ރިސާޗްގެ ބާވަތްތަކަށް ނަޒަރެއް


މި ލިޔުމުގައި އަލިއަޅުވައިލާނީ، ތިން ބާވަތެއްގެ ރިސާޗަށެވެ. އެއީ:

1. ކައިފިއްޔަ ރިސާޗް،
2. ކިއްމިއްޔަ ރިސާޗް،
3. މައްސުނި ރިސާޗް، އެވެ.



1. ކައިފިއްޔަ ރިސާޗް (Qualitative research)


ކައިފިއްޔަ ރިސާޗް (Qualitative research) އަކީ، އެކިއެކި ޙާލަތްތަކާއި، ސުލޫކުތަކާއި، ތަޖުރިބާތައް ހޯދައިބެލުމަށްޓަކައި ކުރާ ރިސާޗެކެވެ. މި ބާވަތުގެ ރިސާޗު ހެދުމަށްޓަކައި އެތައް ގޮތްތަކެއް ބޭނުންކުރެވެއެވެ. އޭގެތެރޭގައި، މީހުންނާއި ބައްދަލުކޮށްގެން ވަކިވަކިންނާއި ޖަމާޢީގޮތެއްގައި އެމީހުންގެ ކިބައިން މަޢުލޫމާތު ހޯދުން ހިމެނެއެވެ. މި ބާވަތުގެ ރިސާޗުގައި އަމާޒުކުރެވެނީ، ކަމުގެ ފުންމިނަށް ދިއުމަށެވެ. ނަތީޖާތަކާމެދު އަހައްމިއްޔަތު ދިނުމަކަށެއް ނޫނެވެ.

މި ބާވަތުގެ ރިސާޗު ބަރޯސާވަނީ، ޙަޤީޤަތަކީ އެންމެ ޙަޤީޤަތެއް ނޫންކަމަށާއި އެއީ ބަދަލުވަމުންދާ ތަފާތު އެއްޗެއް ކަމަށާއި، އެ ބިނާވަނީ އަފުރާދުންގެ ފަހުމުގެ މައްޗަށް ބުނާ ފަލްސަފާގެ މައްޗަށެވެ.

މި ބާވަތުގެ ރިސާޗަކީ، އެންމެ އުނދަގޫ ބާވަތުގެ ޢިލްމީ ރިސާޗެވެ. އެއީ، މި ބާވަތުގެ ރިސާޗު ހެދުމަށްޓަކައި ހޭދަކުރަންޖެހޭ ވަގުތުގެ ގިނަކަމާއި، މަޢުލޫމާތު ބަޔާންކޮށްދިނުމުގައި ލިޔަންޖެހޭ ވާހަކަތަކުގެ ގިނަކަމާއި، އެ ގެންނަންޖެހޭ ގޮތުގެ ކަވިކަމަށްޓަކައެވެ. މި ބާވަތުގެ ރިސާޗް ހަދާ މައުޟޫޢުތަކުގެ ތެރޭގައި، ނެޗަރަލް ސައިންސާއި، ނަފުސާނީ ޢިލްމާއި، އިޖުތިމާޢީ ޢިލްމާއި، ހިއުމަން ސައިންސް ހިމެނެއެވެ.

މި ބާވަތުގެ ރިސާޗްގައި މާނަތަކާއި، މަފުހޫމުތަކާއި، ތަޢުރީފުތަކާއި، ޚާއްޞަ ސިފަތަކާއި، ރަމްޒުތަކާއި، އަދި ސިފަކުރުންތަކުގެ މައްޗަށް ބޮޑަށް ބަރޯސާވާނެއެވެ.

މި ބާވަތުގެ ރިސާޗަކީ، އެކިއެކި ޙާލަތްތަކާއި، ސުލޫކުތަކާއި، ތަޖުރިބާތައް ހޯދައިބެލުމަށްޓަކައި ކުރާ ރިސާޗެކެވެ. މި ބާވަތުގެ ރިސާޗު ހެދުމަށްޓަކައި އެތައް ގޮތްތަކެއް ބޭނުންކުރެވެއެވެ. އޭގެތެރޭގައި، މީހުންނާއި ބައްދަލުކޮށްގެން މަޢުލޫމާތު ހޯދުން ވެސް ހިމެނެއެވެ. މި ބާވަތުގެ ރިސާޗުގައި އަމާޒުކުރެވެނީ، ކަމުގެ ފުންމިނަށް ދިއުމަށެވެ. ނަތީޖާތަކާމެދު އަހައްމިއްޔަތެއް ނުދެވެއެވެ.



2. ކިއްމިއްޔަ ރިސާޗު (Quantitative research)


ކިއްމިއްޔަ ރިސާޗު (Quantitative research) އަކީ، ހިސާބުކުރުމާއި، ޢަދަދުން ބަޔާންކުރުމާއި، ތަފާސްހިސާބުތަކާއި، ވިޔަކުރުމުގެ މައްޗަށް ބިނާވެފައިވާ ރިސާޗެވެ. ވީހައިވެސް ގިނަ ބަޔެއްގެ މަޢުލޫމާތު ހޯދުމަށް އޭގައި އިސްކަންދޭނެއެވެ. އެކަމަށްޓަކައި ތަފާތު މަޞްދަރުތައް ބޭނުންކުރާނެއެވެ. މި ބާވަތުގެ ރިސާޗުން ހާމަވާ ނަތީޖާތައް ސާފުވެފައި ސާދާވާނެއެވެ. މި ބާވަތުގެ ރިސާޗްތައް ބޮޑަށް މުނާސިބުވަނީ، އިޤުތިޞާދީ ޢިލްމާއި، މާކެޓްކުރުން ފަދަ ދާއިރާތަކަށެވެ.

މި ބާވަތުގެ ރިސާޗްގައި ސުވާލު ކަރުދާސް ހުށަހަޅައިގެން މަޢުލޫމާތު ހޯދެއެވެ. އޭގެ އަލީގައި ކަމެއް ދިރާސާކޮށްގެން މަޢުލޫމާތު ތަޙުލީލުކުރެވެއެވެ. ޙާޞިލުވާ ނަތީޖާތައް އެހެން ކަންކަމަށް އާންމުކުރެވެއެވެ. ވަކި ސާމްޕަލެއް އިޚުތިޔާރުކުރުމެއްނެތި އެކިއެކި ސާމްޕަލްތައް ނަގައިގެން ދިރާސާކުރެވެއެވެ.

މި ބާވަތުގެ ރިސާޗްގެ ޕްލޭން ކުރިން ކަނޑައަޅާފައިވާތީ، ވަކި ފަރާތަކަށް ޖެހުމުގެ ފުރުޞަތު ނޯވެއެވެ. ރިސާޗް ހަދާ މީހާއަށް ވަކި ތަނެއްގައި ހުރެ އެކަން ކުރެވިދާނެއެވެ. އޭނާ މީހުންނާ ބައްދަލުކުރާނެ ތަނެއް ކަނޑައަޅައި، އެތަނަށް މީހުން ގެންދެވިދާނެއެވެ. ރިސާޗް ހަދާ މީހާ މީހުންނާ ސީދާ ބައްދަލުކުރުމެއްނެތި ސުވާލު ކަރުދާހެއް ފޮނުވައިގެން އެމީހުން ދޭ ޖަވާބު ހޯދެއެވެ.



3. މައްސުނި ރިސާޗު (Mixed research)


މައްސުނި ރިސާޗު (Mixed research) އަކީ، އެއް ބާވަތަށްވުރެ ގިނަ ބާވަތުގެ ރިސާޗް މެތަޑު ބޭނުންކޮށްގެން ރިސާޗުކުރުމެވެ. މި ބާވަތުގެ ރިސާޗްގައި ކައިފިއްޔަ ރިސާޗާއި ކިއްމިއްޔަ ރިސާޗް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ވަކި ބާވަތެއްގެ ރިސާޗް މެތަޑަކަށް އިސްކަންދީ އެއަށް ބުރެވެގެނެއް ނުވާނެއެވެ. އަދި ޢިލްމީ އަމާނާތްތެރިކަމުން އެއްކިބާވެގެން ވެސް ނުވާނެއެވެ.



4. ކައިފިއްޔަ ރިސާޗާއި ކިއްމިއްޔަ ރިސާޗްގެ ބައެއް ތަފާތު


ކައިފިއްޔަ ރިސާޗްގައި:
1. މީހުންނާ ބައްދަލުކުރުން.
2. އިންޓަވިއުކުރުން.
3. ގިނަ ބަޔެއްގެ އަތުން އެއް ތަނެއްގައި ތިބެ މަޢުލޫމާތު ހޯދުން.
ކިއްމިއްޔަ ރިސާޗްގައި:
1. ދުރާލާ ސުވާލު ތައްޔާރުކުރުން.
2. ސުވާލު ކަރުދާސް ހުށަހަޅައިގެން މަޢުލޫމާތު ހޯދުން.

ކައިފިއްޔަ ރިސާޗްގައި:
1. ކަމެއްގެ ގިއުގަނޑުގެ ތެރޭގައި އެކަމެއް ދެނެގަތުން.
2. ނަތީޖާތައް އާންމުނުކުރުން.
ކިއްމިއްޔަ ރިސާޗްގައި:
1. ކަމެއް ދިރާސާކޮށް، މަޢުލޫމާތު ތަޙުލީލުކުރުން.
2. ޙާޞިލުވާ ނަތީޖާތައް އެހެން ކަންކަމަށް އާންމުކުރުން.

ކައިފިއްޔަ ރިސާޗްގައި:
ފުރޭފު (ލިޔުން) ގެ ޒަރީއާއިން، ޝަރަޙަކޮށްދިނުން.
ކިއްމިއްޔަ ރިސާޗްގައި:
ހިސާބުކުރުމާއި، ތަފާސްހިސާބާއި، އިންސައްތަ ފަދަ ވިޔައިން ބަޔާންކޮށްދިނުން.

ކައިފިއްޔަ ރިސާޗްގައި:
ހިމަނަނީ އިޚުތިޔާރުކޮށްފައިވާ ވަކި ސާމްޕަލެއް.
ކިއްމިއްޔަ ރިސާޗްގައި:
ވަކި ސާމްޕަލެއް އިޚުތިޔާރުކުރުމެއްނެތި އެކިއެކި ސާމްޕަލްތައް ނެގުން.

ކައިފިއްޔަ ރިސާޗްގައި:
ވަކިފަރާތަކަށް ޖެހުމުގެ ފުރުޞަތު އޮތުން.
ކިއްމިއްޔަ ރިސާޗްގައި:
ރިސާޗްގެ ޕްލޭން ކުރިން ކަނޑައަޅާފައިވާތީ، ވަކި ފަރާތަކަށް ޖެހުމުގެ ފުރުޞަތު ނެތުން.

ކައިފިއްޔަ ރިސާޗްގައި:
1. ރިސާޗް ހަދާ މީހާ އުޅޭނީ ރިސާޗް ހަދާ މުޖުތަމަޢުގައި.
2. އޭނާ އެ ރިސާޗް ހެދުމަށްޓަކައި މަޢުލޫމާތު ޖަމާކުރާނީ ސީދާ މީހުންނާ ބައްދަލުކޮށްގެން.
3. އެކަމަށްޓަކައި ގިނަ ވަގުތު ހޭދަވޭ.
ކިއްމިއްޔަ ރިސާޗްގައި:
1. ރިސާޗް ހަދާ މީހާއަށް ވަކި ތަނެއްގައި ހުރެ އެކަން ކުރެވިދާނެ.
2. އޭނާ މީހުންނާ ބައްދަލުކުރާނެ ތަނެއް ކަނޑައަޅައި، އެތަނަށް މީހުން ގެންދެވިދާނެ.

ކައިފިއްޔަ ރިސާޗްގައި:
މީހުންނާ ބައްދަލުކުރާނީ ރިސާޗް ހަދާ މީހާ.
ކިއްމިއްޔަ ރިސާޗްގައި:
ރިސާޗް ހަދާ މީހާ މީހުންނާ ބައްދަލުކުރުމެއްނެތި ސުވާލު ކަރުދާހެއް ފޮނުވައިގެން އެމީހުން ދޭ ޖަވާބު ހޯދިދާނެ.



ޙަވާލާ:
ރަޖާއު މަޙްމޫދު އަބޫޢައްލާމް. (2013). މަނާހިޖުލް ބަޙުޘިލް ކިއްމީ ވައްނައުޢީ ވަލްމުޚުތަލަޠި. ޢައްމާން، ދާރުލްމަސީރާ.