ޖައްވުގެ ތަރުކީބު


ދުނިޔޭގެ ވަށައިގެންވާ ޖައްވުގެ އެކުލެވިގެންވަނީ، މައިގަނޑު ފަސް ގޭހަކުންނެވެ. އެއީ، ނައިޓްރޯޖަނާއި، އޮކްސިޖަނާއި، ފެނުގެ އާތްވާއި، އަރގަނާއި، ކާބަން ޑައިއޮކްސައިޑެވެ. މީގެ އިތުރުން ބައެއް އެހެން ގޭސްތައް އެކި މަދު މިންވަރުތަކަކަށް ހިމެނިފައި ވެއެވެ. ތިރީގައި ބަޔާންކޮށްފައިވާ ގޭސްތަކުގެ ތެރޭގައި ފެނުގެ އާވި ހިމަނާފައި ނެތް ނަމަވެސް، ޖައްވުގެ ވައިގައި 5 އިން ސައްތައިގެ މިންވަރަށް ފެނުގެ އާވި އެކުލެވިފައި ވުމަކީ ޖާއިޒު ކަމެކެވެ. އާންމު ގޮތެއްގައި ޖައްވުގައި ފެނުގެ އާވި ހިމެނޭ މިންވަރަކީ، 1 އިންސައްތައާއި 3 އިންސައްތައާ ދެމެދުގެ މިންވަރަކަށެވެ. ޖައްވުގައި 1 އިންސައްތައާއި 5 އިންސައްތައާ ދެމެދުގެ މިންވަރަކަށް ފެނުގެ އާވި ހިމެނޭއިރު، އެއީ ތިންވަނައަށް ޖައްވުގައި އެންމެ ގިނަ ގޭސް ކަމުގައި ބެލެވެއެވެ.

ތިރީގައިވާ ލިސްޓްގައި މިވަނީ، ކަނޑުގެ ސަޠުޙާ ހިސާބުގައި، 15 ޑިގްރީ ސެލްސިއަސްގެ ފިނިހޫނު މިނުގައި އަދި ވައިގެ ޕްރެޝަރ 101325 ޕީއޭ (Pa) ގައި ވާއިރު، ޖައްވުގައި އެކުލެވޭ ގޭސްތަކުގެ މިންވަރެވެ.

1. ނައިޓްރޯޖަން (Nitrogen) (N2): 78.084 އިންސައްތަ.
2. އޮކްސިޖަން (Oxygen) (O2): 20.9476 އިންސައްތަ.
3. އަރގަން (Argon) (Ar): 0.934 އިންސައްތަ.
4. ކަރބަން ޑައިއޮކްސައިޑް (Carbon Dioxide) (CO2): 0.0314 އިންސައްތަ.
5. ނިއޯން (Neon) (Ne): 0.001818 އިންސައްތަ.
6. ހީލިއަމް (Helium) (He): 0.00052 އިންސައްތަ.
7. މީޘާން (Methane) (CH4): 0.00015 އިންސައްތަ.
8. ކްރިޕްޓޯން (Krypton) (Kr): 0.00011 އިންސައްތަ.
9. ހައިޑްރޮޖަން (Hydrogen) (H2): 0.00005 އިންސައްތަ.
10. އޯޒޯން (Ozone) (O3):0.000007 އިންސައްތަ.
11. ޒެނޯން (Xenon) (Xe):0.0000087 އިންސައްތަ.
12. ނައިޓްރޯޖަން ޑައިއޮކްސައިޑް (Nitrogen Dioxide) (NO2): 0.000002 އިންސައްތަ.
13. އަޔޮޑިން (Iodine) (I2):0.000001 އިންސައްތަ.
14. ކަރބަން މޮނޮކްސައިޑް (Carbon Monoxide) (CO): މަދު މިންވަރަކަށް.
15. އެމޯނިޔާ (Ammonia) (NH3): މަދު މިންވަރަކަށް.