ޙައްޖު


ޙައްޖަކަށް މަބްރޫރު އެދިގެން، ޖަންނަތަށް އުންމީދުކުރަނީ،
ފައްޖުފައްޖުން ފައުޖުފައުޖަށް، ގޮސް އެތާ އަޅުކަންމެ ކުރަނީ.

ހަމަ ގެއިން ނިޔަތާ އެކީގައި، ނިކުތުމާއެކު ޙައްޖުވެރިޔާ،
ކަމަށެ އެއޮތީ އަންގަވާފައި، ވާ މަނާސިކު ގައިމު ފަށަނީ.

ބަނދެލުމުން މީޤާތުގައި ހުރެ، އާދެ، އިޙްރާމް ހިތުނިޔަތްގަނެ،
ތެދެކެ މަތިވެރި ދަތުރުގައިތާ، ތެދުވެ އެކަމުން ޙައްޖު ފަށަނީ.

ފޯރިޔާ ޙަޔަވިއްޔަތާއެކު، ތަލްބިޔާ ކިޔަމުން އެދާއިރު،
ކާރިއަށް މައްކާގެ ދެވުމުން، ހެޔޮ ދުޢާ ތަކުރާރުކުރަނީ.

ވަންހައަށް ނަސަބަށް މޮޅެއް ނެތި، މާތްވި އަލްބަލަދުލް އަމީނަށް،
ކަންކޮޅުން ދުނިޔޭގެ އެކިއެކި، ދާ އެ ޙައްޖާޖުން ވަދެލަނީ.

ދެން ވަށައި ގެފުޅުގެ ހިނގައިގެން، ހަތްފަހަރު ކޮށްލާ ޠަވާފުން،
ކޮންމެ ފަހަރެއް ޙަޖަރު އަސްވަދު، ވާ ހިސާބުންތާއެ ފަށަނީ.

ލާޒިމެއް ނޫނޭ ޙަޖަރުގައި، ޙައްޖުވެރިޔާ ބޮސްދިނުމަކީ،
ލާހިކެއް ނޫނޭ އެކަންވުން، އާންމުކޮށް އެންމެންމެ ބުނަނީ.

ދެން މަޤާމްފުޅު ފަހަތުގައި ހުރެ، ޙައްޖުވެރިޔާ ދެ ރަކުޢަތްކޮށް،
ފުންހިތުން ތަޤުވާގެ ރަހަ ލިބި، ހެޔޮ އަސަރު ނަފުސުގަ ވިނަވަނީ.

އޭގެ ފަހުގައި ސަޢުޔުކުރުމޭ، ދެމެދުގައި މަރްވާ ޞަފާ އާ،
އޭގެ ދެމެދުގަ ހަތް ފަހަރުތާ، ފިޤުހުގައި އިޖުމާޢުވެވެނީ.

ޙައްޖު މަހު އަށްވަނަ ދުވަހުގައި، ކޮށް ޤުދޫމުގެ ހެޔޮ ޠަވާފާ،
ޙައްޖުވާން އެދިގެން މިނާއަށް، ދާން ދަތުރު ޙައްޖާޖު ފަށަނީ.

އަންނަ ނުވަވަނަ ދުވަހު ދާނީ، ޙައްޖުވާން ޢަރަފާތު ބިމުގައި،
ދެން އެދުހު ދެ ނަމާދު ޖަމްޢަށް، މެންދުރާ ޢަޞްރާއެ ކުރަނީ.

އާދެ، މުޒުދަލިފާގެ ބިމުގައި، ތިބެ އެ ރޭ ރޭކޮށްލުމަށް ގޮސް،
ޖަމްޢުކޮށް ދެ ނަމާދު ކޮށްގެން، ޠާޢަތާއެކު ޒިކުރުކުރަނީ.

ދިހައަކަށް ވާ ދުވަހުގައި ވޭ، ހިލައުކުން ޖަމްރާތަކަށް ގޮސް،
ނަހަމައޭ އިބްލީހު ބުންޏަސް، ނުމެއުކައި ޙައްޖާޖު ނުދަނީ.

ކަތިލުމާ އަޟުޙާގެ ޤުރުބާން، ބޯކޮށުން، ބޭލުން އަދާކޮށް،
ދަތިނުވާނޭހެން ދަތުރުކޮށް، ދެން މިނާއަށް އެނބުރި އެދަނީ.

ހިލައުކުން ޖަމްރާތަކަށް ގޮސް، ރަޖަމު އިބްލީސް ކޮށްލެވޭއިރު،
މިލަކޮޅެއް ފާފައިން ނުވާނަމަ، ޝައުޤު ހިތުގައި އެކަމަށަ ވަނީ.

ދެން އެއަށްފަހު ވާ މަނާސިކު، އަލްވަދާޢުގެ ފަހު ޠަވާފާ،
ފެންފޮދެއް ބޮއިގެންނެ ޒަމްޒަމް، ޠާޢަތާއެކު ފުރިހަމަވަނީ.

ޙައްޖަކަށް މަބްރޫރު އެދިގެން، ޖަންނަތަށް އުންމީދުކޮށްގެން،
ޙައްޖުގައިވާ ސުންނަތާއެކު، އެންމެހައި އަޅުކަންމެ ފަވަނީ.