައިގެ ޢަދަދާއެކު އޮންނަންޖެހެނީ ބަޔާންކުރެވޭ އެތީގެ އެކަހެރި ނަމެވެ. އެމީހުން މިހެން މިވާހަކަ ދައްކަނީ މި ނޫން އުޞޫލެއް ޢަރަބި ބަހުގައި ނެތް ކަމަށް ހީކޮށެވެ. ނަމަވެސް، ސަތޭކައިގެ ޢަދަދުގެ ފަހުއަކުރުގައި ދެފިލިޖެހި ތަންވީންކުރެވޭ ޙާލަތުގައި ގެންނަންޖެހެނީ ބަޔާންކުރެވޭ އެތީގެ ގިނަ ނަމެވެ.

އަލްކަހުފު ސޫރަތުގެ 25 ވަނަ އާޔަތުގައި (ثَلَاثَ مِائَةٍ) ގެ ފަހު އަކުރުގެ މަޝްހޫރު އަދި މުޢުތަބަރު ޤިރާއަތުގައި ވަނީ ދެ އިބިފިލި ޖެހި ތަންވީންކުރެވިފައެވެ. އެހެންކަމުން އޭގެ ފަހަތަށް އަންނަންޖެހެނީ، އަހަރުގެ ގިނަ ނަން ކަމުގައިވާ (سِنِينَ) އެވެ. ފަހު އަކުރު ތަންވީނު ނުކުރެވޭ ޤިރާއަތުގައި ވެސް (سِنِينَ) އަކީ ބަހަވީ ގޮތުން ޞައްޙަ ކަލިމައެކެވެ. އެއީ ފަސްކުރެވިފައިވާ ކަލިމައެއް ކަމުގައި ވާތީއެވެ.

މާތް ﷲ ވަނީ، ކީރިތި ޤުރުއާނުގައި ބަހަވީ އިޢުޖާޒާއި، ޢިލްމީ އިޢުޖާޒު ހިމަނުއްވައި، އެއިން ޖިންނީންނާއި އިންސީންނަށް ގޮންޖައްސަވާފައެވެ. އަލްކަހުފު ސޫރަތުގައި، ކަހުފުބާގައިގެ މީހުން ނިދާފައިތިބި މުއްދަތު ބަޔާންކުރައްވާފައިވާ ގޮތާމެދު ވިސްނުން ހިންގައިލުމުން ވެސް އެކަން ކަށަވަރުވެދެއެވެ.