ހޯނޑެއްދޫކުއްދާފަޔާންކަންޓާޖެހީއެއްތާ
ސުރުޚީގައި އެވަނީ، އިންސާނުން ދުނިޔެއަށް އައުމުގެ
ކުރިން މިދުނިޔޭގައި އުޅުނު މާސިންގާ ބިޔަ ޖަނަވާރުތަކުގެ
ތެރެއިން ޖަނަވާރެއްގެ ނަމެއް ނޫނެވެ. އެކަމަކު އެއީ،
ކުޑަކުޑަ ސޫތްޕަކަށް ކިޔާ ނަމެކެވެ. އެ ސޫފީގެ ދިގުމިން
އިނގިލި ބަދައަކަށްވުރެ ކުރެވެ. ހަނދާން ކުށްކަމުގައި
ނުވާނަމަ، އަޅުގަނޑަށް ފެނިފައިވާ އެ ބާވަތުގެ އެންމެ ދިގު
ސޫފީގައި ވަނީ، ދޮޅޫ ސެންޓިމީޓަރެވެ. އޭގެ
ފުޅާމިނުގައިވާނީ، ގާތްގަނޑަކަށް ދެ މިލިމީޓަރެވެ.
ބިންމަތީގައި އޭތި ދުވަމުންދާއިރު މިލިމީޓަރަކަށްވުރެ
އުހެއް ނުވާނެއެވެ. މިއީ، މީގެ ސާޅީހަކަށް އަހަރު ކުރީގެ
ހަނދާނުގެ މައްޗަށްވާ ބަރޯސާއެކެވެ. ފަހަރެއްގައިވެސް
އެއިން ސޫތްޕެއްގެ ގައިގައި މިންއަޅައިގެން މިނުމަށްފަހު
ދައްކާ ވާހަކައެއް ނޫނެވެ.
އަޅުގަނޑުމެން ކުޑައިރު،
ރަށްރަށުން ފެންނަ އެ ސޫފީގެ ބުރަކަށިމަތީގައި ހުންނަނީ
ކަޅުކުލައެވެ. އޭގެ ފަހަތުބައި ނިމެނީ ކުޑަކުޑަ ދެ
ކަށްޓަކުންނެވެ. އެ ދެ ކަށްޓާ އެންމެ ވައްތަރީ ދޮންދޫނީގެ
ނިގުލުގައިވާ ދެ ކަށްޓެވެ. ނަމަވެސް އެ ސޫފީގެ ދެ ކަށި،
ދޮންދޫނީގެ ދެ ކަށްޓަށްވުރެ ކުޑަވެފައި ހިމައެވެ. އެ ސޫފި
ދިރިއުޅެނީ، ފަސްގަނޑު މަޑު ތަންތާނގައިވާ ވެލިގަނޑުގެ
ތެރޭގައި ވަޅުލެވިގެންނެވެ. އަޅުގަނޑުމެން ކުޑައިރު،
ގޯތިތެރޭގައި ވެއްޔާކުޅެން ތިބޭއިރު، އެބާވަތުގެ ސޫފި
ވަރަށް މަދުން ފެނެއެވެ. އެއީ ކޮން އެއްޗެއްތޯ އެހުމުން،
އޭރު ޢުމުރުން ދުވަސްވެފައިވާ މީހުން ބުނެއުޅެނީ، އެއީ
"ހޯނޑެއްދޫކުއްދާފަޔާންކަންޓާޖެހީއެއްތާ" ކަމުގައެވެ.
އެއާބެހޭ ސަގާފީ ވާހަކަތައް ވެސް ހުވަދޫ ސަގާފަތުން
އަޑުއިވިފައި ވެއެވެ.
"ހޯނޑެއްދޫކުއްދާފަޔާންކަންޓާޖެހީއެއްތާ" އަކީ، އެ
ސޫތްޕަށް ހުވަދޫބަހުރުވައިން ކިޔާ ނަމެވެ. މި ނަން،
ދިވެހިބަހަށް ފުރޮޅާލައިފިނަމަ ކިޔޭނީ،
"ހޯނޑެއްދޫކުއްޖާފަޔަށްކަށިޖެހިއެތި" މިހެންނެވެ. މިއީ،
ކުޑަކުޑަ ސޫތްޕަކަށް ކިޔާ ނަމެކެވެ. މިނަމުގެ ދިގުމިން އެ
ސޫފީގެ އިސްކޮޅަށްވުރެ މާދިގެވެ! މި ނަމުގައި
އެކުލެވިފައިވަނީ، ހަމައެކަނި ނަންތަކެއް ނޫނެވެ. މިނަމަށް
މެހިފައިވާ ލަފުޒުތަކުގެ ތެރޭގައި، ނަމުގެ އިތުރަށް،
އަކުރަކާއި ކަމެއް ވާކަން ފާހަގަކުރެވެއެވެ. މިނަން
ގިންތިކުރެވޭނީ އެކުވިނަމުގެ ތެރޭގައި ކަމަށް
ގަބޫލުކުރެވެއެވެ. މި ނަމަށް މެހިފައިވާ ލަފުޒުތަކަކީ،
ހޯޑެއްދޫ (ހޯނޑެއްދޫ) + ކުއްދާ (ކުއްޖާ) + ފަޔާ (ފައި) +
އަން (އަށް) + ކަންޓާ (ކަށި) + ޖެހީ (ޖެހި) + އެއްތާ
(އެތި)، މި ހަތް ލަފުޒުންނެވެ. މި އެކުވިނަމުގެ ފުރަތަމަ
ބައިގައި މަދުވެގެން ދެ "ލެކްސީމް" (lexeme) ހިމެނެއެވެ.
އެއީ، "ހޯނޑެއް + ދޫ" އެވެ. "ހޯނޑެއް" ގެ އަޞްލަކީ،
"ހޯޑެކެ" އެވެ. މިއީ، ހުވަދޫބަހުރުވައިގެ "ފޯލެކެ" ނުވަތަ
"ރޯނެކެ" ނުވަތަ "ސޯބެކެ" މިފަދަ ލަފުޒުތަކުގެ ވަޒަނަށް
ކިރޭ ލަފުޒެކެވެ. މި މޭރުމުން ވިސްނުން ހިންގައިފިނަމަ،
ބުނެވޭނީ، "ހޯނޑެއްދޫކުއްދާފަޔާންކަންޓާޖެހީއެއްތާ" އަކީ،
8 ލަފުޒުން އެކުލެވިފައިވާ އެކުވިނަމެއް ކަމުގައެވެ.
ހުސްނޫނުޖެހޭ ލަފުޒުތައް ހުވަދޫބަހުރުވައިގައި ވަރަށް
މަދެވެ. އެހެންކަމުން، "ހޯނޑެއްދޫ" އަކީ، އެ
ބަހުރުވައިގައިވާ ނާދިރު ލަފުޒެއްކަން ވެސް
ފާހަގަކުރަމެވެ. ހުވަދުއަތޮޅުގެ ހުރިހައި ރަށެއްގެ މީހުން
އެ ލަފުޒު ކިޔަނީ އެއް ގޮތަކަށެއް ނޫނެވެ. ބައެއް
ރަށްރަށުގައި ކިޔަނީ ހުސްނޫނު ފާޅުކުރުމެއްނެތިއެވެ.
މިދަންނަވަނީ، މިހާރު އެ މީހުން އެ ލަފުޒު ކިޔާ ގޮތެއް
ނޫނެވެ. އެކަމަކު މީގެ އެތައް އަހަރެއް ކުރިން އެ ލަފުޒު
ކިޔައިއުޅުނު ގޮތެވެ. މިހާރުވެސް އެ ލަފުޒު، ތަފާތު
ރަށްރަށުގައި ތަފާތުކޮށް ކިޔައިއުޅުމަކީ ޖާއިޒު ކަމެކެވެ.
މި ފުރޭފު ލިޔުނީ، ހުވަދޫ ސަގާފަތުން ފެނިފައިވާ
އެއްޗަކާއި، އެއަށް ކިޔާ ނަން ހަނދާނުގެ ޒާކިރާއިން
ފޮހެވިގެންދިޔަ ނުދިނުމަށްޓަކައެވެ. މި ލިޔުމުން އެކަން
ޙާޞިލުވެއްޖެނަމަ މުހުތާދު ފުދުނީއެވެ.