ޢިލްމީ ލިޔުމުގެ ބައެއް މުހިންމު ސިފަތައް
އެކެޑަމިކް ޢިލްމީ ލިޔުންތަކުގެ ތެރެއިން އެންމެ
މުހިންމު އެއް ބާވަތަކީ، ޔުނިވަރސިޓީތަކަށް ހުށަހެޅޭ
ޢިލްމީ ރިސާލަތުތަކެވެ. ޑިސަޓޭޝަނާއި، ދެނަބަސް ފަދަ
އެއްޗިއްސެވެ. އެހެނަސް ޢިލްމީ ދިރާސީ މަޒުމޫނާއި،
(Annotated Bibliography) ފާޑުކިޔުމާއި ތަޞްނީފުކުރުމުގެ
މަޒުމޫނާއި، (Review of Literature) ނަޒަރީ މުރާޖަޢާއާއި،
(Comparative and Historical Studies) މުޤާރަނާކުރުމާއި
ތާރީޚުގެ ދިރާސާއާއި، (Lab Repots) ލެބްގެ ރިޕޯޓާއި،
(Abstracts) ޢިލްމީ ޚުލާޞާއާއި، އެފަދަ އެނޫން އެއްޗެހި
ވެސް ހިމެނެއެވެ.
ޢިލްމީ ދިރާސާގެ ބަސްމަގަކީ،
ޚާއްޞަ ބަސްމަގެކެވެ. އެއަށް ޚާއްޞަ ލަފުޒުތަކާއި،
ތަރުކީބުތަކާއި، ޖުމުލަތަކާއި، ޢިބާރާތްތަކާއި،
މާނަތަކާއި، ސިޔާޤުތައް ވެއެވެ. އެ ގެނެވެނީ، ޢިލްމީ
މައުޟޫޢަށް ބޭނުންވާ ކަވިކަމާއި، ތަންޒީމާއި، ދިރާސާގެ
މަންޠިޤަށް މުހުތާދުވާ ގޮތެއްގެ މަތިންނެވެ. އެކެޑަމިކް
ޢިލްމީ ލިޔުމަކީ، ހަރުދަނާކަމާއެކު ކުރެވޭ މަސައްކަތެކެވެ.
އެއަށް ޚާއްޞަ ކިޔުންތެރިންނާއި، ފާޑުކިޔުންތެރިން ވެއެވެ.
މި މަޒުމޫނުގައި އަލިއަޅުވައިލާނީ، ޢިލްމީ
ލިޔުމެއްގައި ހިމެނެންޖެހޭ މުހިންމު މިންގަނޑުތަކާއި
ސިފަތަކުގެ މައްޗަށެވެ. އެއީ، (Objectivity)
މައުޟޫޢިއްޔަތާއި، (Responsibility) މަސްއޫލިއްޔަތާއި،
(Explicitness) ސާދާވުމާއި، (Precision) ފުރިހަމަވުމާއި،
(Rationality) ބުއްދިގަބޫލުކުރުމާއި، (Formality)
ރަސްމީވުމާއި، (Strength) ބާރުގަދަވުމާއި، (Complexity and
Density) ކުރުކޮށް މޮޅަށް ތަރުކީބުވުމާއި، (Faultlessness)
ބަހަވީ ކުށް ނެތުމާއި، (Hedging) ޚަބަރުދާރުވުމާއި،
(Non-Sarcastic) ސަމާސާނުވުމާއި، (Non-Biased)
ވަކިފަރާތަކަށްނުޖެހުމާއި، (Organization)
އިންތިޒާމުވުމެވެ.
މައުޟޫޢިއްޔަތު (Objectivity)
ތިމާގެ އަމިއްލަ ނަފުސު ގަބޫލުކުރާ ގޮތާއި، ތިމާގެ ހިތް އެދޭ ގޮތް ހާމައެއް ނުކުރާނެއެވެ. ގޮތް ނިންމުމާއި، ރައުޔު، ގަބޫލުކުރުންތައް، ..... ގެންނަނީ މައުޟޫޢުގެ އިމުގެ ތެރޭގައެވެ. ބުރަވާނީ މަޢުލޫމާތަށާއި، ޚަބަރިއްޔަ ޖުމުލައަށާއި، ތަޙުލީލުކުރުމަށާއި، ޝަރަޙަކުރުމަށާއި، ތަރުކީބުކުރުމަށާއި، މައުޟޫޢީ ނަތީޖާއަށެވެ. ކަންކަން ސިފަކޮށް މުނާޤަޝާކުރާނީ، "ކަން އޮތް ގޮތް" ދެނެގަތުމަށްޓަކައެވެ. "ކަން އޮންނަންވީ ގޮތް" ދެނެގަތުމަށް ނުވަތަ ބަޔާންކުރުމަކަށް ނޫނެވެ.
މަސްއޫލިއްޔަތު (Responsibility)
ލިޔުމާމެދު ލިޔުންތެރިޔާ މަސްއޫލުވާންޖެހެއެވެ. އެކަމުގެ ސަބަބުން އޭނާ އަދާކުރަންޖެހޭ ޒިންމާތަކެއް ވެއެވެ. އެއީ، ފުންކޮށް ކިޔައި މަޢުލޫމާތު ހޯދުމާއި، ދިރާސާއާ ގުޅުންހުރި ޢިލްމީ ފަރާތްތަކާއި، ދިރާސާކުރާ ފަރާތްތަކާއެކު މުނާޤަޝާކުރުން ފަދަ ކަންތައްތަކެވެ. އޭނާ ޢިލްމީ އަމާނާތްތެރިކަމާއި، އަޚުލާޤުގައި ހިފަހައްޓަންޖެހެއެވެ. ކިޔުންތެރިންނާއި ނާޤިދުންގެ ފަރާތުން އަންނަ ފާޑުކިޔުންތައް ބަލައިގަންނަންޖެހެއެވެ. ވަގުލުކުރުމުން އެއްކިބާވެ، މަޢުލޫމާތުގެ މަޞްދަރު ކަށަވަރުކޮށްދޭންޖެހެއެވެ. އެ މަޞްދަރުތަކުގެ މުޞަންނިފުންނަކީ ކޮބައިކަން ބަޔާންކޮށްދޭންޖެހެއެވެ.
ސާދާވުން (Explicitness)
އެކެޑަމިކް، ޢިލްމީ ދިރާސާ ލިޔަނީ ޞަރީޙަ ބަހުންނެވެ. ފުރޭފުގެ ސިޔާޤާއި، ފިކުރުގެ އެމުނިއެކުލެވުމާއި، ގުޅުންތައް ސާފުވާންޖެހެއެވެ. އަދި އެއީ ބުއްދީގެ ހަމަތަކުން ބަލާއިރު، މަޤުބޫލު އެއްޗެއް ކަމުގައި ވާންޖެހެއެވެ. ލިޔުންތެރިޔާ އޭނާގެ އަމިއްލަ ނަފުސަށާއި، އޭނާ ލިޔާ ފުރޭފަށާއި، އެ ކިޔާ ކިޔުންތެރިޔާއަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ނުވަތަ އަދާކުރަންޖެހޭ ޙައްޤެއް ވެއެވެ. އެއީ، އޭނާ ލިޔާ ދިރާސާގައިވާ ފިކުރާއި، ޕެރެގްރާފާއި، ސުރުޚީތަކާއި، ބައިތައް، ގުޅިލާމެހިފައިވާނެހެން އެކަން ކުރުމެވެ. އެއީ ބުއްދީގެ ހަމަތަކުން ބަލާއިރު ޤަބޫލުކުރެވޭނެ އެއްޗެއް ކަމުގައި ހެދުމެވެ. އެކަމަށްޓަކައި ބޭނުންކުރެވެންހުރި ލަފުޒުތައް ބޭނުންކުރުމެވެ. މިކަންކަން ކުރަންޖެހެނީ، އެއީ ޢިލްމީ ދާއިރާތަކުގައި މަޤުބޫލު އެއްޗެއް ކަމުގައި ހެދުމަށްޓަކައެވެ.
ފުރިހަމަވުން (Precision)
އެކެޑަމިކް ބަސްމަގު ބޭނުންކުރެވެނީ، ޢިލްމީ ތަރިކައާއި، މަޢުރިފާގެ މައިދާނުގައެވެ. އަދި ތާރީޚާއި، ޢަދަދާއި، ޙަޤީޤަތްތައް ހާމަކުރުމުގައެވެ. އެހެންކަމުން އެއީ، ސާފު ތެދު ފުރިހަމަ ބަސްމަގެއް ކަމުގައި ވާންޖެހެއެވެ. އެއީ ނަޒަރިއްޔާތަކާއި، ޙަޤީޤަތްތަކާއި، ތަފާސްހިސާބުތަކާއި، މަޢުލޫމާތުތަކާއި، ނަކަލުކުރުންތައް ގެނެސްދިނުމަށް އެކަށޭނަ އެއްޗެއް ކަމުގައި ވާންޖެހެއެވެ. އެއިން ލިޔެފައިވަނީ، ކިޔުންތެރިންނަށް ފުރިހަމައަށް އޮޅުންފިލާ ލިޔުންތަކެއް ކަމުގައި ވާންޖެހެއެވެ. ދިރާސާގެ އިން ކަނޑައަޅާއިރު، މުޙައްޤިޤުން މިކަންކަމުގައި ހިފަހައްޓައެވެ. ނޭނގުމެއްގެ ތެރޭގައި ނުވަތަ އޮޅުމެއްގެ ތެރޭގައި ވިޔަސް، އިމުން ބޭރުވެގެން ދެވުނަނުދިނުމަށްޓަކައެވެ.
ބުއްދިގަބޫލުކުރުން (Rationality)
ޢިލްމީ ދިރާސާގެ ބަސްމަގު ބިނާވެފައިވަނީ، ބުއްދީގެ ހަމަތަކުގެ މައްޗަށެވެ. އެއިން ޙުއްޖަތް ޤާއިމުކޮށްދީ، ހެކި ދައްކައި، ޤަބޫލުކުރުވެއެވެ. އޭގެ ދާއިރާގައި، ކަންބޮޑުކުރުމާއި، މުބާލަޣާ ކުރުމެއް ނެތެވެ. ބުއްދީގެ މަގުން އެއްކިބާވުމެއް ވެސް ނެތެވެ. ސާފުކޮށް އޮޅުން ނުފިލާނެހެން ވަންހަނާކުރުމެއް ވެސް ނެތެވެ. ދިރާސާގެ ސިޔާޤުން ބޭރުވެ، މަންހަޖުން ނުވަތަ މެތަޑުން އެއްކިބާވުމެއް ވެސް ނެތެވެ. އެކަންކަމުގައި ބޮޑެތި ނޭދެވޭ އަސަރުތައް އެކުލެވޭތީއެވެ. އޭގެތެރޭގައި ދިރާސާއާއި، މުޙައްޤިޤުގެ އަގުވެއްޓުމާއި، ތޫނުފިލި ކިޔުންތެރިންގެ ފަރާތުން އިދި ފާޑުކިޔުންތައް ކުރިމަތިވުން ހިމެނެއެވެ. އަދި ޢިލްމީ ދާއިރާތަކުގެ ނުޤަބޫލުކަން ކުރިމަތިވުމާއި، އިތުބާރުހުރި ފަރާތްތަކުން ދިރާސާ ޝާއިޢުކުރުމަށް އެއްބަސްނުވުން ފަދަ ކަންކަން ހިމެނެއެވެ.
ރަސްމީވުން (Formality)
ޢިލްމީ ދިރާސާގައި ބޭނުންކުރަންވާނީ ރަސްމީ ބަސްމަގެވެ.
ބަހުރުވައާއި، އާންމު ދިރިއުޅުމުގައި ވާހަކަދައްކާއިރު
ބޭނުންކުރާ އުނި ލަފުޒުތައް އޭގައި ބޭނުމެއް ނުކުރާނެއެވެ.
ޞަރީޙަ ބަހުން "އަހަރެން"، "އަހަރެމެން" ފަދަ ލަފުޒުތަކެއް
ވެސް ބޭނުމެއް ނުކުރާނެއެވެ. ދިރާސާކުރާ މުޙައްޤިޤުގެ
ނަފުސު ބަޔާންކޮށްދޭ "ސީދާ ތިމަންނަ" ކަމަށް ބުނާ
ޢިބާރާތްތަކެއް ވެސް ބޭނުމެއް ނުކުރާނެއެވެ.
އެކަޑެމިކް ޢިލްމީ ލިޔުމުގައި ބޭނުންކުރާ ބަހަވީ
އުސްލޫބުގެ މިސާލަކީ، ރަސްމީ މުނާސަބަތަކަށް ދާއިރު ލާ
ރަސްމީ ހެދުމެއްގެ މިސާލެވެ. އެއަށް ޚާއްޞަ ލަފުޒުތަކާއި،
ޢިބާރާތްތަކާއި، ތަރުކީބުތައް ވެއެވެ. ޤާނޫނީ
ލިޔެކިޔުންތަކުގައި ބޭނުންކުރެވެނީ ރަސްމީ ބަސްމަގެވެ.
އެކެޑަމިކް ޢިލްމީ ލިޔުންތަކަކީ، ޤާނޫނީ ލިޔުންތަކަށްވުރެ
މަޤާމު ދަށް އެއްޗެއް ނޫނެވެ. އަދި އޭގެ ރަސްމީކަން ވެސް
ކުޑައެއް ނޫނެވެ.
އެކެޑަމިކް ޢިލްމީ ލިޔުންތަކުގައި
ބޮޑަށް ބުރަވާނީ މައުޟޫޢުގެ މައްޗަށެވެ. އެ ލިޔާ
މުޙައްޤިޤަށް ނުވަތަ ލިޔުންތެރިޔާއަށް ސީދާ ގޮތެއްގައި
އިޝާރާތްކުރާ ޢިބާރާތްތަކާއި، ކަންކަމެއް އޭގައި ބޭނުމެއް
ނުކުރާނެއެވެ. އޭގެ ސިޔާޤުގައި އޭނާއަށް އިޝާރާތްކުރަން
ޖެހިއްޖެނަމަ، އެކަން ކުރާނީ ނުސީދާ ގޮތެއްގައެވެ.
ނަމަވެސް އޭނާގެ ޤަބޫލުކުރުންތަކާއި، އޭނާ ދެކޭ
ގޮތްތަކާއި، އޭނާގެ އުސްލޫބާއި، އޭނާގެ ބަހަވީ މަންހަޖު
އޭގައި ހިމެނޭނެއެވެ. އޭގައި އޭނާގެ އަސަރު ކުޑައެއް
ނުވާނެއެވެ. އެއީ، އޭނާގެ ޖުހުދާއި ޢަމަލުން ކޮށްފައިވާ
މަސައްކަތެކެވެ.
ބާރުގަދަވުން (Strength)
އެކެޑަމިކް ޢިލްމީ ފުރޭފުގެ ބާރާއި، އޭގެ ފަޞާޙަތްތެރިކަމަކީ، ފުންކޮށް ފިކުރުކޮށްފައިވާކަން އަންގައިދޭ ދަލީލެކެވެ. ބަހަވީ ބާރާއި، ފިކުރުގެ ޞައްޙަކަމާއި، ސަގާފަތުގެ ތަނަވަސްކަމަށާއި ޝާމިލުކަމަށް ވެސް އެއިން ހެކި ލިއްބައިދެއެވެ. އެކަންކަމުގެ ސަބަބުން އޭގެ އިތުބާރު ވަރުގަދަކޮށްދެއެވެ. އިތުބާރުހުރި ފަރާތަކުން، އިތުބާރުކުރާ ފަރާތަކަށް ފޮނުވައިލާ ސިޓީއެއް ފަދައިންނެވެ. ކިޔުންތެރިޔާގެ ގާތުގައި އޭގެ މަޤުބޫލުކަން އިތުރުވެދެއެވެ. އޭނާ އިތުބާރާއެކު އެ ބަލައިގަނެއެވެ. އެއާމެދު ގޮތް ނިންމައެވެ. އެއާމެދު ވާހަކަދައްކައެވެ. ހަމަ އެހެންމެ އެއާމެދު ދެބަސްވާންޖެހޭ ކަންކަމުގައި އެކަން ވެސް ކުރެއެވެ. ފޭރާންދެރަ ބަލިކަށި ލިޔުންތަކާމެދު ކިޔުންތެރިޔާ އެގޮތަކަށް ޢަމަލެއް ނުކުރެއެވެ. އޭނާ އެ އިހުމާލުކޮށްލައެވެ.
ކުރުކޮށް މޮޅަށް ތަރުކީބުވުން (Complexity and Density)
އެކެޑަމިކް ޢިލްމީ ބަސްމަގުގެ ޢިބާރާތްތައް ކުރުވެފައި، މޮޅުވާނެއެވެ. އޭގައިވާ މަޢުލޫމާތު ގިނަވާނެއެވެ. އޭގެ ދޭހަ ފަސޭހަނުވެދާނެއެވެ. އޭގައި، ޚާއްޞަ މާނަ އެކުލެވޭ ލަފުޒާއި އިޞްޠިލާޙާއި މަފުހޫމާއި ތަރުކީބާއި ޢިބާރާތާއި ޖުމުލަ ހިމެނޭނެއެވެ. ޚާއްޞަ ފުރޭފާއި، ގިނަ އަދި ދޭހަ ދަތި ނަޒަރިއްޔާ އެކުލެވޭނެއެވެ. އެ ދޭހަވެ ފަހުމުވާނީ ޢިލްމީ ގޮތުން އެއާ އަރަފޯދިގެންވާ ބަޔަކަށެވެ.
ބަހަވީ ކުށް ނެތުން (Faultlessness)
އެކެޑަމިކް ޢިލްމީ ބަސްމަގަކީ ހަރުދަނާ ބަސްމަގެކެވެ. އެ ލިޔާ ލިޔުންތެރިޔާ ބަހަވީ ކުށެއް ވޭތޯ ބަލައި ކުށް އިޞްލާޙުކުރެއެވެ. އޭނާ ލަފުޒު އިޚުތިޔާރުކުރާނީ، ދިރާސާގެ ކޮންޓެކްސްޓް ނުވަތަ ސިޔާޤުގައެވެ. އޭނާ ބަހުގެ ގަވާއިދާ ތަބާވާންޖެހެއެވެ. އެހެންކަމުން، ލިޔުން އިޞްލާޙުކުރުމާއި، ލަފުޒު އިޚުތިޔާރުކުރުމުގައި ވަގުތު ހޭދަކުރަންޖެހެއެވެ. އިމްލާކުށުން ސަލާމަތްވާންޖެހެއެވެ. އުސްލޫބު ހިފެހެއްޓުމާއި، ޢިބާރާތްކުރުމުގައި ފަރުވާތެރިވާންޖެހެއެވެ. ސުރުޚީތަކާއި، ބާބުތައް ކަނޑައެޅުމާއި، ނަންބަރުޖެހުމާއި، ތަސްނީފުކުރުމާއި، ޕެރެގްރާފް ބިނާކުރުމާއި، ޙަވާލާދިނުމާއި، ޗާޕުކުރުމާއި، މިފަދަ ހުރިހައި ކަންކަމެއް މުޅި ދިރާސާގެ ބައިތަކުގެ މެދުގައި އެމުނިއެކުލެވެންޖެހެއެވެ.
ޚަބަރުދާރުވުން (Hedging)
އެކެޑަމިކް ޢިލްމީ ބަސްމަގުގައި ޚަބަރުދާރުވާންޖެހޭ ކަންތައްތަކެއް ވެއެވެ. އަސާސެއް ނެތި، ކަނޑައެޅިގެން ވަކި ގޮތެއް ކަނޑައަޅައި، އެގޮތް ކަށަވަރުކޮށްދޭ ޢިބާރާތްތަކާއި، ސާބިތުނޫން ދަޢުވާތައް ހިމަނައިގެން ނުވާނެއެވެ. އެފަދަ ކަންތައްތައް ސާބިތުކުރެވެން ނެތްނަމަ، އެކަންކަމުގެ ތެރެއަށް ވަދެގަނެގެން ނުވާނެއެވެ. އެކަމަކު ތަޙުލީލުކޮށް ބެލުމަށްފަހު، މުޙައްޤިޤަށް ފެންނަ އެއްޗެއްކަން ދޭހަވާނެހެން ބުނެލެވިދާނެއެވެ. މުޙައްޤިޤުގެ ރައުޔު ލިޔާނީ، އެކަށޭނަ ޢިބާރާތުން، މުނާސިބު ލަފުޒުތަކުން މައުޟޫޢީ ގޮތެއްގައެވެ. އޭގައި އޭނާ ޒާތީވެ، ވަކިއަތަކަށް ބުރަވެ، މަވެތިގޮތް އިސްކޮށްގެން ނުވާނެއެވެ.
ސަމާސާނުވުން (Non-Sarcastic)
އެކެޑަމިކް ޢިލްމީ ބަސްމަގުގައި އަނެކުންނަށް ޖޯކުޖެހުމާއި، އަނެކުންގެ އަގުވައްޓައިލުމެއް ނެތެވެ. ފުރައްސާރަކުރުމާއި، ބަދުބަސް ބުނުމާއި، ބޭއިޙުތިރާމުކުރުމެއް ވެސް ނެތެވެ. ފާޑުކިޔައި، ނަޤުދުކުރަންވާނީ، ހަރުދަނާ ގޮތެއްގައި ރީތިބަހުން، ރިވެތި އުސްލޫބުންނެވެ.
ވަކިފަރާތަކަށް ނުޖެހުން (Non-Biased)
އެކެޑަމިކް ޢިލްމީ ލިޔުމުގައި ހިމަނައިގެންނުވާނެ ނުޤަބޫލު ކަންތައްތަކެއް ވެއެވެ. އޭގެތެރޭގައި، ސަލާމަތް ބުއްދި ޤަބޫލުކުރާ އަސާސެއް ނެތި، ވަކި ފަރާތަކަށް ޖެހުން ނުވަތަ ތިމާގެ ހިތްއެދޭ ގޮތުގެ މައްޗަށް ބުރަވެ، ޖަޒުބާތީ ގޮތް އިސްކުރުން ހިމެނެއެވެ. މަވެތިކަން އިސްކޮށް، ތިމާމެންގެ އަގުތަކާއި، ތިމާމެންގެ ޙަޟާރަތު ކުރިއަށް ނެރެން މަސައްކަތްކުރުމަކީ ވެސް ނުހަނު ނުޤަބޫލު ކަމެކެވެ. ވަކި ބަޔެއްގެ އަގުތައް ނުވަތަ ވަކި ޙަޟާރަތެއްގެ މަލަތައް ޞައްޙަކުރަންވާނީ، ހެއްކާއި ޙުއްޖަތާއެކުގައެވެ.
އިންތިޒާމުވުން (Organization)
އެކެޑަމިކް ޢިލްމީ ލިޔުމުގެ ފިކުރުތައް ތަރުތީބުކޮށް ގެނެސްދޭނީ ގެތިފައިވާ ސިލްސިލާއެއްގެ ސިފައިގައެވެ. އޭގައި ފެށުމެއް ނުވަތަ މުޤައްދިމާއެއް ވާނެއެވެ. އޭގައި ދިސާގެ ޖައުހަރު ހިމަނާލާފައިވާ ބަޔެއް ވާނެއެވެ. އަދި އޭގައި ނިމުމެއް ވެސް ވާނެއެވެ. އޭގައި މައި ސުރުޚީތަކާއި، އަރިމަތީ ސުރުޚީތައް ވާނެއެވެ. އޭގައި ޙަވާލާދިނުމުގެ އިޝާރާތްތަކާއި، ޢަލާމާތްތަކާއި، ނަންބަރުތައް ވާނެއެވެ. މަޢުލޫމާތު ކަށަވަރުކޮށްދޭ ތިރީނޯޓާއި، ޙަވާލާ ލިސްޓާއި، ބިބްލިއޮގްރަފީ ފަދަ ޢިލްމީ ލިޔުމެއްގައި ހިމެނޭ ބައިތައް ވާނެއެވެ.
<><><>
މަތީގައި ބަޔާންވެދިޔައީ، އެކެޑަމިކް ޢިލްމީ ލިޔުމުގައި ހިމެނޭ ބައެއް މުހިންމު ސިފަތަކެވެ. މި މަޒުމޫނުގެ މަޞްދަރަކީ (الكتابة الأكاديمية: خصائصها ومتطلباتها اللغوية) އެވެ، ކިޔާ ދިރާސާއެއްގެ ހަތަރުވަނަ ބަޔެވެ. އެބައިގެ މައިގަނޑު ނަމަކީ (الكتابة الأكاديمية وخصائصها) އެވެ. ދިރާސާގެ މުޞަންނިފަކީ، ޑރ. ސަޢުދު ބްނު ޢަލީ (د. سعد بن على الشهراني) އެވެ.