މުޤައްޔަދު (مُقَيَّدُ) އާއި މުޠުލަޤު (مُطْلَقُ)


1. މުޤައްޔަދުގެ ތަޢުރީފު


ތިރީގައި މިވަނީ، މުޤައްޔިދުގެ ބަހަވީ ތަޢުރީފާއި، އިޞްޠިލާޙީ ތަޢުރީފެވެ.



1.1. މުޤައްޔަދު ބަހަވީ ތަޢުރީފު


ޢަރަބި ބަހުގެ (المقيد) މުޤައްޔަދަކީ، (القيد) "އަލްޤައިދު" އިން ނެގިފައިވާ ލަފުޒެކެވެ. ޢަރަބި ބަހުގައި (القيد) "އަލްޤައިދު" އަކީ، ޖަނަވާރު ފަދަ އެއްޗެހީގެ ފައިގައި ބަންނަ ވާގަނޑެކެވެ. އޭގެ ބޭނުމަކީ، އެއިން އެ ޖަނަވާރު ބަނދެފައި، ވަކި ތަނެއްގައި ހައްޔަރުކޮށްފައި ބޭއްވުމެވެ. ޤައިދުގެ ބަހަވީ މާނައަކީ، މިއީ ކަމަށް ވީހިނދު، ހިފަހައްޓައި ހައްޔަރުކުރެވޭ ކޮންމެ އެއްޗަކަށް ޤައިދުގެ ނަމުން ނަންދެވިފައި ވެއެވެ. (هتيمي، آراء العلماء في حمل المطلق على المقيد، -)



1.2. އިޞްޠިލާޙީ ތަޢުރީފު


ތިރީގައި މިވަނީ، މުޤައްޔަދުގެ އިޞްޠިލާޙީ ބައެއް ތަޢުރީފެވެ.

1. މުޤައްޔަދަކީ، ކޮންމެވެސް ސިފައަކުން، ޤައިދުވެފައިވާކަން ދޭހަވާ ލަފުޒެވެ.
2. މުޤައްޔަދަކީ، އޭގެ ޖިންސުގައި އާންމުނޫން މާނައެއް ދޭހަވާ ލަފުޒެވެ.
3. މުޤައްޔަދަކީ، ސިފައަކުން ސިފަކުރެވިފައިވާ ވަކި އެއްޗަކަށް ނުވަތަ ކޮންމެވެސް އެއްޗަކަށް ދަލާލަތުކުރެވޭ ލަފުޒެވެ. (الرحمن، -)



2. ޢަމަލުކުރުމުގެ ޙުކުމް


ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވަނީ، ޝަރުޢީ ނައްޞެއްގައި، މުޤައްޔަދު ލަފުޒެއް ވާރިދުވެއްޖެނަމަ، އެ ލަފުޒު ވާރިދުވެފައިވާ ގޮތަށް އެއަށް ޢަމަލުކުރުމަކީ ވާޖިބެއް ކަމަށެވެ. އަދި އެ ޤައިދު އުވާލުމަށް ބާރުލިބޭ ޝަރުޢީ ދަލީލެއް ނެތްކަމަށްވަނީނަމަ، އެއްވެސް ޙާލެއްގައި އެ ލަފުޒުގައިވާ ޤައިދު އުވާލައި، އެ މުޠުލަޤުކޮށް ޢާންމުކުރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން ކަމަށެވެ. (هتيمي، -)



3. ދެނެގަތުމުގެ މުހިންމުކަން


މުޠުލަޤާއި މުޤައްޔަދު ދެނެގަތުމުގެ މުހިންމުކަން އަންނަނިވި ނުކުތާތަކުގައި މިވަނީއެވެ.

1. ކީރިތި ޤުރުއާނާއި، ޠާހިރު ސުންނަތުގައި ވާރިދުވެފައިވާ ކަލިމަތަކުގެ މާނަ ދޭހަވުން.
2. ފިޤުހީ ޙުކުމްތައް ޞައްޙަކޮށް އޮޅުންފިލުން.
3. ޙުކުމުގައި ޝާމިލުވަނީ ކޮން އެއްޗެއްކަން ބަޔާންވުން.
4. މުޤައްޔަދު ޙުކުމެއް މުޠުލަޤު ޙުކުމަށް ބަދަލުކުރެވޭނެ ގޮތްތަކާއި ޙާލަތުތައް އެނގުން.
5. މުޠުލަޤު ޙުކުމުން މުޤައްޔަދު ޙުކުމް މަންސޫޚުވާކަން ނުވަތަ ނޫންކަން އޮޅުންފިލުން.
6. އެއްކަމެއްގެ ޙުކުމުތައް ގިނަގުނަވެގެންދިޔަނުދީ، އެކަމުގެ ޙުކުމް ފާޅުކޮށް ދެނެގަތުން.



4. މުޤައްޔަދު ޙުކުމެއް މުޠުލަޤު ޙުކުމަކަށް ބަދަލުކުރުމުގެ ގޮތްތައް


ވާޖިބުވެގެންވަނީ، (المُقَيَّد) ގެ މައްޗަށް (المُطْلَق) މުޠުލަޤު (حَمْلُ) ޙަމްލުކުރުމެވެ. މިއީ، އަލްއިމާމުއް ސާލިމީ ބަޔާންކުރައްވާފައިވާ އުޞޫލިއްޔަ ޤާޢިދާއެކެވެ. (الإباضية، 2018)

އަލްމަޢާނީގައި ވެއެވެ. އެކަތީގެ މައްޗަށް އަނެކަތި (حَمْلُ) ޙަމްލުކުރުމަކީ، އެކަތީގެ ޙުކުމް، އަނެކައްޗަށް ދިނުމެވެ. (ނުވަތަ އެކަތީގެ ޙުކުމަށް އަނެކަތީގެ ޙުކުމް ބަދަލުކުރުމެވެ.) (المعاني، 2018)

މުޤައްޔަދު ޙުކުމެއް މުޠުލަޤު ޙުކުމަކަށް ބަދަލުކުރުމުގެ ފަސް ޙާލަތެއް ވެއެވެ. އެއީ:



4.1. ފުރަތަމަ ޙާލަތު


ދެ ނައްޞެއްގައި އެއް ޙުކުމެއް ވާރިދުވެފައި، އެއިން އެއް ނައްޞުގައި ޙުކުމުގެ ސަބަބު މުޠުލަޤުކޮށް އޮވެފައި، އަނެއް ނައްޞުގައި ޙުކުމުގެ ސަބަބު މުޤައްޔަދުކޮށް އޮތުން.

މީގެ މިސާލަކީ، ރަމަޟާންމަހުގެ ފިޠުރު ޒަކާތުގެ މިންވަރު ބަޔާންކުރައްވާފައިވާ ދެ ޙަދީޘްފުޅެކެވެ. އެއް ޙަދީޘްފުޅުގައި ވަނީ، އެ މިންވަރު ވާޖިބުވަނީ (ޒަކާތް ނެރޭ މީހާ ހޭދަކުރާ) މުސްލިމުންނަށް ކަމަށެވެ. އަނެއް ޙަދީޘްފުޅުގައި އެއީ ކޮން ބަޔެއްކަން ބަޔާންކުރައްވާފައެއް ނުވެއެވެ. މި ދެ ޙަދީޘްފުޅުގައިވާ ޙުކުމަކީ އެއް ޙުކުމެކެވެ. އެއީ ފިޠުރު ޒަކާތް ވާޖިބުވުމެވެ. ނަމަވެސް ޙުކުމުގެ ސަބަބު، އެއް ޙަދީޘްފުޅުގައި ވަނީ ޤައިދުކޮށްނެވެ. އަނެއް ޙަދީޘްފުޅުގައި ވަނީ މުޠުލަޤުކޮށްނެވެ.

މި ޙާލަތުގައި މުޠުލަޤު ޙުކުމަށް، މުޤައްޔަދު ޙުކުމް ބަދަލުކުރުމާމެދު ޢިލްމުވެރިންގެ މެދުގައި ވަނީ (ޚިލާފު އުފެދި) ދެ ޤައުލަކަށް (އެބަހީ: ދެ ބަހަކަށް ނުވަތަ ދެ ގޮތަކަށް) ދޭހަތަފާތުވެފައެވެ. (ދަންނައެ: ޤައުލަކީ ބަހެވެ.)

ފުރަތަމަ ޤައުލަކީ، ޙަނަފީ މަޒުހަބުގެ ޤައުލެވެ. މި ޤައުލުގައި ވަނީ، މުޠުލަޤު ޙުކުމަށް، މުޤައްޔަދު ޙުކުމް ބަދަލުނުކުރެވޭނެ ކަމަށާއި، ކޮންމެ ނައްޞެއްގައިވާ ޙުކުމަށް ޢަމަލުކުރަންޖެހޭނީ ވަކިވަކިން ކަމަށެވެ.

ދެވަނަ ޤައުލަކީ، ޙަނަފީ މަޒުހަބު ފިޔަވައި އެހެން މަޒުހަބުތަކުގެ ޤައުލެވެ. އެއީ ޢިލްމުވެރިންގެ ޖުމްހޫރުގެ (އެބަހީ: އަޣުލަބިއްޔަތުގެ) ޤައުލެވެ. މި ޤައުލުގައި ވަނީ، މުޠުލަޤު ޙުކުމަށް، މުޤައްޔަދު ޙުކުމް ބަދަލުކުރެވޭނެ ކަމަށެވެ.

މި ދެ ޤައުލުގެ ތެރެއިން ރާޖިޙު ޤައުލަކީ (އެބަހީ: ޞައްޙަ ޤައުލަކީ) ޖުމްހޫރުގެ ޤައުލެވެ. (غالب، 2018)



4.2. ދެވަނަ ޙާލަތު


ދެ ނައްޞެއްގައި އެއް ޙުކުމެއް އަދި އެއް ސަބަބެއް އޮންނައިރު، އެއިން އެއް ނައްޞުގައި މުޠުލަޤުކޮށް އޮވެފައި، އަނެއް ނައްޞުގައި ޙުކުމާއި ސަބަބު އިތުރަށް ޤައިދުވެފައި އޮތުން.

މީގެ މިސާލަކީ އަލްމާއިދާ ސޫރަތުގެ 6 ވަނަ އާޔަތާއި، އައްނިސާ ސޫރަތުގެ 43 ވަނަ އާޔަތެވެ. މި ދެ އާޔަތުގައި ސަބަބަކީ އެއް ސަބަބެކެވެ. (އެއީ ނަމާދުކުރަން ބޭނުންވުމެވެ.) އަދި ޙުކުމަކީ ވެސް އެއް ޙުކުމެކެވެ. އެއީ، ފޮހުން ވާޖިބުވުމެވެ. ނަމަވެސް ފުރަތަމަ އާޔަތުގައި ފޮހެން ބޭނުންކުރާ އެތި (ކަމުގައިވާ ވެލި) ޠާހިރުކަން ނުވަތަ ނަޖިސްކަން ބަޔާންކުރައްވާފައި ނުވާއިރު، ދެވަނަ އާޔަތުގައި ވަނީ ފޮހެން ބޭނުންކުރާ އެތި ޠާހިރުކަމުގައި ޤައިދުކުރައްވާފައެވެ. މި ޙާލަތުގައި މުޠުލަޤު ޙުކުމަށް، މުޤައްޔަދު ޙުކުމް ބަދަލުކުރުމަށް ޢިލްމުވެރިން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. މުޤައްޔަދު ޙުކުމުގައިވަނީ، ފައިދާހުރި އިތުރަކަށް ވެފައި، އެއީ މުޠުލަޤު ނައްޞު ނަފީކުރާ އެއްޗެއް ކަމުގައި ނުވާ ކަމަށްޓަކައެވެ. ފަހެ، މޫނާއި ދެއަތްތިލަ ފޮހުން ވާޖިބުވެގެންވަނީ ޠާހިރު ވެލިންނެވެ. ނަޖިސް ވެއްޔަކުންނެއް ނޫނެވެ. (غالب، 2018)



4.3. ތިންވަނަ ޙާލަތު


ދެ ނައްޞެއްގެ ތެރެއިން އެއް ނައްޞަކީ މުޠުލަޤު ނައްޞެކެވެ. އަނެއް ނައްޞަކީ މުޤައްޔަދު ނައްޞެކެވެ. އެހެނަސް، އެ ދެ ނައްޞުގެ ސަބަބާއި، ޙުކުމް ޚިލާފެވެ. މި ޙާލަތުގައި މުޠުލަޤު ޙުކުމަށް، މުޤައްޔަދު ޙުކުމް ބަދަލުނުކުރެވޭނެ ކަމަށް ޢިލްމުވެރިން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. އެއީ، އެ ދެ ނައްޞުގެ ދެމެދުގައި ޞިލަތެއް (އެބަހީ: ގުޅުމެއް) ނެތް ކަމަށްޓަކައެވެ. (غالب، 2018)



4.4. ހަތަރުވަނަ ޙާލަތު


މުޠުލަޤު ނައްޞުގެ ޙުކުމުގެ ސަބަބަކީ، މުޤައްޔަދު ނައްޞުގެ ޙުކުމުގެ ސަބަބު ކަމުގައި ވާއިރު، މުޤައްޔިދު ނައްޞުގެ ޙުކުމަކީ، މުޠުލަޤު ނައްޞުގެ ޙުކުމް ކަމުގައި ނުވުން. ގިނަ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވަނީ، މި ޙާލަތުގައި މުޠުލަޤު ޙުކުމަށް، މުޤައްޔަދު ޙުކުމް ބަދަލުނުކުރެވޭނެ ކަމަށާއި، ކޮންމެ ނައްޞެއްގެ ޙުކުމަށް ޢަމަލުކުރަންޖެހޭނީ ވަކިވަކިން ކަމަށެވެ. (غالب، 2018)



4.5. ފަސްވަނަ ޙާލަތު


މުޠުލަޤު ޙުކުމަކާއި މުޤައްޔަދު ޙުކުމެއް އެއްގޮތްވެފައި، އެ ދެ ޙުކުމުގެ ސަބަބާއި އެ ދެ ޙުކުމް ވާޖިބުވުމަށް މެދުވެރިވާ ކަން ތަފާތުވުން. މި ޙާލަތުގައި ޢިލްމުވެރިންގެ ތިން ޤައުލެއް ވެއެވެ.

ފުރަތަމަ ޤައުލަކީ މާލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބާއި ޙަންބަލީ މަޒުހަބުގެ ގިނަ ޢިލްމުވެރިންގެ ޤައުލެވެ. މި ޤައުލުގައި ވަނީ، ޤިޔާސުގެ ދަލީލެއްގެ މައްޗަށް ނުވަތަ އެހެން ދަލީލެއްގެ މައްޗަށް ބިނާކޮށް، މުޠުލަޤު ޙުކުމަށް، މުޤައްޔަދު ޙުކުމް ބަދަލުކުރުން ހުއްދަ ކަމަށެވެ.

ދެވަނަ ޤައުލަކީ، ޝާފިޢީ މަޒުހަބުގެ ބައެއް ޢިލްމުވެރިންނާއި، މާލިކީ މަޒުހަބުގެ ބައެއް ޢިލްމުވެރިންގެ ޤައުލެވެ. މި ޤައުލުގައި ވަނީ، ބަހަވީ ހަމަތަކުގެ މައްޗަށް ބިނާކޮށް، މުޠުލަޤު ޙުކުމަށް، މުޤައްޔަދު ޙުކުމް ބަދަލުކުރުން ހުއްދަ ކަމަށެވެ.

ތިންވަނަ ޤައުލަކީ، ޙަނަފީ މަޒުބަހަބާއި، މާލިކީ މަޒުހަބުގެ ގިނަ ޢިލްމުވެރިންގެ ޤައުލެވެ. މި ޤައުލުގައި ވަނީ، މުޠުލަޤު ޙުކުމަށް، މުޤައްޔަދު ޙުކުމް ބަދަލުނުކުރެވޭނެ ކަމަށެވެ. (غالب، 2018)



5. މުޤައްޔަދާއި މުޠުލަޤުގެ ތަފާތު


މުޠުލަޤަކީ، މުޤައްޔަދުގެ އިދިކޮޅެވެ.
މުޤައްޔަދަކީ، މުޠުލަޤުގެ އިދިކޮޅެވެ.
މުޠުލަޤަކީ، ވަކިގޮތަކަށް ހިފެހެއްޓުމެއްނެތި އޮންނަ އާންމު އެއްޗެވެ.
މުޤައްޔަދަކީ، ވަކި ގޮތަކަށް ހިފެހެއްޓިފައިވާ ވަކި އެއްޗެކެވެ.
މުޠުލަޤުގައި ހިމެނޭނީ، ގިނަ އެއްޗެހިތަކެއްގެ ތެރެއިން އެކައްޗެވެ.
މުޤައްޔަދުގައި ހިމެނޭނީ، ކަނޑައެޅިގެން އެނގޭ ވަކި އެއްޗެކެވެ.
މުޠުލަޤުގެ މިސާލަކީ، ބަކަރިތަކުގެ ތެރެއިން ކަނޑައެޅިގެން ކޮން ބަކަރިއެއްކަން ނޭނގޭ ބަކަރިއެއް ކަތިލުމަށް އެންގުމެވެ.
މުޤައްޔިދުގެ މިސާލަކީ، ކޮން ބަކަރިއެއްކަން އެނގޭނެހެން، ވަކި ކުލައެއްގެ ވަކި އުމުރެއްގެ ވަކި ސިފަތަކެއް ލިބިފައިވާ ބަކަރިއެއް ކަތިލުމަށް އެންގުމެވެ.



6. ޙަވާލާ ލިސްޓު


إسماعيل محمد على عبد الرحمن. (-). المطلق والمقيد وأثرهما في الفقه الإسلامي. القاهرة: http://saaid.net.

المعاني. (20 أبريل, 2018). حمل. تم الاسترداد من المعاني لكل رسم معنى: https://www.almaany.com/ar/dict/ar-ar/حمل

رمضان محمد عيد هتيمي. (-). آراء العلماء في حمل المطلق على المقيد. شاه علم: جامعة المدينة العالمية.

رمضان محمد عيد هتيمي. (-). آراء العلماء في حمل المطلق على المقيد. شاه علم: جامعة المدينة العالمية.

عصم نبيل بدر غالب. (2018). المطلق والمقيد حقيقتهما و أحكامهما. alukah.net: الألوكة.

مركز الدراسات الإباضية. (20 أبريل, 2018). حَمْلُ المُطْلَقِ على المُقَيَّدِ هو الواجِبُ. تم الاسترداد من تادارت: http://www.taddart.org/?p=10334