ސިނާއީ ކުރިއެރުމާއި އާކިޓެކްޗަރ
ކޮންމެ އިންސާނީ ޙަޟާރަތެއްގައި ސިނާއަތެއް ވެއެވެ.
އެކި ޙަޟާރަތްތަކުގައި ސިނާއަތު ކުރިއަރާފައިވަނީ އެކި
މިންވަރަކަށެވެ. މީލާދުގެ ކުރީގެ 10000 (ދިހަ ހާސް) ވަނަ
އަހަރާ ހިސާބުގައި، އޭޝިޔާގެ ބައްރުގެ އިރުދެކުނު
ސަރަޙައްދުން ޙަޟާރަތެއް އުދަވިކަން، އާސާރީ ހޯދުންތަކުން
އެނގިފައި ވެއެވެ. ދުނިޔޭގެ އިރުމަތީ ބިތަށާއި ހުޅަނގު
ބިތަށް އިންސާނީ ޙަޟާރަތު ފެތުރިގެންދިޔައީ އެ
ސަރަޙައްދުންނެވެ. ކޮންމެ ޙަޟާރަތަކަށް ލިބިފައިވާ ސިނާއީ
ގާބިލުކަމުގެ އިމުގެ ތެރޭގައި އެ ޙަޟާރަތެއްގެ އާކިޓެކްޗަރ
ވަނީ ގާއިމުވެފައެވެ.
އާކިޓެކްޗަރއަކީ،
އިންސާނުންގެ މާއްދީ ބޭނުންތަކާއި މަޢުނަވީ މުހުތާދުތައް
ފުއްދުމަށްޓަކައި އާރާސްތުކުރާ ބިނާތަކާއި ޢިމާރާތްތައް
ފަރުމާކޮށް ޕްލޭންކުރުމުގެ ޢިލްމާއި ފަންނެވެ. އޭގެ
ސަރަޙައްދު ވަނީ، އިންސާނީ ޢުލޫމާއި މަޢުރިފާގެ ތަފާތު
ދާއިރާތަކަށް ތަނަވަސްވެފައެވެ. މިސާލަކަށް ހިސާބުޢިލްމާއި
ސައިންސާއި ޓެކްނޮލޮޖީއާއި ތާރީޚާއި ސައިކޮލޮޖީއާއި
ސިޔާސަތާއި ފަލްސަފާއާއި ސޯޝަލް ސައިންސާއި ސަގާފަތާއި
އަދި އެންމެ ތަނަވަސް މާނައިގައި ފަންނު ވަނީ
އާކިޓެކްޗަރގެ ތެރޭގައި ހިމެނިފައެވެ.
އިހުގެ
އާކިޓެކްޗަރގެ ތާރީޚު ވަނީ ތަފާތު ޒަމާންތަކަކަށް
ބަހާލެވިފައެވެ. އެއިން ކޮންމެ ޒަމާނަކަށްމެ، އެ
ޒަމާނެއްގެ ޝަޚުޞިއްޔަތު ދައްކައިދޭ ޚާއްޞަ މަލަތައް
ލިބިގެންވެއެވެ. މި ދުނިޔޭގައި އިންސާނީ ޙަޔާތެއް
ފެށުނީއްސުރެ، ބޯހިޔާވަހިކަން ހޯދުމަށްޓަކައި އިންސާނުން
މަސައްކަތްކުރެއެވެ. އެންމެ އިހުޒަމާނުގައި ސިކާރަވެރިން
ބޯހިޔާވަހިކަން ހޯދީ ރާދުތަކުންނެވެ. ދަނޑުވެރިން
ބޯހިޔާވަހިކަން ހޯދީ، ގަސްގަހާގެހީގެ ދަނޑިން ހެދި
ޖިފުޓިތަކުންނެވެ. ބަކަރިހުއިހައްޕާ މީހުން ބޯހިޔާވަހިކަން
ހޯދީ، ޖަނަވާރުގެ ހަމުން ހެދި ފޭލިގެތަކުންނެވެ.
އިންސާނީ ތާރީޚު އެނގެން އޮތް ހިސާބަށް ބަލާއިރު،
އާކިޓެކްޗަރގެ މައިގަނޑު ދެ ބާވަތެއް ވާކަން އެނގެއެވެ.
އެއީ، ދީނީ އާކިޓެކްޗަރއާއި ދުންޔަވީ އާކިޓެކްޗަރއެވެ.
ދީނީ އާކިޓެކްޗަރގެ ތެރޭގައި ހިމެނެނީ، ދީނީ
ކަންކަމަށްޓަކައި އާރާސްތުކުރި ތަންތަނެވެ. ދުންޔަވީ
އާކިޓެކްޗަރގެ ތެރޭގައި ހިމެނެނީ، މީހުން
ދިރިއުޅުމަށްޓަކައި އެޅި ގެދޮރާއި، އެކިއެކި
ބޭނުންތަކަށްޓަކައި ހެދި ތަންތަނެވެ.
އިހުގެ
ޙަޟާރަތްތަކުގެ ތެރެއިން ސުމޭރިއަން ޙަޟާރަތާއި،
ފިރުޢައުނީ ޙަޟާރަތުގެ އާކިޓެކްޗަރ ފާހަގަކޮށްލެވެއެވެ. އެ
ދެ ޙަޟާރަތުގައި ދީނީ ޢިމާރާތްތައް ބިނާކުރުމަށް ވަރަށް
ބޮޑު އަހައްމިއްޔަތެއް ދެވުނެވެ. ސުމޭރިއަން ޙަޟާރަތުގައި
ވަނީ ދީނީ ބޭނުންތަކަށްޓަކައި 100 ފޫޓު އުސް ޢިމާރާތްތައް
އާރާސްތުކޮށްފައެވެ. ފިރުޢައުނީ ޙަޟާރަތުގައި ވަނީ 480
ފޫޓަށްވުރެ އުސް ބިނާތައް އާރާސްތުކޮށްފައެވެ.
އެއަށްފަހު އުފެދުނު ހައިބަވެތި ޙަޟާރަތްތަކުގެ ތެރޭގައި
އިހުގެ ޔޫނާނީ ޙަޟާރަތާއި، ރޫމީ ޙަޟާރަތު ހިމެނެއެވެ.
ޔޫނާނީ ޙަޟާރަތުގެ މަޝްހޫރު ބިނާތަކުގެ ތެރޭގައި
ފައްޅިއާއި، ހާމަ ތަންތާނގައި ހެދި ތިއޭޓަރު ހިމެނެއެވެ.
އާކިޓެކްޗަރގެ މިޞްރާބު ދުންޔަވީ ބިނާތަކަށް އަމާޒުހިފީ،
ރޫމީ ޙަޟާރަތުގައެވެ. އަށްޑިހަ ހާސް މީހުންގެ ޖާގަ ހިމެނޭ
ކޮލީޒިއަމް ބިނާކުރެވުނީ އެ ޙަޟާރަތުގައެވެ.
އިސްލާމީ ޙަޟާރަތުގައި އާކިޓެކްޗަރގެ އާ މަފުހޫމުތައް
އުފަންވިއެވެ. ދީނީ ބިނާތަކުގެ އިސްލާމީ ޝަޚުޞިއްޔަތު
ކަނޑައެޅުނެވެ. ދުންޔަވީ ބިނާތަކުގެ މަލަތައް ފާޅުވިއެވެ.
އާކިޓެކްޗަރގެ މައިދާނުގައި ވެސް ދުނިޔޭގެ އެހެން
އުންމަތްތަކަށްވުރެ، އިސްލާމީ އުންމަތް
ކުރިއަރައިގެންދިޔައެވެ. ޢިމާރާތްކުރުމުގެ މައިދާނުގައި
ތެދުއަގުދު (Arch) ފަދަ ކުރިން އެނގިފައިނުވާ އާ
އުންސުރުތައް މުސްލިމު އާކިޓެކްޓުން އީޖާދުކުރިއެވެ.
މީލާދީން އަށާރަވަނަ ޤަރުނުގައި ފާޅުވި ޞިނާޢީ
އިންޤިލާބުގެ ސަބަބުން "އިމެއްނެތި" ކުރިއެރުމާއި
ތަރައްޤީގެ ފުރުޞަތު އާކިޓެކްޗަރއަށް ފަހިވެގެންދިޔައެވެ.
އެ އިންޤިލާބުގެ ސަބަބުން، އުފެއްދުންތެރިކަމާއި
ޓެކްނޮލޮޖީއާއި އިންޖިނިއަރިންގެ މައިދާންތަކަށް އައި
ތަނަވަސް ތަރައްޤީއާއި ކުރިއެރުމުގެ ސަބަބުންނެވެ. އޭގެ
އަރުތަވެރި މަތިވަރުތައް އާކިޓެކްޗަރގެ މައިދާނުން
ފެންނަންފެށީ އޮނަވިހިވަނަ ޤަރުނާއި ވިހިވަނަ ޤަރުނުގެ
ތެރޭގައެވެ.
މިޒަމާނުގައި އާކިޓެކްޗަރއަށް އެންމެ
ބޮޑު ކުރިއެރުމެއް އައީ 1919 ވަނަ އަހަރު އުފެދުނު
ބައުހައުސް (Bauhaus) ގެ ފިކުރުންނެވެ. އެ މަދަރުސާގެ
ފިކުރު ބަރޯސާވެފައިވީ، ސިނާއީ ކުރިއެރުމާއި ޓެކްނޮލޮޖީގެ
މައްޗަށެވެ. އެ މަދަރުސާއިން ގަބޫލުކުރި ގޮތުގައި،
ޒަމާނުގެ ތަޞައްވުރާއެކު، ރޫޙާނީ ގޮތުންނާއި މާއްދީ ގޮތުން
އާކިޓެކްޗަރަލް ފަރުމާ ތަރައްގީވެ ފުރިހަމަވާންޖެހެއެވެ.
ޢިމާރާތްތައް ބިނާކުރުމުގެ އަސާސަކީ އެ ފަރުމާއެވެ.
އިހުޒަމާނުގެ ޙަޟާރަތްތަކުގައި އާކިޓެކްޗަރއަށް
ލިބިފައިވީ ދައުރު، މިޒަމާނުގައި ވެސް އެއަށް
ލިބިގެންވެއެވެ. އިންސާނަކު ވުޖޫދަށް އައީއްސުރެ
މަރުވެއްޖައުމަށްދާންދެން ވެސް އުޅެނީ، އާކިޓެކްޗަރގެ
އުފެއްދުމެއްގެ ތެރޭގައެވެ. އެހެންކަމުން އިންސާނީ
ޙަޔާތުގެ ހުރިހައި މައިދާންތަކަކަށް އާކިޓެކްޗަރ ވަނީ
ފެތުރިފައެވެ. އިންސާނީ ޙަޟާރަތުގެ ސިނާއަތަށް އަންނަ
ކުރިއެރުމުގެ ސަބަބުން އާކިޓެކްޗަރއަށް ކުރިއެރުން
އާދެއެވެ. އަދި އާކިޓެކްޗަރއަށް އަންނަ ކުރިއެރުމުގެ
ސަބަބުން ސިނާއަތަށް ކުރިއެރުން އާދެއެވެ. އިންސާނީ
ޙަޟާރަތާއި މަދަނިއްޔަތާއި ޢިލްމާއި ފަންނާއި ސިނާއީ
އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީ ވަނީ އަބަދުވެސް
އާކިޓެކްޗަރއާ ގުޅިލާމެހިފައެވެ.
މުހުތާދު: ބޭނުން
މަލަ: ދުރުން ފެންނަ ރަށެއްގެ
ގަސްކަރަ
ރާދު: ގަލުގެ ނުވަތަ ހިލައިގެ ހޮހަޅު
ޖިފުޓި: ދެރަވަރުކޮށް ހުންނަ ކުދިގޭގެ
އާރާސްތުކުރުން:
ތައްޔާރުކުރުން، ޒީނަތްތެރިކުރުން (ތައްޔާރުކޮށް
ޒީނަތްތެރިކުރުން)