ޙާފިޡުގެ 1 ވަނަ ޣަޒަލު



1.
ޝަރާބުގެ އާރަކުން ސާޤީ މަށަށް ކޫޒެއް އަޅައި ދެއްޗޭ!
އެއަށްވާ ޝައުޤަކުން ވަޖިދުވެ މަވީތީ ލަސްނުކޮށް ދެއްޗޭ!

2.
އިހަށް ކައިރީގަވީ ޢިޝްޤީގެ މަންޒިލު މާދުރަށް ދިއުމުން،
ހިތަށް މިލިބުނު ތަދަށް ފަރުވާ، ތަފާތެއްނެތި މަށަށް ދެއްޗޭ!

3.
ޖެހޭ ހެނދުނުގެ ނަޔާ ވައިރޯޅިޔާ އެކުގައި ޚަބަރު އައުމަށް،
އަދައި އުންމީދުތައް ކުރި ބީވުމުން ފިޔަވަޅު އެޅޭ ކައްޗޭ!

4.
"މަޖޫސީ ޝޭޚު" ދަނެޔޭ ތެދުމަގާ ދުނިޔޭގެ ހަމަ ލަމަތައް،
ހަޖޫ ނުކިޔާ، ބުނެފިނަމަ، "ޖާމަކުން" ތަޤުޥާ ފަވާލައްޗޭ!

5.
އުދާހުގެ ފުން ކަނޑެއްގެ ތެރޭ، ނަގާ ހޮޅި ރާޅުތަކުގެ ތެރޭ،
މިދާހާ ރޭތަކެއް ދާއިރު، ޢިތާބުގެ ހިލަ ނުއެއްލައްޗޭ!
6.
އަމާން ބައްރުގެ މަތީ ދާއިރު، އަޅާ ދުރުމިން ނުފެންނަންޏާ،
ޔަޤީން ކޮށްލަން އައިސް ކައިރިން މަގޭ ޙާލަތު ބަލައިލައްޗޭ!

7.
ހަވާނަފުސާ ތަބާވެވުމުން، މަގޭ ބަދުނާމުވީ ޝުހުރަތު،
ނިވާކޮށްލަން ހިތައި އުޅުނަސް، މަޙާފިލުގައި މިކަން ދައްޗޭ!

8.
އެދޭ ނަމަ ލޯބި ދަމަހައްޓާން، ޚިޔާލަށް ލޯބިވާ އައުމުން،
ދުރަށްލައި ޙާފިޡޭ މިދުނިޔެ މުޅިން އިހުމާލުކޮށްލައްޗޭ!!!