މަޙްފަލުލް ޤުރުއާނަށް ހުށަހެޅި ކަރުދާސް
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން، 14-15
ސެޕްޓެންބަރު 2018 ގައި ހިންގެވި "މަޙްފަލުލްޤުރުއާން"
އަށް، ޤުރުއާނާއި ސައިންސްގެ ރޮނގުން ކަރުދާހެއް
ހުށަހެޅުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކައި އެ
ޔުނިވަރސިޓީއަށް ޝުކުރު އަދާކުރަމެވެ. އެ ކަރުދާހުގެ
މައިގަނޑު ނަމަކީ (فِي أَحْسَنِ تَقْوِيمٍ) އެވެ. އޭގައި
އަލިއަޅުވާލާފައިވާނީ، މާތް ﷲ އިންސާނާ ޚަލްޤުކުރެއްވި
ގޮތުގެ މައްޗަށެވެ. ޚާއްޞަކޮށް އެކަލާނގެ ސިއްކަފުޅު
އިންސާނާގެ ގައިގައި ޖެއްސެވި ގޮތުގެ މައްޗަށެވެ.
ކަރުދާސް ބަހާލާފައިވާނީ މައިގަނޑު 5 ބަޔެއްގެ މައްޗަށެވެ.
އެއީ:
1. ތަމްހީދު
2. ތަފުސީރު
3. ޤުރުއާނާއި
ސައިންސްގެ އަލީގައި
4. ތަޝްކީލީ ފަންނުގެ އަލީގައި
5. މަސައްކަތް
މީގެ ތެރެއިން ތަމްހީދުގެ ބައިގައި
ވާނީ، ސޫރަތުއްތީން (95) އާއި އެ ސޫރަތުގެ 4 ވަނަ
އާޔަތާބެހޭ މަޢުލޫމާތެވެ.
ތަފުސީރުގެ ބައިގައިވާނީ،
މިދެންނެވި އާޔަތުގެ ތަފުސީރެވެ. އެތައް ތަފުސީރެއް
ދިރާސާކުރުމަށްފަހު، އޭގެ ތެރެއިން 12 ތަފުސީރެއްގައިވާ
މަޢުލޫމާތު ހިމަނާފައިވާނެއެވެ. އެއީ، އުއްމަހާތުއް
ތަފާސީރާއި، ސުންނަތްޖަމާޢަތުގެ ތަފުސީރުތަކުގެ ތެރެއިން
ފާހަގަކޮށްލެވޭ މުހިންމު ތަފުސީރުތަކެކެވެ.
ތިންވަނަ
ބައިގައި އަލިއަޅުވާލާފައިވާނީ ޤުރުއާނާއި ސައިންސްގެ
އަލީގައެވެ. މި ބައިގައި މާތް ﷲ، އާދަމުގެފާނާއި
ޙައްވާގެފާނު ހެއްދެވި ގޮތުގެ މައްޗަށް އަލިއަޅުވާލާފައި
ވާނެއެވެ. އެ ދެކަނބަލުން ހެއްދެވުމަށްފަހު އެ ދެ
ކަނބަލުންގެ ނަސްލުން، އެކަލާނގެ އިންސާނުން ހައްދަވާ
ގޮތުގެ މައްޗަށް ވެސް އަލިއަޅުވާލާފައި ވާނެއެވެ.
ހަތަރުވަނަ ބައިގައި، ތަޝްކީލީ ފަންނުގެ ނަޒަރުން
އަލިއަޅުވާލާފައިވާނީ، އިންސާނާގެ ހަށިގަނޑުގެ މައްޗަށެވެ.
މިބައިގައި، ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި
ވަސައްލަމަގެ ކޮޓަރިކޮޅުތަކާއި، އިންސާނާގެ ހަށިގަނޑާއި،
ރަންއަކައާއި، އުޑުބޮމައިގެ މައްޗަށް އަލިއަޅުވާލާފައި
ވާނެއެވެ. އަދި މާތް ﷲ ގެ ސިއްކަފުޅު، އެކަލާނގެ
ހައްދަވާފައިވާ މަޚުލޫޤުންގެ ގައިގައި ޖައްސަވާފައިވާ
ގޮތް، ތަޞްވީރާއެކު ބަޔާންކޮށްފައިވާނެއެވެ.
ފަސްވަނަ ބައިގައި ވާނީ، މަސައްކަތު ކަރުދާހެކެވެ. މި
ކަރުދާހުގެ މަސައްކަތްކުރުން ދޫކޮށްލެވިފައިވަނީ، އިސްލާމީ
ޔުނިވަރސިޓީގެ ދަރިވަރުންގެ ތެރެއިން އެކަމަށް ކުރިމަތިލި
ދަރިވަރުންނަށެވެ. ނަމަވެސް އެހީތެރިވެދިނުމުގެ ގޮތުން، އެ
ކަރުދާސް ފުރިހަމަކުރުމަށް ބޭނުންވާ މަޢުލޫމާތާއި ފަންނީ
އެހީ، އެ ދަރިވަރުންނަށް ފޯރުކޮށްދިނީމެވެ. އިސްލާމީ
ޔުނިވަރސިޓީގެ ހަމަތަކުގެމަތިން ބަލާއިރު، މަޢުލޫމާތު
ދިނުމަކީ ވަގުލުކުރުމެއް ނޫނެވެ. އަދި އެއީ ވަގުލުކުރުމުގެ
މާނައިގެ ތެރޭގައި ހިމެނޭ ކަމެއް ވެސް ނޫނެވެ.
ތިރީގައިވާ ލިންކުން ކަރުދާހުގެ ދެލިކޮޕީގެ ބައެއް
ޞަފުޙާތައް ފެނިވަޑައިގަންނަވާނެއެވެ.
(فِي
أَحْسَنِ تَقْوِيمٍ) ކަރުދާސް
ޑައުންލޯޑްކުރެއްވުމަށްޓަކައި މިތަނަށް އެއްފަހަރު
ކްލިކްކޮށްލައްވާށެވެ!