އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

ބަޙުރު އީމަޖައްލާގެ 10 ވަނަ ޢަދަދު ވުޖޫދަށް މިއަންނަނީ، އާ ބާބަކާއިގެންނެވެ. އެއީ ނަބަވީ ބިނާވެށްޓަށް އަލިއަޅުވައިލެވޭ ބާބެކެވެ. އާދޭހެވެ. އެ ބާބު، މި ޢަދަދުގެ މަޒުމޫނުގެ ބައިގައި އެވަނީއެވެ. އެ ބައިގައި، ނަބީބޭކަލުންގެ ތެރެއިން ހަބޭކަލެއްގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލެވިފައިވާނެއެވެ. އެއީ، ސަލާމްލެއްވި އާދަމުގެފާނާއި، ސަލާމްލެއްވި އިދުރީސުގެފާނާއި، ސަލާމްލެއްވި ނޫޙުގެފާނާއި، ސަލާމްލެއްވި ހޫދުގެފާނާއި، ސަލާމްލެއްވި ޞާލިޙުގެފާނާއި، ސަލާމްލެއްވި ލޫޠުގެފާނެވެ. އެ ބޭކަލުންގެ އިތުރުން، ޙައްވާގެފާނު ޚަލްޤުކުރެއްވުމުގެ މައްޗަށް ވެސް އަލިއަޅުވާލާފައި ވާނެއެވެ. އަދި، ސަލާމްލެއްވި އާދަމުގެފާނު ބިނާކުރެއްވި އެންމެ މުހިންމު ދެ ބިނާގެ މައްޗަށް ވެސް އަލިއަޅުވާލެވިފައި ވާނެއެވެ. އެ ދެ ބިނާއަކީ، ކަޢުބަތުﷲ ގެފުޅާއި، މަސްޖިދުލްއަޤުޞާއެވެ.

އެހެނިހެން ޢަދަދުތަކެކޭ ވެސް އެއްފަދައިން، މި ޢަދަދުގައި ވެސް، ވާހަކަ އާއި، ޅެމާއި، ފޫހިފިއްލި ހިމަނާފައި ވާނެއެވެ. ވާހަކައިގެ ބައިގައި، ޢިބްރަތްތެރި ތިން ވާހަކައެއް ވާނެއެވެ. ޅެމުގެ ބައިގައި، ޙާފިޡުއްޝީރާޒީގެ ދެ ޣަލެއްގެ ތަރުޖަމާ އާއި، "ޙައްޖު" ގެ މައުޟޫޢުގައި ހެދިފައިވާ ޅެމެއް ވާނެއެވެ. ފޫހިފިއްލީގެ ބައިގައި ހިމަނާފައިވާނީ، އާދަކާދައިގެ މަތިން ފަސް ފޫހިފިއްލިއެވެ.

މަޒުމޫނުގެ ބައިގައި ގެނެސްދެވިފައިވާ މައުޟޫޢުތަކަކީ، ފަހުން އިޞްލާޙުކުރެވޭނެ އެއްޗެއްކަން ހަނދުމަފުޅުކޮށްއަރުވަމެވެ. އޭގެ ބާވަތުގެ ގޮތުން، ފަހުން އެ މުރާޖަޢާކޮށް، މަޢުލޫމާތު އިތުރުކުރުމުގެ ވިސްނުމެއް އެބައޮތެވެ. އެއީ ފެށުމެއް ކަމަށް ވެފައި، އޭގެ ބޮޑުބައި ކުރިއަށް އޮތުމާއެކުގައެވެ. ޚިޔާލުކުރެވިފައިވަނީ، އެބައި މުޅިން ނިމުމުން، ވަކި ފޮތެއްގެ ސިފައިގައި ނެރުމަށެވެ.

މި ޢަދަދުގައި ވެސް، ޢިއްޒަތްތެރި ކިއުންތެރިންގެ އަރިއަހަށް މުހިންމު މަޢުލޫމާތުކޮޅެއް ގެނެސްދެވުނު ކަމަށް އުންމީދުކުރަމެވެ. އަޅުގަނޑުގެ ދުޢާއަކީ، އެއީ ވެސް، ލާބަ އާއި، މަންފާ ހުރި އެއްޗެއް ކަމުގައި، މާތް ﷲ ލެއްވުމެވެ. އެކަލާނގެ މި ދުޢާ އިޖާބަކުރައްވާށިއެވެ! އާމީން!