ތަރާވީޙު ނަމާދާއި ތަހައްޖުދު ނަމާދު
ސުވާލު
ތަރާވީޙު ނަމާދުގެ ޙުކުމަކީ ކޮބައިތޯއެވެ؟ ތަރާވީޙު
ނަމާދު ކުރަންޖެހެނީ، ޢިޝާ ނަމާދާ ވިދިގެންތޯއެވެ؟ ނުވަތަ
ބަޔަކު ބޭނުންވެއްޖެނަމަ، ޢިޝާ ނަމާދުކޮށްގެން އެމީހަކު
ދާނެ ތަނަކަށް ދިއުމަށްފަހު އެނބުރި އައިސް ތަރާވީޙު
ނަމާދު ކުރެވިދާނެތޯއެވެ؟ އެގޮތަށް ކަންކުރުމަކީ
ހުއްދަނޫން ކަމެއްތޯއެވެ؟
ތަހައްޖުދު ނަމާދުގެ ޙުކުމަކީ
ކޮބައިތޯއެވެ؟ އަދި އެ ނަމާދުގެ ވަގުތަކީ ކޮބައިތޯއެވެ؟
ޖަވާބު
ތަރާވީޙު ނަމާދަކީ، ގަދަވެގެންވާ ސުންނަތެކެވެ.
ތަރާވީޙު ނަމާދު ކުރަންޖެހެނީ، ޢިޝާ ނަމާދާ ވިދިގެންނެވެ.
މުސްލިމުން އެ ނަމާދު ކުރަމުން ގެންދިޔައީ، ޢިޝާ
ނަމާދުކުރުމަށްފަހުގައެވެ. ސުވާލުގައި ބަޔާންކޮށްފައިވާ
ފަދައިން، ޢިޝާ ނަމާދުކޮށްގެން އެމީހަކު ދާނެ ތަނަކަށް
ދިއުމަށްފަހު އެނބުރި އައިސް ތަރާވީޙު ނަމާދު ފަހުން
ކުރުމަކީ ޢަމަލުކުރެވުނު ގޮތެއް ނޫނެވެ. ފިޤުހު
ޢިލްމުވެރިން ވިދާޅުވެފައިވަނީ، ތަރާވީޙު ނަމާދަކީ ޢިޝާ
ނަމާދަށްފަހު، އެ ނަމާދާ ވިދިގެން ކުރާ ނަމާދެއް ކަމަށެވެ.
ބަޔަކު އެ ނަމާދު ކުރުން ފަސްކޮށްފިނަމަ، އެއީ ޙަރާމް
ކަމެއް ކަމުގައި ބުނާކަށެއް ނެތީމުއެވެ. އެހެނަސް އެއީ،
މުސްލިމުން ޢަމަލުކުރަމުން ގެންދިޔަ ގޮތާ ޚިލާފު ގޮތެކެވެ.
ޢިޝާ ނަމާދު ކުރުމަށްފަހު، ރޭގަނޑުގެ ކުރީކޮޅުގައި އެ
ނަމާދު ކުރުމަކީ މުސްލިމުން ޢަމަލުކުރަމުން ގެންދިޔަ
ގޮތެވެ.
ތަހައްޖުދު ނަމާދަކީ ވެސް ސުންނަތެކެވެ.
އެއީ މޮޅުއިތުރުކަން ބޮޑުވެގެންވާ ނަމާދެކެވެ. އެ ނަމާދަކީ
ރޭ އަޅުކަންކުރުމެވެ. "ޤިޔާމުއް ލައިލި" (قيام الليل)
އެވެ، ކިޔަނީ އެ ނަމާދަށެވެ. އެއީ، ރޭގަނޑު ނިދިން
ހޭލުމަށްފަހު ކުރާ ނަމާދެކެވެ. އެ ނަމާދު ކުރަނީ،
ރޭގަނޑުގެ ތިންބައިގެ ތެރެއިން ފަހު ބައިގައެވެ. ނުވަތަ
މެންދަމުގައެވެ. އެ ވަގުތުގައި އެ ނަމާދު ކުރުން
މޮޅުއިތުރުވެފައި، ގިނަގުނަ ޘަވާބު ލިބުން ވެއެވެ.
މީހަކު، އިމާމުމީހާއާ އެކުގައި ތަރާވީޙު ނަމާދާއި ވިތުރި
ކޮށްގެން ނިދާފައި ހޭލުމަށްފަހު، ތަހައްޖުދު ނަމާދު
ކުރާނަމަ، ވިތުރި އިޢާދަކުރުމެއް ނެތެވެ. އިމާމު މީހާއާ
އެކު ކުރި ވިތުރި ޞައްޙަވާނެއެވެ.
ވިތުރި ކުރުން،
ތަހައްޖުދު ނަމާދުގެ ފަހަށް ފަސްކުރިޔަސް މައްސަލައެއް
ނެތެވެ. ނަމަވެސް އޭރުން އިމާމުމީހާއާ އެކުގައި އެ
ނަމާދުކުރުން ވާނީ ފާއިތުވެފައެވެ. މޮޅުއިތުރުކަން ބޮޑީ،
އިމާމުމީހާއާ އެކުގައި ވިތުރި ކުރުމެވެ. އިމާމުމީހާއާ
އެކުގައި ތަރާވީޙު ނަމާދު ނުކުރާ މީހާ، ރޭގަނޑުގައި އެންމެ
ފަހުން ކުރާ ނަމާދަކީ، ވިތުރި ކަމުގައި ހެދުމަށް ކީރިތި
ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ
އަންގަވާފައެވެ.
މަޞްދަރު
مجموع فتاوى فضيلة الشيخ صالح بن فوزان، ޖުޒުއު: 2، ޞަފުޙާ: 434-435