ކާށިތެލުގެ ފައިދާ (1)


ނޯޓު: ފޮޓޯގައިވާ (Organic Virgin Coconut Oil) އަކީ، ކާށި ހިއްކައި ކުފުރާއަށް ބަދަލުކުރުމެއްނެތި، އޮޅުދޫކަރައިގެ ރަށްފުށުގެ ތާޒާ ކާށިން އުފައްދާފައިވާ ކާށިތެލުގެ މޮޅު އުފެއްދުމެކެވެ.



ފެށުން


ކާށިތެލަކީ، އޭގައި މީރުވަހެއް ހުންނަ މަޤުބޫލު ތެލެކެވެ. އަދި އޭގައި ގިނަގުނަ ފައިދާތައް އެކުލެވިފައި ވެއެވެ. އެއީ އޭގައި ސެޓުރޭޓެޑް ފެޓް (Saturated fat) މަތީ ދަރަޖައަކަށް ހިމެނޭތީއެވެ. އެއިން ލިއްބައިދޭ މުހިންމު ފައިދާތަކުގެ ތެރޭގައި، ގައިގެ ހަމާއި ބޮލުގެ އިސްތަށްޓަށް ކާނާ ދިނުމާއި، ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމާއި، އަލްޒައިމަރ އެވެ، ކިޔާ ހަނދާންނެތޭ ބައްޔަށް ފަރުވާދިނުމާއި، ހަށިގަނޑުގެ ދިރުތައް (ސެލްތައް) މުސްކުޅިވުން ލަސްކޮށްދިނުމާއި، ޒުވާންކަންމަތީ ދެމެހެއްޓުން ހިމެނެއެވެ.

މިފަހަކަށް އައިސް، މީސްމީޑިއާގައި ވެސް ކާށިތެލަށް ވަނީ ވަރަށް ބޮޑު ޝުހުރަތެއް ލިބިފައެވެ. އެކަމުގެ ސަބަބުން އޭގެ ވިޔަފާރި ވެސް ވަނީ އެތައް ގުނައެއް ކުރިއަށް ޖެހިލާފައެވެ. އެއީ، ކޮސްމެޓިކްސް އުފައްދާ ފަރާތްތަކުން އެއަށް ދީފައިވާ އަހައްމިއްޔަތެއްގެ ބޮޑުކަމުން ވެސްމެއެވެ. އަދި ދުނިޔޭގައި ނަން ހިނގާ މަޝްހޫރު އެތައް ބަޔަކު އެއަށް ދީފައިވާ ސަމާލުކަމެއްގެ ބޮޑުކަމުން ވެސްމެއެވެ. ފަހެ، އެންޖެލީނާ ޖޮލީ (Angelina Jolie) ކޮންމެ ދުވަހެއް ފަށަނީ، ކާށިތެޔޮ ސަމުސަލެއް ބޮއިގެންނެވެ. މިރަންޑާ ކޭރް (Miranda Kerr) އޭނާގެ ކޮފީ ތަށްޓަށް ކާށިތެޔޮ ސަމުސަލެއް އަޅައެވެ. ބްލޭކް ލައިވްލީ (Blake Lively) އޭނާގެ ހަށިގަނޑުގައި ކާށިތެޔޮ ލައެވެ. ޖެސިކާ އަލްބާ (Jessica Alba) މާބަނޑުވާ ދުވަސްވަރު ގައިގެ ހަމަށް އަންނަ ވިލުމުގެ ސަބަބުން އުފެދޭ ރޮނގުތައް ފާޅުވިޔަނުދިނުމަށްޓަކައި އޭނާގެ ގައިގައި ކާށިތެޔޮ އުނގުޅައެވެ.



ކާށިތެލުގެ އަޞްލާއި ތާރީޚު


ކާށިތެޔޮ އުފައްދާ އަޞްލަކީ، ދިވެހިރުކުގެ ކާށްޓެވެ. ދުނިޔޭގައި ދިވެހިރުއް ހެދެނީ، ވައިގެ ތެތްކަން ބޮޑު ހޫނު ސަރަހައްދުތަކުގައެވެ. އެފަދަ ސަރަޙައްދުތަކުގެ ތެރޭގައި، އަސޭކަރަ (އިންޑޮނީޝިއާ) އާއި، ފިލިޕީންސާއި، އުތުރުކަރަ (އިންޑިއާ) އާއި، އޮޅުދޫކަރަ (ސްރީލަންކާ) އާއި، ބަރާސިލު (ބްރެޒިލް) އާއި ޕެސިފިކް ކަނޑުގެ ޖަޒީރާތަކާއި، އެފްރިކާއާއި، މެދުތެރޭ އެމެރިކާއާއި، ދިވެހިރާއްޖެ ހިމެނެއެވެ. ދިވެހިރުކަކީ، މީހެއްގެ އެހީތެރިކަމަކާ ނުލައި، ޤުދުރަތީގޮތުން ހެދިބޮޑުވެ ފޯދެމުންދާ ބާވަތެކެވެ. އަހަރަކު 50 ކާށްޓާއި 150 ކާށްޓާ ދެމެދުގެ ޢަދަކަށް ދިވެހިރުކަކުން ލިއްބައިދެއެވެ. ކާށްޓެއް ހަރުވެ ފައްކާވުމަށްޓަކައި 11 މަސްދުވަހާއި 12 މަސްދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވެއެވެ.

ހެޔޮވަރުގެ ކާށްޓެއް ކުރުނބައެއްގެ ގޮތުގައި އޮންނައިރު، އޭގައި ބައިލިޓަރެއްހައި ފެން ހުރެއެވެ. ކާށި ހަރުވުމުން އޭގެ އެތެރޭގައިވާ ކާށިގަނޑު ނަގައި، އަވީލައިގެން ނުވަތަ އުނދުންމަތީގައި ހިއްކެއެވެ. އެއަށްފަހު، އެއަށް ކިޔަނީ ކުފުރާއެވެ.

ކާށިތެޔޮ އުފައްދާ އެކައްޗަކީ، ކުފުރާއެވެ. ކާށީގެ އެތެރޭގައި އޮންނަ ކާށިގަނޑު، ކުފުރާއަށް ބަދަލުކުރުމެއްނެތި އެއިން ކާށިކިރާއި، ކާށިތެޔޮ އުފެއްދެއެވެ. ކާށިކިރުން ތެލުގެބައި ވަކިކުރަނީ، އެއާ ފެނާ އެއްކޮށްގެންނެވެ. ފެނާ އެއްކޮށްފައިވާ ކާށިކިރު، އަވީގައި ބެހެއްޓުމުން، އޭގެ މަތީގައި ފަށަލައެއް އުފެދެއެވެ. އެ ފަށަލައަކީ، ފޮނުތެލެވެ. އެ ނަގައިގެން ކެއްކީމާ، އެއިން ދެ އެއްޗެއް އުފެދެއެވެ. އެކައްޗަކީ ކާށިތެލެވެ. އަނެކައްޗަކީ ކާވިއެވެ. ކާވިއަކީ ތެޔޮކުނޑިއެވެ.

މީލާދީ ސަނަތުން 14 ވަނަ ޤަރުނުގެ ކުރިން، ހުޅަނގުގެ ޤައުމުތަކުގައި ކާށިތެލަކީ އާންމު އެއްޗެއް ނޫނެވެ. ހުޅަނގުގެ މީހުންނަށް ކާށިތެޔޮ ތަޢާރަފުވީ، އިޓަލީވިލާތުގެ މާލިމީ، މާކޯ ޕޯލޯ (Marco Polo) އޭޝިއާގައި ކުރި ދަތުރުތަކަށްފަހުގައެވެ. މީލާދީ ސަނަތުން ފަނަރަވަނަ ޤަރުނާއި، ސޯޅަވަނަ ޤަރުނުގައި ފުށެތިކާލުން (ޕޯޗުގީޒުން) ގެ ނުފޫޒު ދުނިޔެއަށް ފެތުރިގެންދިއުމާއެކު، ޔޫރަޕުގައި ކާށިތެޔޮ އާންމުވެ، އޭގެ މަޤުބޫލުކަން އިތުރުވެގެންދިޔައެވެ. އަދި އެމެރިކާގެ އުތުރު ބައްރަށްވެސް ކާށިތެޔޮ ވާޞިލުވިއެވެ.

ކާބޯތަކެތި ތައްޔާރުކުރުމަށްޓަކައި އިންސާނުން ބޭނުންކުރި އެންމެ ޤަދީމީ އެއް ތެލަކީ ކާށިތެޔޮ ކަމަށް ބެލެވެއެވެ. އެހެނީ، އެ ތެޔޮ ވަނީ އޭޝިއާއާއި އެފްރިކާގައި އެތައް ޒަމާނެއް ވަންދެން ބޭނުންކުރެވިފައެވެ. މީލާދީ ސަނަތުން އޮނަވިހިވަނަ ޤަރުނު ނިމެންދެން ޔޫރަޕާއި އެމެރިކާގެ ބަދިގެތަކުގައި ވެސް ވަނީ އެ ތެޔޮ ބޭނުންކުރެވިފައެވެ. އޭގެ ބޭނުންކުރުން ހުއްޓުނީ، ސޯޔާތެލާއި، ޒުވާރިތެޔޮ ފަދަ ނަބާތީ ތެޔޮ އާންމުވުމުންނެވެ.



ކާށިތެލުގެ ތަރުކީބު


ކާށިތެލަކީ މިހާރު ކޮސްމެޓިކްސް އުފެއްދުމަށްޓަކައި ބޭނުންކުރާ އެއްޗެކެވެ. އެއީ، އޭގައިވާ ޞިއްޙީ ފައިދާތަކަށްޓަކައެވެ. އެއީ ފަސޭހައިން ގައިގެ ހަމުގެ ތެރެއަށް ވަދެގެންދާ އެއްޗެއް ކަމުގައިވާތީއެވެ. އެކަމަށްޓަކައި ބޭނުންވާ އަސާސީ (Fatty acids) ފެޓީ އެސިޑާއި (Lauric acid) ލޯރިކް އެސިޑާއި (Meric acid) މެރިކް އެސިޑް، އޭގައި މަތީ ދަރަޖައަކަށް އެކުލެވެއެވެ. އޭގެ ތަރުކީބުގައިވާ މުހިންމު ބައިތަކުގެ ތެރޭގައި އަންނަނިވި ބާވަތްތައް ހިމެނެއެވެ.

މޮނޯއަންސެޓުރޭޓެޑް ފެޓީ އެސިޑް (Monounsaturated fatty acids): 5-18 އިންސައްތަ (Oleic acid) އޮލިކް އެސިޑް (އޮމެގާ: 9).

އަންސެޓުރޭޓެޑް ފެޓީ އެސިޑް (Unsaturated fatty acids): 1-3 އިންސައްތަ (Linoleic acid) ލިނޯލެއިކް އެސިޑް (އޮމެގާ: 6)، 0.2 އިންސައްތަ އަށް ވާޞިލުވާ މިންވަރަށް (Alpha-linoleic acid) އަލްފާ-ލިނޯލީކް އެސިޑް (އޮމެގާ: 3).

ސެޓުރޭޓެޑް ފެޓީ އެސިޑް (Saturated fatty acids): 40-50 އިންސައްތަ (Lauric acid) ލޯރިކް އެސިޑް، 16-20 އިންސައްތަ (Myristic acid) މިރިސްޓިކް އެސިޑް، 6-8 އިންސައްތަ (Palmitic acid) ޕެލްމިޓިކް އެސިޑް.

ކާށިތެލުގައިވާ މިނޫން މުހިންމު މުރައްކަބުތަކުގެ ތެރޭގައި، ވިޓަމިންތައް ހިމެނެއެވެ. ޚާއްޞަކޮށް ވިޓަމިން އީ އެވެ. ބައެއް ޙާލަތްތަކުގައި ވިޓަމިން ބީ6، ބީ5، ބީ3، އަދި ވިޓަމިން އޭ ހިމެނެއެވެ. މިފަދަ މުހިންމު އެހެނިހެން މުރައްކަބުތަކުގެ ތެރޭގައި، ފައިޓޯސްޓެރޯލްސް (Phytosterols) ވެސް ހިމެނެއެވެ. އެއީ ހަޖަމުކުރުމުގެ ނިޒާމުގެ ތެރޭގައި، ކޮލިސްޓްރޯލް ނެއްތައިލާ މުރައްކަބެކެވެ.



ކާށިތެލުގެ ވަސްމީރުކަން


ގޯތިގެދޮރުގެ އާބުހަވާގައި ވަސްމީރުކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަންކަމުގައި ކާށިތެޔޮ ބޭނުންކުރެވެއެވެ. އެ ކަންކަން ކުރަނީ، އެހެން ބާވަތްބާވަތުގެ ތެލުގެ ތެރެއަށް ކާށިތެޔޮ އަޅައިގެންނެވެ. ކާށިތެލަކީ، ހަށިގަނޑު މަސާޖުކުރުމަށް ވެސް ނުހަނު މަޤުބޫލު ތެލެކެވެ. ކާށިތެލާއި (Cashew oil) ކެޝޫ ތެލާއި (Peppermint oil) ޕެޕަރމިންޓް ތެޔޮ އެއްކޮށްގެން، އެއިން ހަމުގެ އިންފެކްޝަންތަކަށް ފަރުވާކުރެވެއެވެ. ކާށިތެލަކީ، ދާހިއްލުމުގެ އުނދަގުލުން ސަލާމަތްކޮށްދޭ ޤުދުރަތީ ޑިއޯޑްރަންޓެކެވެ.



ކާށިތެލުގެ ޞިއްޙީ ފައިދާތައް


ކާށިތެލުގައި ގިނަގުނަ ޞިއްޙީ ފައިދާތައް ލިއްބައިދެއެވެ. އޭގެތެރޭގައި، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދިނުމާއި، ސިކުނޑީގެ ވަޒީފާއަށް ވާގިވެރިވުމާއި، އަލްޒައިމަރ ބައްޔަށް ފަރުވާކުރުމުގައި އެހީތެރިވުމުގެ ދައުރު އަދާކުރުމާއި، ލޭގައި ކޮލިސްޓްރޯލާއި ގުލުކޯޒުގެ މިންވަރު ހަމަޖައްސައިދިނުމާއި، ހަކަތަ އިތުރުކޮށްދިނުމާއި، ސަރުބީ ވިރުވައިދީ ހަށިގަނޑުގެ ބަރުދަން ހެޔޮވަރުކޮށްދިނުން ހިމެނެއެވެ. އަދި ކާށިތެލަކީ، ފާރުތައް ސާފުކުރުމަށް ބޭނުންކުރެވޭ އެއްޗެކެވެ. ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތައް ހަމަޖައްސައިދީ، ހޯމޯން އުފައްދާ މިންވަރު ބެލެންސްކޮށްދިނުން ފަދަ އެތައް ފައިދާތަކެއް ކާށިތެލުގައި ވެއެވެ. އަދި ދަތްތައް ހުދުކޮށްދިނުމާއި، ތުންފަތާއި ހަމުގެ ތާޒާކަން އިތުރުކޮށްދިނުމާއި، ބޮލުގެ އިސްތަށިގަނޑު ވަރުގަދަކޮށްދިނުން ފަދަ އެތައް ފައިދާތަކެއް އޭގައި ވެއެވެ.

މި މަޒުމޫނުގެ ދެވަނަ ބައިގައި އަލިއަޅުވައިލާނީ ކާށިތެލުން ލިއްބައިދޭ ޞިއްޙީ ފައިދާތަކުގެ މައްޗަށެވެ.

(ނުނިމޭ)



މަޞްދަރު


https://www.alwosta.tn/ar/blog/83_-.html
http://www.quentara.com/blog/2018/05/31/what-is-virgin-coconut-oil